ފްރެންޗް ކަޕުގެ ގަދަ 16 އިން ލިލް ކަޓުވާލުމަށްފަހު، މުބާރާތުގެ ކުއާޓާ ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ދަތުރުކޮށްފިއެވެ.
ބުދަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ޕީއެސްޖީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗު ފަށައިގެން ނުވަވަނަ މިނެޓުގައި ޕީއެސްޖީއަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ މައުރޯ އިކާޑީއެވެ. އަދި ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން ކީލިއަން އެމްބާޕޭ ވަނީ ޕީއެސްޖީއަށް ލީޑު ފުޅާކޮށްދީފައެވެ.
މި މެޗުގެ ދެވަނަ ހާފުގައި ލަނޑެއް ޖަހަން ލިލްއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެ ޓީމުގެ ޔޫސުފް ޔަޒިޗީ ފޮނުވާލި ޕެނަލްޓީ، ޕީއެސްޖީގެ ގޯލްކީޕަރު ކޭލޯ ނަވާސް ވަނީ ދިފާއުކޮށްފައެވެ. އެއާއެކު މެޗުގެ އިތުރު ވަގުތުގައި އެމްބާޕޭ ވަނީ އިތުރު ލަނޑެއް ޖަހައި، ޕީއެސްޖީއަށް ކުއާޓާގެ ޖާގައެއް ކަށަވަރުކޮށްދީފައެވެ.
ފްރެންޗް ކަޕުގެ ކުއާޓާއަށް ޕީއެސްޖީ ދަތުރުކުރިއިރު، އެ ޓީމަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އެގޮތުން ޕީއެސްޖީން ވަނީ މިހާތަނަށް 13 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ.