ކ. މާލެ
|
17 މާރޗް 2021 | ބުދަ 12:19
2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި މެސީ އަތުން ބޯޅަ ހޯދަން ޕޫލާދީ މަސައްކަތްކުރަނީ
2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި މެސީ އަތުން ބޯޅަ ހޯދަން ޕޫލާދީ މަސައްކަތްކުރަނީ
ގެޓީ އިމޭޖަސް
ޕޫލާދީ ވެލެންސިއާއަށް ބަދަލުވުން
ވޯލްޑް ކަޕް ކުޅުނު އީރާނުގެ ޑިފެންޑަރެއް ވެލެންސިއާއަށް
ވޯލްޑް ކަޕުގައި ޕޫލާދީ ވަނީ މޮޅު ކުޅުމެއް ދައްކާފައި
ޕޫލާދީ ވެލެންސިއާ ގުޅުނީ މި ސީޒަނުގެ ނިޔަލަށް

ބްރެޒިލުގައި 2014 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕުގައި އީރާނުގެ ޤައުމީ ފުޓްބޯޅަ ޓީމަށް ކުޅުނު ޑިފެންޑަރު މެހެރްދާދް ޕޫލާދީ ރާއްޖޭގެ ކުލަބު ވެލެންސިއާއަށް ސޮއިކޮށްފިއެވެ.

އުމުރުން 34 އަހަރުގެ ޕޫލާދީ ވެލެންސިއާ ގުޅުނީ މި ސީޒަނުގެ ނިޔަލަށެވެ. އަދި މީގެ ކުރިން އޭނާ ރާއްޖެ އައިސްފައިވާއިރު، ކަރަންޓީނު މުއްދަތު ފުރިހަމަކުރުމަށްފަހު ބުދަ ދުވަހު އޭނާ ވެލެންސިއާގެ ފަރިތަކުރުންތަކަށް ނުކުންނާނެ ކަމަށް އެ ކުލަބުން މައުލޫމާތުދެއެވެ.

ޕޫލާދީގެ ކެރިއަރުގައި އެންމެ ފާހަގަކޮށްލެވުނު ދުވަސްތަކަކީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ. އެގޮތުން ވޯލްޑް ކަޕުގައި ޕޫލާދީ ވަނީ އާޖެންޓީނާ އާއި، ބޮސްނިއާ އަދި ނައިޖީރިއާއާ ދެކޮޅަށް ގްރޫޕް ސްޓޭޖުގައި ކުޅެފައެވެ. މީގެ ތެރެއިން ނައިޖީރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕޫލާދީ 9.7 ޕޮއިންޓް ހޯދިއިރު، ވޯލްޑް ކަޕުގެ ފުރަތަމަ ހަފުތާގައި ރޭންކިންގެ ދެވަނައިގައި ޕޫލާދީ އޮތީ ޖަރުމަނުގެ ތޯމަސް މުލާގެ ފަހަތުންނެވެ. އަދި ލިއޮނެލް މެސީ ހިމެނޭ އާޖެންޓީނާއާ ދެކޮޅަށްވެސް ޕޫލާދީ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

ޕޫލާދީ އެންމެ ފުރަތަމަ އީރާނުގެ ސީނިއާ ޓީމަށް ކުޅުނީ 2011 ވަނަ އަހަރު ކާލޯސް ކުއެރޯޒްގެ ކޯޗުކަމުގައެވެ. އޭގެ ފަހުން އޭނާ ސީނިއާ ޓީމަށް 28 މެޗު ކުޅެދުންއިރު، 2015 ވަނަ އަހަރުގެ އޭއެފްސީ އޭޝިއަން ކަޕުގައިވެސް ޕޫލާދީ ވަނީ ކުޅެފައެވެ.

