ކ. މާލެ
|
14 މާރޗް 2021 | އާދީއްތަ 01:47
ފޮރިން މިނިސްޓްރީގެ އައު އިމާރާތް، ފޮރިން މިނިސްޓްރީއިން ބުނީ މިފަދަ ސްޓޭޓްމަންޓަކަށް ދިވެހިރާއްޖެއިން ތާއިދުކޮށްފައި ނުވާނެ ކަމަށް
ފޮރިން މިނިސްޓްރީގެ އައު އިމާރާތް، ފޮރިން މިނިސްޓްރީއިން ބުނީ މިފަދަ ސްޓޭޓްމަންޓަކަށް ދިވެހިރާއްޖެއިން ތާއިދުކޮށްފައި ނުވާނެ ކަމަށް
އެޑިޝަން.އެމްވީ
ޝިންޖިއާން މައްސަލައިގައި ރާއްޖެ ތާއިދު ނުކުރޭ
ޝިންޖިއާން މައްސަލައިގައި ކިއުބާގެ ބަޔާނަށް ރާއްޖެއިން ތާއިދެއް ނުކުރޭ – ފޮރިން މިނިސްޓްރީ
ކިއުބާއިން މި މައްސަލަ ހުށަހެޅީ 64 ގައުމެއްގެ ތާއިދާއެކު
މި ސްޓޭޓްމަންޓަށް ދިވެހިރާއްޖެއިން ތާއިދުކުރި ކަމަށް ޔުނިވަރސަލް ރައިޓްސް ގްރޫޕްގެ އެގްޒެކެޓިވް ޑިރެކްޓަރ މާކް ލިމޮން ވަނީ ޓްވީޓް ކުރައްވާފައި

ޗައިނާގެ ޝިންޖިއާން ސަރަހައްދުގައި ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކަކީ ދޮގެއްކަމަށް ބުނެ އދ.ގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލްގައި ކިއުބާއިން ނެރުނު ޖޮއިންޓް ސްޓޭޓްމަންޓަށް ދިވެހިރާއްޖެއިން ތާއިދު ކޮށްފައި ނުވާނެ ކަމަށް ފޮރިން މިނިސްޓްރީއިން ބުނެފިއެވެ.

ހުކުރު ދުވަހު ބޭއްވުނު އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 46 ވަނަ ބައްދަލުވުމުގެ ތެރެއިން، 64 ގައުމެއްގެ ތާއިދާއެކު ކިއުބާއިން ވަނީ ސިންޖިއާން ސަރަހައްދުގައި ޗައިނާއިން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ދިފާއުކޮށް ޖޮއިންޓް ސްޓޭޓްމަންޓެއް އިއްވާފައެވެ.

މި ޖޮއިންޓް ސްޓޭޓްމަންޓުގައި ކިއުބާއިން ވަނީ ޗައިނާއިން އިންސާނީ ހައްގުތަކުގެ ކަންކަމުގައި ގެންގުޅޭ އުސާލާ ހޯދާފައިވާ ކާމިޔާބީތަކަށް މަރުހަބާ ކިޔައިފައެވެ. އަދި ސިންޖިއާން އާއި ގުޅޭ ކަންކަން އޮޅުވާލާ ޗައިނާގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަނުން ހުއްޓާލަންޖެހޭ ކަމަށް ވަނީ ބުނެފައެވެ.

މި ސްޓޭޓްމަންޓަށް ދިވެހިރާއްޖެއިން ތާއިދުކުރި ކަމަށް ޔުނިވަރސަލް ރައިޓްސް ގްރޫޕްގެ އެގްޒެކެޓިވް ޑިރެކްޓަރ މާކް ލިމޮން ޓްވީޓް ކުރައްވާފައިވާއިރު، އެކަމާއި ގުޅިގެން ފޮރިން މިނިސްޓްރީއިން ބުނީ މިފަދަ ސްޓޭޓްމަންޓަކަށް ދިވެހިރާއްޖެއިން ތާއިދުކޮށްފައި ނުވާނެ ކަމަށެވެ.

ބައިނަލްއަގްވާމީ މީޑިއާތަކުން އަންނަނީ ޗައިނާގެ ސިންޖިއާން ސަރަހައްދުގައި ލާއިންސާނީ ގިނަ އަމަލުތަކެއް ޗައިނާ ސަރުކާރުން ކުރަމުން އަންނަ ކަމަށް ބުނެފައެވެ. އެގޮތުން އެ ސަރަހައްދުގައި ދިރިއުޅޭ ވީގްރޫ މުސްލިމުންނަށް ދަތި ކުރުމުގެ އެތަށް ފިޔަވަޅެއް އަޅަމުން ގެންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެހެންނަމަވެސް ޗައިނާއިން މިކަންކަމަށް ވަނީ އިންކާރު ކޮށްފައެވެ. ޗައިނާ ސަރުކާރުން ބުނަމުން އަންނަނީ އެ ސަރަހައްދުގައި ޗައިނާގެ ސަލާމަތީ ބާރުތަކުން ކުރަމުން އަންނަ މަސައްކަތަކީ ދީނީ ގޮތުން ހަރުކަށި ފިކުރުން ސަލާމަތް ކުރުމަށް ހިންގުމުން އަންނަ މަސައްކަތެއް ކަމަށެވެ.

- ކޮމެންޓް