ހޯމަ ދުވަހު ކޮވިޑް-19އާ ދެކޮޅަށް ރާއްޖެއިން ވެކްސިން ޖެހީ 6،597 މީހުން ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއިން ވެކްސިން ޖެހި 6،597 މީހުންގެ ތެރެއިން 4،994 މީހުން ވެކްސިން ޖެހީ މާލެ ސަރަހައްދުންނެވެ. އަދި 1،603 މީހުން ވެކްސިން ޖެހީ އަތޮޅުތެރެއިންނެވެ. މިއާއެކު ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު 212،711ށް އަރާފައިވާއިރު، 121،630 މީހުން ވެކްސިން ޖެހީ މާލެ ސަރަހައްދުންނެވެ. އަދި 91،091 މީހުން ވެކްސިން ޖެހީ އަތޮޅުތެރެއިންނެވެ.
ރާއްޖޭގައި މިދިޔަ މަހުގެ އެކެއްގައި ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭން ފެށިއިރު، އޭރު ރާއްޖެއިން ހުއްދަ ދީފައި ވަނީ ކޮވިޝީލްޑް ވެކްސިން އެކަނި ޖެހުމަށެވެ. މުޅި ރާއްޖޭގައި ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭނެއް ފަށާފައިވާއިރު، މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހުމުގެ އެންމެ ފަހު ދުވަހަކީ މިއީއެވެ.
ރާއްޖޭގައި ސިނޮފަރމް އަދި ފައިޒަރ ވެކްސިން ބޭނުންކުރަންވެސް ހުއްދަ ދިންކަން ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހޯމަ ދުވަހު އިއުލާންކޮށްފައިވާއިރު، ރާއްޖޭގައި މިހާރުވެސް ހެޔޮ އެދޭ ފަރާތްތަކުން ހަދިޔާކޮށްފައިވާ ސިނޮފަރމް ވެކްސިން އެބަހުއްޓެވެ. އެގޮތުން ސިނޯފާމްގެ 18،000 ޑޯޒްގެ ވެކްސިން ރާއްޖެއަށް ވަނީ ލިބިފައެވެ. އެޗްޕީއޭއިން ބުނީ އެ ވެކްސިން ޖަހަން ފަށާއިރު އެކަން އާންމުކޮށް އިއުލާންކުރާނެ ކަމަށެވެ.
ފައިޒާ ވެކްސިންގެ 58،050 ޑޯޒް ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު މިވެކްސިން ލިބޭނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އިތުރު ވެކްސިންތައް ގެނައުމުގެ މަސައްކަތްތައް އެޗްއީއޯސީން ކުރަމުންދާއިރު، ސީރަމް އިންސްޓިޓިއުޓާއެއްކޮށް ކޮވިޝީލްޑްގެ އިތުރު 300،000 ޑޯޒެއް ގަތުމަށް އެއްބަސްވުމުގައި މިހާރު ވަނީ ސޮއިކޮށްފައެވެ. ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 200،000 ޑޯޒް ވެކްސިން ލިބޭނެކަން އެޗްއީއޯސީން ހާމަކޮށްފައިވާއިރު، ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް ދިނުމަށް ހަމަޖެހިފައިވާ 108،000 ޑޯޒްގެ ވެކްސިންގެ 12،000 ޑޯޒް މިހާތަނަށް ލިބިފައެވެ އޭގެ ބާކީ ބައި ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އެސްޓްރާޒެނެކާގެ 700،000 ޑޯޒް ހޯދުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، މި ވެކްސިންވެސް މިމަހު ފަހުކޮޅު ނޫނީ އަންނަ މަހުގެ ކުރީކޮޅު ލިބޭނެކަމަށް ބެލެވެއެވެ.
ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒު ޖެހުން މާލެ ސަރަހައްދުގައި ހުއްޓާލާފައިވާއިރު މިހާރު ތައްޔާރުވަމުން އަންނަނީ ދެވަނަ ޑޯޒު ޖެހުމަށެވެ. ވެކްސިންގެ ދެވަނަ ޑޯޒު ޖެހުން އޮންނާނީ ފުރަތަމަ ޑޯޒު ޖަހާތާ އަށް ހަފްތާ ފަހުންނެވެ. އެޗްޕީއޭއިން ބުނީ ދެވަނަ ޑޯޒު ޖެހުން އެންމެ އަވަހަށްވެސް ފެށޭނީ އަންނަ މަހު ކަމަށެވެ.