ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފުވައްމުލަކުގައި އިމާރާތްކޮށްފައިވާ 200 ފްލެޓްގެ ތެރެއިން 47 ފްލެޓަށް އެދުނު ފަރާތްތަކުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލްގެ ޑިރެކްޓަރ އަލީ މަސީހު ވިދާޅުވީ، މިއަދު ފެށިގެން މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ޝަކުވާ ހުށަހެޅުމުގެެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މަސީހު ވިދާޅުވީ، ފްލެޓް ދިނުމަމަށް ހަމަޖެހިފައިވަނީ ޕްއިންޓް ލިބިފައިވާ ތަރުތީބުން ކަމަށެވެ. އެހެންނަމަވެސް "އޭ" ކެޓަގަރީގެ 40 ވަނަ ފްލެޓާ ހަމައިން އެއްވަރަކަށް ޕޮއިންޓް ލިބިފައިވާ އެކަކަށްވުރެ ގިނަ މީހުން ތިބިނަމަ އެ ފްލެޓް ދޭނީ ގުރުއަތުލައިގެންކަމަށްވެސް މަސީހު ވިދާޅުވިއެވެ. އަދި "ބީ" ކެޓެގަރީގެ 7 ފްލެޓް ބަހަނީވެސް މި އުސޫލުން ކަން މަސީހު ފާހަގަ ކުރިއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފުވައްމުލަކު ސިޓީގައި އިމާރާތްކޮށްފައިވާ 200 ފްލެޓްގެ ތެރެއިން ބާކީހުރި 47 ފްލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ ބަޔަކު ކުރިމަތިލާފައިވެއެވެ. އެއިގެތެރެއިން ޝަރުތުހަމަވެ ވަގުތީ ލިސްޓްގައި ހިމެނފައިވަނީ 776 ފާރަތެކެވެ. ފުރުސަތު ހުޅުވާލި 47 ފްލެޓްތެރޭގައި ހިމެނެނީ "އޭ" ކެޓެގަރީގެ 40 ފްލެޓާއި "ބީ" ކެޓަގަރީގެ 7 ފްލެޓެވެ. "އޭ" ކެޓަގަރީގެ ފްލެޓަށް އެދި ފޯމް ހުށަހެޅިފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވެފައިވަނީ 640 ފަރާތުންނެވެ. "ބީ" ކެޓެގަރީއަށް ފޯމް ހުށަހެޅި ފަރަތްތަކުގެ ތެރެއިން ޝަރުތުހަމަވެފައިވަނީ 136 ފަރާތުންނެވެ. ފޯމްތައް އިވެލުއޭޓްކޮށް ޕޮއިންޓްދީފައިވާ ގޮތުގެ ލިސްޓް އާންމުކޮށްފައިވަނީ މި މަހުގެ 11 ވަނަދުވަހުއެވެ.
ފުވައްމުލަކުގައި އިމާރާތްކޮށްފައިވާ 200 ފްލެޓްގެ ތެރެއިން "އޭ" ކެޓެގަރިީގެ ދަށުން ފުވައްމުލަކުގެ ރައްޔިތުންނަށް ޚާއްސަ ކުރެވިފައިވަނީ 180 ފްލެޓެވެ. "ބީ" ކެޓެގަރީއަކީ، ފުވައްމުލަކަށް ހިޖުރަކުރަން ބޭނުންވާ މީހުންނަށް ޚާައްސަ ކެޓެގަރީއެވެ. މިކެޓެގަރީގައި ހިމެނެނީ 20 ފްލެޓެވެ.