ސްޕެނިޝް ލީގުގައި ހޯމަ ދުވަހުގެރޭ ހުއެސްކާ އަތުން މޮޅުވެ، ތާވަލުގެ ދެވަނައަށް ބާސެލޯނާ އަލުން ޖެހިލައިފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބާސާ މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ. މި މެޗަކީ ބާސާގެ ސީނިއާ ޓީމަށް އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ކުޅެދިން 767 ވަނަ މެޗެވެ. އެއާއެކު އޭނާ ވަނީ ބާސާއަށް އެންމެ ގިނަ މެޗު ކުޅެދީގެން، އެ ޓީމުގެ ލެޖެންޑް ޒަވީ ހެނާންޑޭޒް ހަދާފައިވާ ރިކޯޑާ ހަމަކޮށްފައެވެ.
ހޯމަ ދުވަހުގެރޭ ކުޅުނު މެޗުގައި ބާސާއިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 13 ވަނަ މިނެޓުގައި މެސީގެ ހިތްގައިމު ލަނޑުން ބާސާއިން ވަނީ ލީޑު ނަގާފައެވެ. އަދި މެޗުގެ 35 ވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން އެންޓޮއިން ގްރީޒްމަން ވަނީ ބާސާއަށް ލީޑު ފުޅާކޮށްދީފައެވެ.
އެކަމަކު މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ހުއެސްކާއިން ވަނީ ލަނޑެއް ޖަހައި، ފަރަގު ކުޑަކޮށްފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރަފާ މިރެވެ. މިއީ އޭރިއާ ތެރެއިން ރަފާއަށް ބާސާގެ ގޯލްކީޕަރު މާކް-އަންދްރޭ ޓާ ސްޓޭގެން ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.
މި މެޗުގައި ބާސާއިން އަލުން ލީޑު ފުޅާކޮށްފައިވަނީ ދެވަނަ ހާފު ފަށައިގެން އަށްވަނަ މިނެޓުގެވެ. މެސީ ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އޮސްކާ މިންގޭޒެވެ. އަދި މެޗުގެ ފަހު މިނެޓުގައި މެސީ ވަނީ ބާސާގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ. މި މެޗުގައި މެސީ ދެ ލަނޑު ޖެހިއިރު، މިއީ މި ސީޒަނުގެ ލީގުގައި މެސީ ޖެހި 21 ވަނަ ލަނޑެވެ. އެއާއެކު އޭނާ ވެފައިވަނީ އެންމެ ފަހުގެ 13 ސީޒަނުގައިވެސް 20 އަށްވުރެ ގިނައިން ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ.
ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން ބާސާ މޮޅުވިއިރު، އެ ޓީމުން ވަނީ ތާވަލުގެ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑުގެ ލީޑު ހަތަރު ޕޮއިންޓަށް ކުޑަކޮށްފައެވެ. އެގޮތުން އެތުލެޓިކޯއަށް ކުޅުނު 27 މެޗުން 63 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ބާސާއަށް ކުޅުނު 27 މެޗުން ވަނީ 59 ޕޮއިންޓް ލިބިފައެވެ. އަދި ތިންވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް 27 މެޗުން ލިބިފައިވަނީ 57 ޕޮއިންޓެވެ.