ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމާ ގުޅިގެން ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕެއިންކުރުމަށް ކަރަންޓީނުނުވެ ދެވޭ ގޮތަށް ގެނައި އިސްލާހު އުވާލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)ން ނިންމައިފިއެވެ.
އެކަން ހާމަކޮށް އެޗްޕީއޭއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރުމާގުޅިގެން ކޮވިޑް-19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިއަށް ގެންދިއުމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުގެ 12 ވަނަ މާއްދާއަށް ގެނައި އިޞްލާޙް އުވާލަން ނިންމައިފީމެވެ.
އެޗްޕީއޭއިން މިގޮތަށް ނިންމާފައިވާއިރު ކަރަންޓީނުނުވެ ކެމްޕެއިނަށް ރަށްރަށް ކެމްޕެއިންކުރުމަށް ދެވޭގޮތަށް ހަމަޖެއްސުމުން ގިނަ ބަޔަކު ވަނީ އެކަމަށް ފާޑުކިޔާފައެވެ. އެގޮތުން އަމިއްލަ އާއިލާ ގާތަށް ކަރަންޓީނުނުވެ ދެވޭނެ ގޮތެއް ނެތްއިރު އެފުރުސަތު ކެމްޕެއިން ކުރުމަށް ދިނުމުން އާންމު ރައްޔިތުން ކަންބޮޑުވުންތަކުން ވަނީ ސޯޝަލް މީޑިޔާގެ ޕްލެޓް ފޯރމްތައް ފުރާލާފައެވެ. އަދި މިނިންމުން ބަދަލުކުރުމަށް އާންމު ރައްޔިތުން ގޮވާލަމުންދިޔައިރު ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންވެސް ވަނީ އެއުސޫލާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކަރަންޓީނުނުވެ ރަށްރަށަށް ދިޔުމުގެ ފުރުސަތުދޭ ގޮތަށް އެޗްޕީއޭއިން ގައިޑްލަައިނަށް ބަދަލު ގެނައީ ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ނުލިބޭކަމަށް ބުނެ ސިޔާސީ ޕާޓީތަކާއި އިލެކްޝަންސް ކޮމިޝަނުން (އީސީ) ވެސް ޝަކުވާކުރުމުންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އިތުރުން މާލިއްޔަތު ކޮމިޓީގައި ބޭއްވި ބައްދަލުވުންތަކުގައި އީސީން ވަނީ އިންތިޚާބު ބޭއްވުމަށް އެޗްޕީއޭއިން އެކުލަވާލި ގައިޑްލައިން ގައި ހުރި ކަންތައްތަކުގެ ސަބަބުން އިންތިޚާބު ބޭއްވުމަށް ކުރިމަތިވާ ދަތިތަކުގެ ވާހަކަ ހިއްސާކޮށްފައެވެ.
އޭގެތެރޭގައި ކެމްޕެއިންކުރުމުގެ ހަމަހަމަ ފުރުސަތުތަކެއް ދެވުމުގެ ޖާގަ ނެތުމާއި އިންތިޚާބުގެ ކަންކަމަށް ދާ އީސީގެ އޮފިޝަލުން 5 ދުވަހަށްވުރެ ދިގު މުއްދަތަކަށްދާނަމަ ކަރަންޓީނުވާން ޖެހޭ ގޮތަށް އޮންނަ އޮތުން ވަނީ ފާހަގަކޮށްފައެވެ.
އިންތިޚާބު ބޭއްވުމަށް އެޗްޕީއޭއިން އެކުލަވާލި ގައިޑްލައިނަށް ބަދަލު ގެނެސްފައިމިވަނީ އެންމެ ފަހުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެޗްޕީއޭއާއި އީސީ ހާޒިރުކޮށް ބޭއްވި ބައްދަލުވުމަށްފަހުއެވެ. އެބައްދަލުވުމުގައި އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެފައިވަނީ ޤާނޫނުގައި ބުނާ ކެމްޕެއިންކުރުމުގެ 28 ދުވަހުގެ މުއްދަތެއް މަރޗް މަހުގެ 12 ވަނަ ދުވަހުން ފެށިގެން ދޭންޖެހޭއިރު ހަމަހަމަކަމާއެކު އެފުރުސަތު ނުދެވިދާނެކަމުގެ ބިރު އެބައޮތްކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އިންތިހާބުގެ ކަންކަން ކުރިޔަށްދާ ގޮތުން ކޯޓަށް މައްސަލަ ހުށަހަޅައިގެން އެފަރާތްތަކަށް ކާމިޔާބުކުރެވިދާނެ ފަދަ ކަންތައްތަކެއް އެބަހުރިކަމަށް ޝަރީފް ވިދާޅުވިއެވެ.
