ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ކްލަބުތަކަށް ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައި އެ އެއްބަސްވުންތަކުގައި ކްލަބުތަކާއި ކުންފުނިތައް އަދި އެފްއޭއެމުން ސޮއިކޮށް ނިމުމާއެކު ކްލަބުތަކުގެ ވެރިންނާއި ކުންފުނިތަކުގެ ވެރިންނާ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ބައްދަލުކުރައްވައިފިއެވެ.
މިހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ ކުރިއަށްއޮތް ތިން އަހަރުގެ ތެރޭގައި ފުޓުބޯޅައިން ސާކް ސަރަހައްދުގެ ޗެމްޕިއަންކަން ހޯދަން ހުރިހާ ކްލަބްތަކުން ގުޅިގެން މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ފުޓުބޯޅަ ކުލަބްތަކުގެ މެދުގައި އޮންނަ ވާދަވެރިކަމާއެކު ގައުމަށް ފަހުރު ހޯދުމަށް ބުރަކޮށް މަސައްކަތްކުރަން ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޔާމިން ވިދާޅުވީ ރާއްޖޭގައި ފުޓުބޯޅަ ކުޅޭ ވަރަށް ހުނަރުވެރި ޒުވާން ކުޅުންތެރިން އެބަތިބި ކަމަށާއި އެގޮތުން އަމާޒަކަށް ވާންވާނީ ގައުމީ ޓީމަށް ކުޅުންތެރިން ނެގުމުގައި ވާދަވެރިކަން އޮންނަ މިންވަރަށް ކްލަބުތަކުން ކުޅުންތެރިން އުފައްދަން މަސައްކަތް ކުރުން ކަމަށެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕްރޮމޯޝަނަލް ބަޖެޓުން ފުރަތަމަ ޑިވިޜަންގެ ކްލަބްތަކަށް ޚަރަދުކުރާގޮތަށް ސަރުކާރުން ހަމަޖައްސައިދެއްވުމަކީ، ރާއްޖޭގެ ފުޓުބޯޅަ ބައްޓަންކުރުމުގައި ކްލަބްތަކަށް ދިމާވެފައިވާ މާލީ ދަތިކަން ހައްލުކޮށްދެއްވުމަށް ސަރުކާރުން އެޅުއްވި މުހިންމު ފިޔަވަޅެއްކަން ރައީސް ފާހަގަ ކުރެއްވިއެވެ. މިއީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ކުންފުނިތަކުން ކުރައްވާ އިންވެސްޓްމަންޓެއް ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި އެފްއޭއެމް ގެ ރައީސް ބައްސާމް ޢަދީލް ޖަލީލާއި، އޮލިމްޕިކް ކޮމިޓީގެ ރައީސް މުޙަންމަދު ޝަވީދާއި، ރާއްޖޭގެ ފުރަތަމަ ޑިވިޜަނުގެ ކްލަބްތަކުގެ ވެރިންނާއި އެ ކްލަބްތަކުގެ ސްޕޮންސަރ ދެއްވާ ކުންފުނިތަކުގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.