މޫސުން ގޯސްވެ ވ. އަތޮޅުން ގދ. އަތޮޅަށް ވައިޓް އެލަރޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭތީ އަންގާރަ ދުވަހުގެ ހެނދުނު 08:00ން މެންދުރު 12:00ށް ވ. އަތޮޅުން ގދ. އަތޮޅަށް ވައިޓް އެލަރޓް ނެރެފައިވާ ކަމަށެވެ.
އެ އިދާރާއިން ބުނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވެނީ އެންމެ ދެކުނުގެ އަތޮޅުތަކުގައި ވައި އެނބުރި، އުތުރާއި އިރުއުތުރުން ގަޑިއަކު 3 މޭލާ 13 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި އެހެން ހިސާބުތަކުގައި އިރުއުތުރާއި އިރުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.
މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ބުނެއެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަ ވާނެ ކަމަށެވެ. އަދި ރާޅުގެ އުސްމިނުގައި 2 ފޫޓާއި 4 ފޫޓު ހުންނާނެ ކަމަށް ބެލެވޭ ކަމަށެވެ.
މިދުވަސްވަރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރަމުންދާއިރު ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކުރެއެވެ. ހާއްސަކޮށް ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަކީ މުހިއްމު ކަމެކެވެ.