މިމަހުގެ 15ގެ ފަހުން މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ވެކްސިން ފުރަތަމަ ޑޯޒް ޖެހޭ ފަރާތްތައް ކަނޑައަޅައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ 15 މާޗުގެ ފަހުން، މާލެ ސަރަހައްދުގައި ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހޭނެ ފަރާތްތަކަކީ އުމުރުން ދުވަސްވުމުގެ ސަބަބުން ނުވަތަ ބަލި ޖެހިއްޖެނަމަ ސިއްހީ ހާލަތު ގޯސްވެދާނެ ހައި ރިސްކު މީހުންނާއި، މިހާރު ޕޮސިޓިވް އެކަހެރިވެފައިވާ މީހުންނާއި ބަލި ޖެހުނުކަން ކަށަވަރުވެ 28 ދުވަސް ހަމަނުވާ މީހުންނަށް ކަމަށެވެ. އަދި ކޮންޓެކްޓަކަށްވެ ކަރަންޓީނުގައި ތިބި މީހުންނާއި ދަތުރުކުރުމާއި ގުޅިގެން ކަރަންޓީނުގައި ތިބި މީހުންގެ އިތުރުން ބައްޔެއްގެ ސަބަބުން ނުވަތަ ޞިއްޚީ ޚާލަތެއްގެ ސަބަބުން ވެކްސިން ޖެހުން ލަސްކުރަންޖެހިފައިވާ މީހުންނަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މާޗު މަހުގެ 8 ވަނަ ދުވަހު މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައިދެނީ މި މަހުގެ 15 ވަނަ ދުވަހާ ހަމައަށްކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވުމާއެކު މާލެ ސަރަހައްދުގެ ވެކްސިން ޖަހާ ސެންޓަރުތަކަށް މިވަނީ ބާރުބޮޑުވެގެން ގޮސްފައެވެ. ކޮންމެ ސެންޓަރެއްގެ ކިޔު އެތައް ހިސާބަކަށް ދަމާލާފައިވާއިރު މިސަރަހައްދުގައި ވެކްސިން ޖަހާ މީހުންގެ އަދަދު ވަނީ މަތިވާން ފަށާފައެވެ.
މާލެ ސިޓީގައި ވެކްސިން ޖަހަމުންދާ ތަންތަނުގައި ވެކްސިން ޖަހަމުންދަނީ ހެނދުނު 9ން ފެށިގެން ހަވީރު 4:30އާ ހަމައަށެވެ. މާލޭގެ 8 ތަނަކުން ވެކްސިން ޖަހަމުން އަންނައިރު މޯބައިލް ދެ ޓީމެއް ހަރަކާތްތެރިވަމުންދާކަމަށް އެޗްޕީއޭއިން ބުނެއެވެ.
ރާއްޖޭގައި ދިފާއުގެ ނަމުގައި ވެކްސިނޭޝަން ޕްރޮގްރާމް ފަށާފައިވަނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ 188،436 ށް އަރައިފައެވެ. އެއީ މާލޭ ސަރަހައްދުން ވެކްސިން ޖެހި 105،836 މީހުންނާއި އަތޮޅު ތެރެއިން ވެކްސިން ޖެހި 82،600 މީހުންނެވެ.