އިނގިރޭސިވިލާތަށް ކޮވިޑް ވެކްސިން ސަޕްލައިކުރާ ކުންފުނިތަކުން މިމަހުގެ ފަހުކޮޅު ވެކްސިން ސަޕްލައިކުރާ މިންވަރު މަދުވާނެކަމަށް އެ ފަރާތްތަކުން ބުނެފިއެވެ.
ދުނިޔޭގައި މިވަގުތު އެންމެ ހަލުވިމިނުގައި ކޮވިޑް ވެކްސިން ދެމުން އަންނަ އެއް ގައުމުކަމަކީ އިނގިރޭސިވިލާތެވެ.
ކުރިޔަށް އޮތް މަދު ދުވަސްތަކެއްގެ ތެރޭގައި އިނގިރޭސިވިލާތުގެ އާބާދީގެ ބޮޑެތި މީހުންގެ ތެރެއިން ދެ ބައި ކުޅަ އެއް ބައި މީހުންނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދީނިމޭނެއެވެ. ބުދަ ދުވަހާ ހަމައަށް އިނގިރޭސިވިލާތުގައި ވަނީ 25 މިލިއަން މީހުންނަށް ފުރަތަމަ ޑޯޒް ދީފައެވެ. އަދި އިނގިރޭސިވިލާތް ވެގެން ގޮސްފައިވަނީ ޔޫރަޕްގައި އެންމެ ހަލުވިކަމާއެކު ވެކްސިން ދެމުން އަންނަ ގައުމަކަށެވެ.
އިނގިރޭސިވިލާތުގެ ހެލްތު ސެކެޓްރީ މެޓް ހެންކޮކް ވިދާޅުވީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހާ ހަމައަށް ވެކްސިން ދިނުމުގައި އިސްކަންދޭންޖެހޭ ގްރޫޕްތަކަށް ވެކްސިން ދީ ނިންމުމަށް އެކުލަވާލާފައިވާ ޕްލޭނާ އެއްގޮތަށް ވެކްސިން ދިނުމުގެ ކަންކަން ކުރިޔަށްދާކަމަށެވެ. އަދި ބޮޑެތި ހުރިހާ އެންމެންނަށް ޖުލައި މަސް ނިމެންވާއިރަށް ވެކްސިން ދިނުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވާނެކަމަށް ހެންކޮކް ވިދާޅުވިއެވެ.
އިނގިރޭސިވިލާތުގައި ޖަހަމުން އަންނަނީ ފައިޒަރ އަދި އެސްޓްރަޒެނިކާ ވެކްސިނެވެ. އެ ދެ ވެކްސިން އުފައްދާފައިވާ ކުންފުނިތަކުން ބުނެފައިވަނީ ވެކްސިން ސަޕްލައި ކުރުމަށް އެކުލަވާލާފައިވާ ޝެޑިޔުލަށް ބުރޫނާރާކަމަށެވެ.
މިކަމާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ހެންކޮކް ވިދާޅުވީ ވެކްސިން ސަޕްލައިކުރުމުގައި އަބަދުވެސް އޮންނަނީ ޝެޑިޔުލުން ކައްސާލާފައި ކަމަށާއި އަބަދުވެސް ޓެކްނިކަލް ސިޓީ ކުރިޔަށް އޮތް ހަފްތާތަކަށްބަލާ ނޭޝަނަލް ހެލްތު ސަރވިސް އަށް ފޮނުވަންޖެހޭ ކަމަށެވެ.
އެގޮތުން ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ މަރޗް މަހުގެ 29ން ފެށިގެން ފުރަތަމަ ޑޯޒް މެނުފެކްޗަރުން ސަޕްލައި ކުރާނީ ކުރިން ސަޕްލައި ކުރިވަރަށްވުރެ މަދުންކަމަށެވެ. މާނައަކީ ކުރިޔަށް އޮތްތަނުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ލިބެން ހުންނަ މިންވަރު މަދުވާނެއެވެ.
