ފާއިތުވި 24 ގަޑިއިރުތެރޭގައި ރާއްޖެއިން ކޮވިޑް-19ށް ޕޮޒިޓިވްވެފައިވަނީ 94 މީހުންކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ހުކުރު ދުވަހުގެ ހަވީރު 06:00ން ފެށިގެން ހޮނިހިރު ދުވަހުގެ ހަވީރު 06:00 އާއި ހަމައަށް ރާއްޖެއިން 4626 ސާމްޕަލެއް ވަނީ ޓެސްޓްކޮށްފައެވެ. މީގެތެރެއިން ޕޮޒިޓިވްވި 94 މީހުންގެ ތެރޭގައި މާލެ ސަރަހައްދުން 65 މީހުން ހިމެނެއެވެ. އަދި އަތޮޅުތަކަށް ނިސްބަތްވާ 14 މީހުންނާއި ރިސޯޓްތަކުން 15 މީހުން ހިމެނެއެވެ.
މިހާރު އެކްޓިވް ކޭސްތަކުގެ ގޮތުގައި ގުނަމުންދަނީ 2438 ކޭސްއެކެވެ. މީގެތެރެއިން 136 މީހަކަށް އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ.
ރާއްޖެއިން ޖުމްލަ 21،476 މީހުން މިހާތަނަށް އައިއިރު ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާއިރު 18،967 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ. އަދި 64 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.
ހޮނިހިރު ދުވަހުގެ ކޭސްތަކުގެ އަދަދު 100ށް ދަށުގައި އުޅޭއިރު މިއީ ހިނގަމުންމިދާ މަރޗް މަހު ކޭސްތަކުގެ އަދަދު 100ން ދަށްވި ދެ ވަނަ ދުވަހެވެ. މީގެކުރިން މަރޗް މަހުގެ 6 ވަނަ ދުވަހުވެސް ކޮވިޑަށް ޕޮޒިޓިވްވެގެން ރިޕޯޓްކޮށްފައިވަނީ 100ށް ދަށުންނެވެ. އެދުވަހު ޕޮޒިޓިވްވެފައިވަނީ 98 މީހުންނެވެ.
ހޮނިހިރު ދުވަހުގެ އަދަދުތަކަށް ބަލާއިރު މާލެ ސަރަހައްދުން ފެނުނު ކޭސްތަކުގެ އަދަދުވެސް ވަނީ އޭގެކުރީ ދުވަހާ އަޅާބަލާއިރު ދަށަށްގޮސްފައެވެ. ހުކުރު ދުވަހު އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އެދުވަހު މާލެ ސަރަހައްދުން 86 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އެހެންނަމަވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ މީހުން ވަނީ ހުކުރު ދުވަހާ އަޅާބަލާއިރު ހޮނިހިރު ދުވަހު ވަނީ ތިން މީހުން އިތުރުވެފައެވެ. ބަލިން ރަނގަޅުވި މީހުންނަށް ބަލާއިރު 93 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
ރާއްޖޭގައި ކޮވިޑްގެ ތިން ވަނަ ރާޅެއް އައިސްފައިވާއިރު ޖެނުއަރީ މަހުގެ 24ން ފެށިގެން ދުވާލެއްގެ މައްޗަށް 100ން މަތިން އަންނަނީ ކޭސްތައް ރިޕޯޓްކުރަމުންނެވެ. ޖެނުއަރީ މަހުގެ 24ން ފެށިގެން މަރޗް މަހުގެ 13 ވަނަ ދުވަހާ ހަމައަށް 100ން ދަށުން ކޭސްތައް ރިޕޯޓްކޮށްފައިވަނީ ތިން ދުވަހެއްގައެވެ. އެއީ މަރޗް މަހުގެ 13 ވަނަ ދުވަހާއި މަރޗް މަހުގެ 6 ވަނަ ދުވަސް އަދި ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ.
ކޮވިޑްގެ ހާލަތު ގޯސްވަމުންދިޔުމާއެކު މާލެ ސަރަހައްދުގައި ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން އިރުއޮއްސި ހަޔަކުން ފަތިހު ހަޔަކަށް ވެހިކަލް ދުއްވުން މަނާއިރު ރޭގަނޑު 11ން ފެށިގެން ފަތިހު 4:30 ވަންދެން އަންނަނީ ކާފިއު ހިންގަމުންނެވެ. އަދި ރެސްޓޯރެންޓްތައް ރޭގަނޑު 8 ޖަހާއިރު ބަންދުކުރާ ގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ.