ކްލަބް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތުގެ ފައިނަލަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ކްލަބް އެމްއާރުޑީސީ ފައިނަލަށް ދަތުރުކޮށްފިއެވެ.
އެމްޕީއެލް އިން ފައިނަލަށް ދަތުރުކުރީ ބުދަ ދުވަހުގެ ރޭ ވާދަވެރި ކުޅުމަކަށްފަހު ބީއެމްއެލްގެ މައްޗަށް ކުރިހޯދައިގެންނެވެ. މުބާރާތުގެ އެއްވެސް މެޗަކުން ބަލި ނުވެ ސެމީއަށް ދަތުރުކުރި ބީއެމްއެލްގެ މައްޗަށް އެމްޕީއެލްއިން ކުރިހޯދީ 4-3 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނަގާފައި ވަނީވެސް އެމްޕީއެލްއިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ޝިފާއު އެވެ. މި ލަނޑަށްފަހު އެޓީމުން މެޗުގެ ކޮންޓްރޯލް އަތުލައި ގިނަ ހަމަލާތަކެއް އުފެއްދިއެވެ. އަދި އަހުމަދު ވިޝާލްގެ ލަނޑުން އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. ލީޑުގައި އޮވެ ދެއްކި މޮޅު ކުޅޫމާއި އެކު އެޓީމުން ވަނީ ކައިރި ކައިރީގައި އިތުރު 2 ލަނޑު ކާމިޔާބުކޮށް މެޗުގައި އެޓީމުން ޖެހި 4 ލަނޑު ޖަހާފައެވެ. 3 ވަނަ ލަނޑު ހުޒައިފަތު ކާމިޔާބުކޮށްދިންއިރު 4 ވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އަލީ ޝިފާއު އެވެ. މެޗުގެ ފަހު ކޮޅުގައި ބީއެމްއެލްއިން ވަނީ ކުޅުން ރަނގަޅުކޮށް ނަތީޖާ އެއްވަރުކުރުމަށް މަސައްކަތް ކޮށްފައެވެ. އެގޮތުން އެޓީމުގެ ފުރަތަމަ ލަނޑު އިބްރާހިމް އަސްވަދު ކާމިޔާބުކޮށްދިންއިރު 2 ވަނަ ލަނޑު އަދި 3 ވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ މުހައްމަދު ނާޝިދް އަހުމަދު ނަސީމް އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރުވެސް އެޓީމު ނަތީޖާ ހަމަހަމަ ކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ އެމްޕީއެލްއިން ވަނީ މެޗު ކާމިޔާބުކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ހޯދާފަ އެވެ.
ބުދަ ދުވަހުގެ ރޭ ކުޅުނު ސެމީފައިނަލުގެ ދެވަނަ މެޗު އެމްއާރުޑީސީ އިން ކާމިޔާބުކުރީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ވާދަކޮށް ފަސޭހަކަމާއެކު 6-0 އިން މެޗު ކާމިޔާބުކޮށްގެންނެވެ.
މުޅި މެޗު ކަހަލަ ގޮތަކަށް އެމްއާރުޑީސީއިން ކޮންޓްރޯލް ކޮށްގެން ކުޅެމުން ދިޔައިރު އެޓީމުގެ ލަނޑުތަ ކާމިޔާބުކޮށްދިނީ ހުސައިން އަދުހަމް އާއި، މޮހަންމަދު ލިޔާހް އާއި، އިސްމާއިލް އީސަ އާއި، އަލީ ނާފިއު އެވެ. މީގެ ތެރެއިން ހުސައިން އަދުހަމް އަދި އިސްމާއިލް އީސަ ވަނީ ކޮންމެ ކުޅުންތެރިއަކު 2 ލަނޑު ކާމިޔާބުކޮއްދީފައެވެ.
މުބާރާތުގެ ފިރިހެން ބައިގެ ފައިނަލުގައި އެމްއާރުޑީސީ އަދި އެމްޕީއެލް ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ މިމަހުގެ 8 ވަނަ ދުވަހުގެ ރޭ 8:15 ގަ އެވެ.