ރާއްޖޭގެ ވެލެންސިއާއަކީ ކުލަބު ކެރިއަރުގައި ޕޫލާދީ ކުޅޭނެ 10 ވަނަ ޓީމެވެ. އެގޮތުން 2006 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް ޕޫލާދީ ކުޅެފައިވަނީ އީރާނުގެ ކުލަބުތަކަށެވެ. އަދި އެންމެ ފަހުން މިދިޔަ އަހަރު އޭނާ ކުޅެފައިވަނީ ގަތަރުގެ މުއައިތާރް ސްޕޯޓްސް ކުލަބަށެވެ.

2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ތެރެއިން ޕޫލާދީ - ގެޓީ އިމޭޖާސް

ވެލެންސިއާއިން ޕޫލާދީގެ ސޮއި ހޯދިއިރު، މި ޓްރާންްސްފާ ބާޒާރުގައި އެ ޓީމުން ވަނީ ސްޕެއިނުގެ ގިނަ ކުލަބުތަކާއި ފިންލެންޑް ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވާ މިޑްފީލްޑަރު ބޯހަސް މާޓިންގެ ސޮއިވެސް ހޯދާފައެވެ. އެކަމަކު މި ޓްރާންސްފާ ބާޒާރުގެ ކުރިންވެސް އޭނާ އައީ ވެލެންސިއާގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ.

އެއް އަހަރުގެ މެދުކެނޑުމަކަށްފަހު މި ފަހަރު އަލުން ފުރަތަމަ ޑިވިޝަނުގައި ވެލެންސިއާ ވާދަކުރަމުން އަންނައިރު، އެ ޓީމުން ވަނީ މި ސީޒަނަށް ވަރުފަދަ ސްކޮޑެއް އެކުލަވާލާފައެވެ. އެގޮތުން އެ ޓީމުގައި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ) އަދި ޤައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ) ވެސް ހިމެނޭއިރު، ވެލެންސިއާގެ ކޯޗަކީ މުޙައްމަދު އާތިފް (އާތީ) އެވެ.

ކޮވިޑް-19 ގެ ކޭސްތައް މާލެ ސިޓީގައި އިތުރުވުމާއެކު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރުނު އައު އުސޫލުތަކާ ގުޅިގެން މިދިޔަ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލިއިރު، ވެލެންސިއާ މި ވަގުތު އޮތީ ކުޅުނު ނުވަ މެޗުން ލިބުނު 15 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ.

ލީގު އަލުން ފެށުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މަސައްކަތްކުރަމުން އަންނައިރު، ކުލަބުތަކުން މިހާރު އަންނަނީ އެޗްޕީއޭގެ އުސޫލުތަކުގެ ދަށުން ފަރިތަކުރަމުންނެވެ. އަދި މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ޓްރާންސްފާ ބާޒާރު ބަންދުވެފައިވާއިރު، އެހެން ޓީމުތަކުންވެސް ވަނީ މި ބާޒާރުގައި ބިދޭސީ އައު ކުޅުންތެރިންގެ ސޮއި ހޯދާފައެވެ. އެގޮތުން މީގެ ކުރިން ޔުނައިޓެޑް ވިކްޓަރީއަށް ކުޅެފައިވާ ޓްރިންޑާޑް އެންޑް ޓޮބޭގޯގެ ފޯވާޑް ސެމިއުލް ކޯޑެލް ޓީސީ ސްޕޯޓްސް ކްލަބާ ގުޅިފައިވާއިރު، ކުލަބު ގްރީން ސްޓްރީޓްސްއިން ވަނީ އެ ޓީމުގެ މިސްރުގެ ޑިފެންޑަރު އެލްސައީދު މަހުމޫދު ކުލަބު އީގަލްސްއަށް ދޫކޮށްލުމަށްފަހު، ކުރިން އީގަލްސް އާއި ފޯކައިދޫ އަދި ޓީސީއަށް ކުޅެފައިވާ މިސްރުގެ ޑިފެންޑަރު މުޙައްމަދު ސައީދުގެ ސޮއިހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް