ކ. މާލެ
|
18 މާރޗް 2021 | ބުރާސްފަތި 19:27
އެންވަޔަރަންމަންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން
އެންވަޔަރަންމަންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން
މަޖިލިސް
ނެޓް ޒީރޯއާއި ހަމައަށް ވާސިލްވުން
"ނެޓް ޒީރޯ" ޓާގެޓަށް ދިއުމަށް ސަރުކާރުން ކުރަންޖެހޭ ކަންކަމުގެ ޕްލޭނެއް ދަނީ ހަދަމުން - އެންވަޔަރަންމެންޓް މިނިސްޓަރ
 
ކްލައިމެޓް ޗޭންޖްގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ އަދި އެންމެ ބޮޑަށް ގެއްލުން ލިބޭ އެއް ގައުމު ރާއްޖެ ވާނެ ކަމަށް ވިދާޅުވި
 
މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖެ އޮތީ ކްލައިމެޓް އިމަރޖެންސީ ހާލަތުގައި ކަމަށް

2030 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖޭގެ ކާބަން އެމިޝަންސް، ނެޓް ޒީރޯއަށް ހެދުމަށް ދިވެހިރާއްޖެއިން އަމާޒު ހިފާފައިވާތީ އެ ޓާގެޓަށް ދިއުމަށް ސަރުކާރުން ކުރަންޖެހޭ ކަންކަމުގެ ޕްލޭނެއް ހަދަމުން ދާކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ހުށައަޅުއްވާފައިވާ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ބިލާއި ގުޅިގެން ރައްޔިތުންގެ ހިޔާލު ހޯދުމަށް ބޭއްވި ފޯރަމްގައި ވާހަކަދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖެ އޮތީ ކްލައިމެޓް އިމަރޖެންސީ ހާލަތުގައި ކަމަށެވެ.

އަދި ދިވެހިރާއްޖެ ވާނީ ދުނިޔޭގެ ކްލައިމެޓް ޗޭންޖްގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ އަދި އެންމެ ބޮޑަށް ގެއްލުން ލިބޭ އެއް ގައުމު ކަމަށް ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެ ނަޒަރިއްޔާތުން ބަލާއިރު މިގައުމަކީ ހަމަ އެންމެ ބޮޑު އެއް 'ވިކްޓިމް' ކަމަށެވެ. މީގެ އިތުރުން މި ކަންކަން ރަނގަޅު ކުރުމަށްޓަކައި ދުނިޔޭގެ ސަމާލުކަން މި މައްސަލައަށް ބޭނުންވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބެމުންދާ ގެއްލުމުގެ ބަދަލާއި މިހާރުގެ ހާލަތުން އަރައިގަނެ، ހާލަތު ރަނގަޅު ކުރުމަށްޓަކައި އެހީތެރިކަން ލިބެންޖެހޭ ކަމަށާއި އެ އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ތަރައްގީއަށް ހުރަސްނޭޅި، ދުނިޔޭގެ ވެށި ހަލާކުނުކޮށް، ކުރިއަށް ދެވޭނެ ގޮތްތައް ހޯދަން ޖެހިފައިވާ ކަމަށެއެވެ. އަދި މި ބިލުގެ ތެރެއިން ތަރައްގީއަށް ހުރަސްއެޅުމަކާއި ނުލައި، މީހުންގެ ވަޒީފާ އަދި މަސައްކަތަށް ހުރަސްނޭޅި، މި ނާޒުކު ތިމާވެށި ހިމާޔަތްކުރެވި އޭގެ ހެޔޮ ނަތީޖާ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނެ ގޮތް ވެގެން ދިއުމަކީ އެންމެ އެދޭ ގޮތް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން މި މައްސަލަ އިމަރޖެންސީ މައްސަލައެއް ގޮތަށް ނިންމުމަށްފަހު ވީހާވެސް އަވަހަކަށް ގާނޫނަކަށްވެ، އެއަށް އަމަލު ކުރެވެން ފެށުން އެންމެ އެދެވޭކަން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ނެޓްޒީރޯއަށް ދިއުމަކީ އެންމެ މުހިއްމު އެއް ވައުދު ކަމަށާއި އެކުލަވާލާފައިވާ ޕްލޭން ލަސްނުވެ ކަމާބެހޭ ފަރާތްތަކަށް ހުށައަޅައިގެން ލިބޭ ކޮމެންޓްތަކަށް ފަހު އާންމު ކުރާނެ ކަމަށެވެ.

ކޮމެންޓް