ނެދަލެންޑްސްގެ އިތުބާރު ޑިފެންޑަރު ވާޖިލް ވެން ޑައިކާއި އިންގްލެންޑުގެ ޑިފެންޑަރު ޖޯ ގޯމޭޒަށް ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ނުކުޅެވިދާނެ ކަމަށް ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.
ވެން ޑައިކުގެ ކަކުލަށް އަނިޔާވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވަޓަނާ 2-2 ން ލިވަޕޫލް އެއްވަރުވި މެޗުގެ ތެރެއިންނެވެ. މި އަނިޔާއާ ގުޅިގެން ވެން ޑައިކުގެ ކަކުލަށް ބޮޑު ގެއްލުމެއްވިއިރު، އަނިޔާއިން ރަނގަޅުވުމަށް އޭނާ ވަނީ ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައެވެ. ވެން ޑައިކާއެކު ލިވަޕޫލުގެ ފަހަތުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ގޯމޭޒްގެ ކަކުލަށް އަނިޔާވީ ނޮވެމްބަރު މަހު އިންގްލެންޑުގެ ފަރިތަކުރުންތަކުގެ ތެރެއިން އެކަނި ބޯޅަ ހިފައިގެން ކުޅުމުގެ ތެރޭގައެވެ. އެއާއެކު އޭނާވެސް ވަނީ ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައެވެ.
މި އަނިޔާތަކާ ގުޅިގެން މި ސީޒަނުގައި މި ދެ ކުޅުންތެރިންނަށް ދެން ނުކުޅެވޭނެކަން ގާތްގަނޑަކަށް ޔަގީންވެފައިވާއިރު، އެ ދެ ކުޅުންތެރިންވެސް އަންނަނީ އޮޕަރޭޝަނަށްފަހު އަލުން ފިޓްވުމަށް ތަމްރީނު ހަދަމުންނެވެ.
މި އަހަރުގެ ޔޫރޯ ޖޫން މަހުގެ 11 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ތާވަލުކޮށްފައިވާއިރު، ދާދި ފަހުން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ކްލޮޕް ބުނީ ވެން ޑައިކާއި ގޯމޭޒަށް ލިބުނީ ސީރިއަސް އަނިޔާތަކެއް ކަމަށާއި، އެހެންކަމުން މި ދަނޑިވަޅުގައި ވާދަވެރި މުބާރާތެއް ކުޅުމަކީ އެ ދެ ކުޅުންތެރިންނަށްވެސް އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އަދި އުންމީދަކީ މި ސީޒަން ނިމި، އަންނަ ސީޯޒަނުގެ ޕްރީ-ސީޒަނަށް އެ ދެ ކުޅުންތެރިން އެއްކޮށް ފިޓްވުން ކަމަށާއި، އެހެންކަމުން މި އަހަރުގެ ހޫނު މޫސުމަށް ތާވަލުކޮށްފައި އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެ ދެ ކުޅުންތެރިންނަށް ނުކުޅެވިދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
މިދިޔަ ދެ ސީޒަނުގައި ލިވަޕޫލުގެ ކާމިޔާބީގެ މުހިންމު ހިއްސާއެއް އޮތް ވެން ޑައިކާއި ގޯމޭޒް ނެތި ގިނަ މެޗުތަކެއް ކުޅެން ޖެހިފައިވާއިރު، ލިވަޕޫލުގެ ނަތީޖާތައް މި ސީޒަނުގައި ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެގޮތުން އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނުން އޮތީ ތާވަލުގެ އަށްވަނައިގައި ކުޅުނު 28 މެޗުން ލިބުނު 43 ޕޮއިންޓާއެކުއެވެ. އަދި އެންމެ ފަހުން ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު ހަ މެޗުންވެސް ލިވަޕޫލް ބަލިވެފައިވާއިރު، މިއީ ލިވަޕޫލުގެ ތާރީޚުގައި ލީގުގައި އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ހަ މެޗުން އެ ޓީމު ބަލިވި ފުރަތަމަ ފަހަރެވެ.