ކ. މާލެ
|
18 މާރޗް 2021 | ބުރާސްފަތި 01:35
ކޮވިޑް-19 ވެކްސިން، ރާއްޖެއިން ދަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ތައްޔާރުވަމުން
ކޮވިޑް-19 ވެކްސިން، ރާއްޖެއިން ދަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ތައްޔާރުވަމުން
ރައީސް އޮފީސް
ކޮވިޑް-19 ވެކްސިން ޖެހުން
ބުދަ ދުވަހު އިތުރު 1366 މީހަކު ކޮވިޑް ވެކްސިން ޖަހައިފި
 
މިހާތަނަށް ރާއްޖެއިން ވެކްސިން ޖެހީ 215،852 މީހުން
 
އަތޮޅު ތެރެއިން ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 94،222ށް އަރާފައި
 
ބުދަ ދުވަހު ވެކްސިން ޖަހާފައިވަނީ އަތޮޅު ތެރޭގައި ގާއިމު ކޮށްފައިވާ ވެކްސިން ސެންޓަރުތަކުން

ބުދަ ދުވަހު އިތުރު 1366 މީހަކު ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖަހައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ބުދަ ދުވަހު ވެކްސިން ޖަހާފައިވާ 1366 މީހުންނަކީ ވެސް އަތޮޅު ތެރޭގައި ގާއިމު ކޮށްފައިވާ ވެކްސިން ސެންޓަރުތަކުން ވެކްސިން ޖަހާފައިވާ މީހުންނެވެ. އެއާއެކު، އަތޮޅު ތެރެއިން ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 94،222ށް އަރާފައެވެ.

އޭގެ އިތުރުން، މިހާތަނަށް މާލެ ސަރަޙައްދުން 121،630 މީހަކު ވެކްސިން ޖަހާފައިވާއިރު، މިހާތަނަށް ރާއްޖެއިން ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 215،852ށް އަރާފައެވެ.

ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ތައްޔާރުވަމުންދާއިރު، ޚާއްސަ ކެޓެގަރީގެ މީހުންނަށް ކޮވިޑް-19ގެ ފުރަތަމަ ޑޯޒް ދިނުން، އަންނަ ހޮނިހިރު ދުވަހު ފަށާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. ކޮވިޑް-19ގެ ފުރަތަމަ ޑޯޒްދިނުން މެދުކަނޑާލީ މާރިޗް 15 ގައެވެ. ވެކްސިންގެ ފުރަތަމަ ޑޯޒްދިނުން މެދުކަނޑާލި ނަމަވެސް ޚާއްސަ ކެޓެގަރީތަކުގެ މީހުންނަށް ވެކްސިން ދޭ ގޮތަށް އޮތީ ހަަމަޖެހިފައެވެ.

ޚާއްސަ ކެޓަގަރީގައި ހިމެނެނީ އުމުރުން ދުވަސްވީ މީހުންނާއި، ބޮޑެތި ބަލިތަކުގައި އުޅޭ މީހުންނާއި، ކޮވިޑަށް ޕޮޒިޓިވްވެ މިހާރު އެކަހެރިވެފައިވާ މީހުންނެވެ. ވެކްސިން ދިނުން މެދުކަނޑާލިއިރު ކަރަންޓީނުގައި ތިބި މީހުންނާއި، ރާއްޖެއިން ބޭރުން ދަތުރުކުރުމަށް ފަހު ކަރަންޓީނުގައި ތިބި މީހުންނާއި، މާލެއިން ދަތުރުކުރުމަށް ފަހު ކަރަންޓީނުގައި ތިބި މީހުންނާއި ބައްޔެއް ނުވަތަ ސިއްހީ ހާލަތެއްގެ ސަބަބުން ވެކްސިންޖެހުން ލަސްކުރަން ޖެހުނު މީހުންނަށްވެސް މިމަހުގެ 20ގެ ފަހުން ވެކްސިން ޖެހޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

ރާއްޖޭގައި މިހާތަނަށް ވެކްސިން ދެވިފައިވަނީ އާބާދީގެ ގާތްގަނޑަކަށް 46 އިންސައްތައަށް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް