ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން އެތުލެޓިކޯ މެޑްރިޑް ކަޓުވާލުމަށްފަހު މުބާރާތުގެ ކުއާޓާ ފައިނަލަށް ޗެލްސީ ދަތުރުކޮށްފިއެވެ.
ބުދަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗުން 2-0 ގެ ނަތީޖާއަކުން ޗެލްސީ މޮޅުވިއިރު، އެތުލެޓިކޯގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން ޗެލްސީ ވަނީ 1-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެހެންކަމުން 3-0 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ޗެލްސީ ވަނީ ކުއާޓާއަށް ދަތުރުކޮށްފައެވެ.
ބުދަ ދުވަހުގެރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގައި ޗެލްސީން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗުގެ 34 ވަނަ މިނެޓުގައި ޓިމޯ ވާނާ ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަކީމް ޒިޔެކެވެ.
މި މެޗުގައި އެތުލެޓިކޯއިންވެސް ގިނަ ހަމަލާތަކެއް އުފެއްދިއިރު، އެ ޓީމަށް މައްސަލަތަކެއް ކުރިމަތިވީ މެޗުގެ 82 ވަނަ މިނެޓުގައި ޑިފެންޑަރު ސްޓެފަން ސަވިޗަށް ސީދާ ރަތް ކާޑެއް ދެއްކުމާ ގުޅިގެންނެވެ. އޭނާއަށް ރަތް ކާޑެއް ދެއްކީ ބޯޅަ ނެތީސް ޗެލްސީގެ އެންޓޯނިއޯ ރުޑިގާއަށް އުޅަނބޮށިން ހަމަލާދިނުމާ ގުޅިގެންނެވެ.
އެއާއެކު އެތުލެޓިކޯގެ އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގައި، މެޗުގެ އިތުރު ވަގުތުގައި ޗެލްސީން ވަނީ ލީޑު ފުޅާކޮށްފައެވެ. ކައުންޓަ އެޓޭކެއްގައި ކްރިސްޓިއަން ޕުލިސިޗް ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެމާސަންއެވެ.
މި މޮޅާއެކު މުބާރާތުގެ ކުއާޓާއަށް ޗެލްސީ ދަތުރުކުރިއިރު، މިއީ 2013-2014 ވަނަ އަހަރުގެ ސީޒަނަށްފަހު ޗެމްޕިއަންސް ލީގުގެ ކުއާޓާއަށް ޗެލްސީ ދަތުރުކުރި ފުރަތަމަ ފަހަރެވެ. އަދި އައު ކޯޗު ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ޗެލްސީން މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، މިދިޔަ ޖެނުއަރީ މަހު އޭނާ ޗެލްސީއާ ހަވާލިވިފަހުން އަދި މިހާތަނަށް މެޗަކުން އެ ޓީމު ބަލިވެފައެއް ނުވެއެވެ.