ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން 153 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.
އެޗްޕީއޭއިން އެންމެ ފަހުން ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން ހޯމަ ދުވަހުގެ ހަވީރު 06:00ން ފެށިގެން އަންގާރަ ދުވަހުގެ ހަވީރު 06:00ގެ ނިޔަލަށް ރާއްޖެއިން 4،553 މީހުން ބައްޔަށް ޓެސްޓު ކޮށްފައިވާއިރު، އޭގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 153 މީހުންނެވެ.
ޕޮޒިޓިވްވި 153 މީހުންގެ ތެރެއިން 132 މީހުން ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުންނެވެ. އަތޮޅު ތެރެއިން 13 މީހަކު ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 2 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި ކަނޑުމަތިން (ސަފާރީ/ޔޮޓު) 3 މީހަކު ޕޮޒިޓިވްވެފައިވާއިރު، ހަދަމުން އަންނަ ރަށްރަށުން 3 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
އިތުރު 153 މީހުން ކޮވިޑަށް ޕޮޒިޓިވްވުމާއިއެކު، ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 21،819ށް އަރައިފައެވެ. އެކްޓިވް ކޭސްގެ ގޮތުގައި 2،406 ކޭސްއެއް ރިޕޯޓްކޮށްފައިވާއިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 126 މީހުންނަށް އަންނަނީ ފަރުވާ ދެމުންނެވެ. ރާއްޖެއިން މިބަލީގައި 64 މީހުން ނިޔާވެފައިވާއިރު، ބަލިން ފަސޭހަވެފައިވަނީ 19،342 މީހުންނެވެ.
މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވެ ތިން ވަނަ ރާޅަކާ ކުރިމަތިވީ މިދިޔަ ޖެނުއަރީ މަހުއެވެ. އޭރުން ފެށިގެން ކޮންމެ ދުވަހަކުވެސް ފެންނަ ކޭސްތަކުގެ އަދަދު 100ން މަތީގައި އަދި ގިނަ ދުވަސް ދުވަހު 150ން މަތީގައި ހުރުމަށް ފަހު ކޭސްތަކުގެ އަދަދު ފާއިތުވެދިޔަ ތިން ދުވަހު 100ން ދަށްވެފައިވެއެވެ.
ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވުމާއެކު ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، ރޭގަނޑު 11ގެ ފަހުން ބޭރަށް ނުނިކުމެވޭ ގޮތަށް ކަރފިއު އިއުލާންކޮށްފައިވެއެވެ. އަދި އިރުއޮއްސި ހައެއްގެ ފަހުން އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށްފައިވާއިރު، ގްރޭޑް ހަތަކުން ދަށުގެ ދަރިވަރުންނަށް ކިޔަވައިދެމުން އަންނަނީވެސް އޮންލައިންކޮށްނެވެ. މީގެ އިތުރުން ރޭގަނޑު އަށެއްގެ ފަހުން ރެސްޓޯރަންޓުތަކުގައި ޑައިން އިން ކުރުން ވެސް ވަނީ މަނާކޮށްފައެވެ.