ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރައްވައިފިއެވެ. ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އޭ. ކޭ. ޢަބްދުލް މޮމެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައި ދެބޭފުޅުން ވަނީ، ދެ ޤައުމުގެ ދޭދޭ ގުޅުން ވަރުގަދަ ކުރުމަށާއި، ތަރައްޤީގެ ރޮނގުން އެކުގައި މަސައްކަތްކުރުމަށާއި، ހާއްސަ ގޮތެއްގައި އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށާއި، ބައިނަލްއަޤުވާމީ މަޝްރަހުގައި އެކުގައި މަސައްކަތްކުރުމަށާއި، ހިޔާލު އެއްގޮތް ކަންކަމުގައި އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާތައް ކުރައްވާފައެވެ.
ފޮރިން މިނިސްޓަރ ވަނީ، ޞައްޙަ ލިޔެކިޔުން ނެތި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން އަމިއްލައަށް އެދިގެން އެނބުރި ޤައުމަށް ދާން ބޭނުންވާ މީހުންނަށް އެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ސަރުކާރުން އިސް ނަގައިގެން ހިންގާ ޕްރޮގުރާމަށް ތަޢުރީފު ކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަކީ، މިފަދަ ދަތި ހާލަތެއްގައި ޤައުމެއްގެ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއްކުރެއްވި ފުރަތަމަ ބޭފުޅާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އެކަމުން ދޭހަވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ކުރައްވާ އިތުބާރުކަމަށެވެ.
މި ބައްދަލުކޮށްލެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ދުޅަހެޔޮކަމަށާއި، ރައްކާތެރިކަން މި ސަރުކާރުން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އަރުވާފައެވެ.