ކުޅުންތެރިން ކުރާ ހިތްވަރު ކޯޗެއްގެ ހައިސިއްޔަތުން ވަރަށް ރަނގަޅަށް ބަލައިގަންނަ ކަމަށާއި، ކުޅުންތެރިންނާމެދު ކުރާ އިހުތިރާމް ބުނެދޭންވެސް ނޭނގޭ ކަމަށް މާޒިޔާގެ ކޯޗް މާޔަން ސެކުލޮސްކީ ބުނެފިއެވެ.
އޭއެފްސީ ކަޕްގެ ގްރޫޕު ސްޓޭޖުގައި، ބުދަ ދުވަހު، އިންޑިއާގެ މޯހަން ބަގާން އަތުން 5-2 ގެ ނަތީޖާއަކުން ކުރިހޯދި މެޗަށްފަހު ވާހަކަ ދައްކަމުން ކޯޗް ސެކުލޮސްކީ ބުނެފައިވަނީ، މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމާމެދު އޭނާ ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށާއި، ކުޅުންތެރިން ކުރި ހިތްވަރަށް އެ ކުޅުންތެރިންނަށް ފަށްފަށުން ޝުކުރު އަދާކުރާ ކަމަށެވެ. ސެކުލޮސްކީ ބުނީ އޭނާ ހަމައެކަނި ހިތާމަކުރާ ކަމަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް އަނިޔާވެ ކުޅުމާއި ދުރަށް ދާން ޖެހުން ކަމަށެވެ. އެގޮތުން ކުރިއަށް އޮތް 27 ދުވަހުގެ ތެރޭގައި 7 މެޗު މާޒިޔާއަށް ކުޅެން ޖެހުމަކީ އެއްގޮތަކަށްވެސް ފަސޭހަ ކަމެށް ނޫން ކަމަށާ، މި ދަނޑިވަޅުގައި މުހިންމު ކުޅުންތެރިއަކު ގެއްލުމަކީ ވަރަށް ބޮޑު ވެއްޓުމެއް ކަމަށް ކޯޗް ވަނީ ބުނެފައެވެ.
މެޗުގައި މާޒިޔާގެ ޝިފާޒް (ޑުންގާ)ގެ އަތައް ލިބުނު އަނިޔާ އަކާއި ގުޅިގެން އޭނާ ވަނީ ބާލާފައެވެ. ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ބުނެފައިވަނީ ޑުންގާގެ އަތަށް ވަރަށް ބޮޑަށް އަނިޔާ ވެފައި ވާކަމަށާ، އަނިޔާ އާއި ބެހޭގޮތުން އިތުރަށް އެއްޗެއް ބުނަން އަދި ނޭނގޭ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް 3 ދުވަސް ތެރޭގައި ޑުންގާ ކުޅުމާއި ދުރަށް ދާން ޖެހޭނެ ވަކި މުއްދަތެއް ޔަގީން ވެގެންދާނެ ކަމަށްވެސް އަސަކޯ ބުންޏެވެ.
ޕްރެސްގައި އިތުރަށް ވާހަކަ ދައްކަމުން ކޯޗް ސެކުލޮސްކީ ބުނީ، މާޒިޔާގެ ކުޅުންތެރިން އެކުރާ ހިތްވަރު ދެނެގަނެވޭނީ ފުޓުބޯޅަ ރަނގަޅަށް ދަންނަ މީހަކަށް ކަމަށާ، ފުޓުބޯޅަ ނުދަންނަ މީހަކަށް އެ ކުޅުންތެރިން ކުރާ ހިތްވަރު އަގު ވަޒަން ނުކުރެވޭނެ ކަމަށެވެ. އަދި ސަރަހައްދީ ގޮތުން މާޒިޔާއަށް ލިބެމުންދާ ކުރިއެރުމާއި، ބޭރުގެ ބޮޑެތި ކުލަބުތަކުން މާޒިޔާއަށް ކުރަމުންދާ ތައުރީފު ދެމެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމަށްވެސް ކޯޗު ވަނީ ބުނެފައެވެ.
މެޗުން ހޯދި މޮޅާއެކު މާޒިޔާއިން ވަނީ ގްރޫޕް އީގެ 1 ވަނައަށް ޖެހިލާފައެވެ. މާޒިޔާއިން ދެން މި މުބާރާތުގައި ކުޅޭ މެޗުގައި މިމަހުގެ 17 ވަނަ ދުވަހު މާލޭގައި ނިކުންނާނީ ޑާކާ އަބަހާނީ ލިމިޓެޑާ ދެކޮޅަށެވެ.