ވެކްސިން އުފައްދާ ފަރާތްތަކުން ބުނާގޮތުގައި ހަތަރު ހަފްތާ ވަންދެން ވެކްސިން ސަޕްލައިކުރާ މިންވަރު މަދުވާނެއެވެ. އަދި އެގޮތަށް ވަނީ ގައުމުގެތެރޭގައި ވެކްސިން ސަޕްލައި ކުރާ ފަރާތްތަކުން ވެކްސިން ސަޕްލައި ކުރާ މިންވަރު މަދުކުރުމުންކަމަށް އުފައްދާ ފަރާތްތަކުން ބުނެއެވެ.
ސިޓީގައި އިތުރަށް ބުނެފައިވަނީ ވެކްސިންދޭ ސެންޓަރުތަކުން އޭޕްރީލް މަހު ވެކްސިން ދިނުމަށް އިތުރު އެޕޮއިންޓްމަންޓް ހައްދައިގެންނުވާނެކަމަށާއި އޭގެ ބަދަލުގައި އިސްކަންދޭންޖެހޭނީ ވެކްސިން ދޭންޖެހޭ އެންމެ މުހިންމު މީހުންނަށް ފުރަތަމަ ޑޯޒް ލިބުނުކަން ކަށަވަރުކުރުމަށްކަމަށެވެ. އަދި ފުރަތަމަ ޑޯޒް ޖަހާފައި ތިބި މީހުންނަށް ދެ ވަނަ ޑޯޒް ޖެހުމަށްކަމަށް ވެސް ވަނީ ބުނެފައެވެ.
އިނގިރޭސިވިލާތަށް ވެކްސިން އެތެރެކުރާ މިންވަރު މަދުކުރާ ސަބަބެއް ހެންކޮކް ވިދާޅެއްނުވެއެވެ.
އިނގިރޭސިވިލާތުން ވަނީ ތިން ވަނަ ވެކްސިނެއް ބޭނުންކުރުމުގެ ހުއްދަ ދީފައެވެ. ތިން ވަނަ ވެކްސިނަކަށް މޮޑާނާ އަށް ހުއްދަ ދީފައިވާއިރު މޮޑާނާގެ ވެކްސިން އެގައުމަށް ލިބޭވަރުވަނީ ހޫނު މޫސުމުގައެވެ. މީގެއިތުރުން އެގައުމުން އަންނަނީ ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިނަށް ހުއްދަ ދިނުމަށް ވެސް މަސައްކަތްކުރަމުންނެވެ.
އަސްލު މައްސަލަ ފެށުނު ހިސާބަކީ ބްރަސަލްސް އިން ކޮވިޑް ވެކްސިން އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރުން މަނާކުރާނެކަމަށް ބުނުމެވެ. ބްރަސަލްސް އިން އެގޮތަށް އެކަން ހާމަކޮށްފައިވަނީ އެގައުމުގެ ރައްޔިތުންނަށް އެކަށީގެންވާ މިންވަރަށް ވެކްސިން ނުލިބިދާނެކަމުގެ ބިރު ހީވުމުންނެވެ.
އެކަމާ ގުޅިގެން ހެންކޮކް ވިދާޅުވީ ވެކްސިން އުފެއްދުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ޚަރަދުކޮށްފައިވާކަމަށާއި އެހެންކަމުން އެފައިސާއިން އުފައްދާ އެއްޗަކަށް ގާނޫނީގޮތުން ވެސް އެގައުމުގެ ހައްގު އޮންނާނެކަމަށެވެ.
ސަޕްލައި ޗެއިން އުފެއްދީ ހަމައެކަނި އިނގިރޭސިވިލާތުގައި ނޫންކަމަށާއި ނަމަވެސް ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކަށް އެހީތެރިވުމަށް ވެސް ސަޕްލައި ޗެއިން ގާއިމުކޮށްފައިވާކަމަށް ހެންކޮކް ވިދާޅުވިއެވެ.
އަދި ސޮއިކޮށްފައިވަނީ ވެކްސިންގެ ފުރަތަމަ 100 މިލިއަން ޑޯޒް އިނގިރޭސިވިލާތުގެ ރައްޔިތުންނަށް ލިބުމަށްކަމަށާއި އެއީ އެގައުމުން ފަންޑުކޮށް އެގައުމުން ޑެލިވަރ ކުރާ ވެކްސިންކަމަށް ހެންކޮކް ވިދާޅުވިއެވެ.