ކެމްޕެއިނަށް އިއުލާންކުރަންޖެހޭނެ 12 މަރޗް އިން އޭޕްރީލް 10ށް 28 ދުވަހުގެ މުއްދަތު. އިންތިހާބަށް ޚާއްސަ ގޮތްތަކެއް ކެމްޕެއިން ކުރަން ފުރުސަތުތަކެއް ދޭންޖެހޭނެ. 12 މަރޗަށް ފަހު އެ ނުލިބޭ ކަމަށްވާނަމަ ބަޔަކު އެހިފައިގެން ކޯޓުގައި ޗެލެންޖްކުރުމުގެ ފުރުސަތު ލިބޭނެ. އެހެންވިއްޔާ ދައުލަތަށް އެތައް ބައިވަރު ޚަރަދެއް ކުރުމަށްފަހު ނަތީޖާއެއް ނުނިކުތުމުގެ ފުރުސަތު ލިބޭނެ. އެހެންވީމާ 12 މަރޗް އިން ފެށިގެން ސިޔާސީ ޕާޓީތަކަށް ކެންޑިޑޭޓުންނަށް ލުއިގޮތްތަކެއް ލިބެންޖެހޭނެ. އެއީ މުހިންމު ކަމެއް.އަހުމަދު ޝަރީފް/ އީސީގެ ރައީސް
އެކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު ވިދާޅުވީ ގައިޑްލައިން އެކުލަވާލާފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބާރުއަޅައިގެން ކަމަށެވެ. މިގައިޑްލައިނުން ކިޔައިދެނީ އިންތިޚާބު ކުރިޔަށްދާއިރު ދެން ކަންތައްތައް ކުރަންވީ ގޮތްކަމަށް މައިމޫނާ ވިދާޅުވިއެވެ.
ދެ ފަރާތުގެ ވާހަކަތަކަށްފަހު ކޮމިޓީން ނިންމާފައިވަނީ އިންތިޚާބު ބޭއްވުމަށް މަގުފަހިވާގޮތަށް ގައިޑްލައިނަށް ބަދަލުތަކެއް ގެނައުމަށްފަހު މަރޗް މަހުގެ 11 ވަނަ ދުވަހު އެކަން އެންގުމަށެވެ. އަދި ކޮވިޑްގެ ޕެންޑަމިކްގެ ތެރޭގައި އިންތިޚާބު ބާއްވަންޖެހޭއިރު އެމަގަށް މަގުފަހިވާ ގޮތަށް ހުރިހާ ފަރާތްތަކުންވެސް ކަންތައްތައް ކުރުމަށް ކޮމިޓީގެ މެމްބަރުން ވަނީ އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭއިން އިސްލާހު ގެނައި ގައިޑްލައިންގައި ހިމެނޭ ބައިތައް:
- ކެނޑިޑޭޓުން ދޮރުން ދޮރަށް ކެމްޕެއިން ނުކުރުން
- ރަށްރަށަށް ފުރުމުގެ ކުރިން އެޗްޕީއޭ އާއި ކައުންސިލްގެ ހުއްދަ ނެގުން
- ކޮވިޑް-19 ގެ އަލާމާތެއް ހުރި ނަމަ ދަތުރު ނުކުރުން
- ރަށްރަށުގައި ގެތަކުގެ މީހުންނާ އެއްވެ ކައިބޮއެ ހެދުން ފަދަ ކަންކަން ނުކުރުން
- މީހުން ދިރިއުޅޭ ގެއެއްގައި މަޑު ކުރާނަމަ އެ ގެއެއް މޮނިޓަރިންނަށް ލުން
- ކެފޭ ރެސްޓޯރަންޓުތަކަށް ނުދިޔުން
- މަރުހަބާ ކިޔަން މީހުން އެއް ނުކުރުން
އިސްލާހުގައިވާ ގޮތުން ހާއްސަ ގައިޑްލައިންގެ ދަށުން ދަތުރުކުރާ އެއްވެސް ކެންޑިޑޭޓަކު ނުވަތަ ފަރާތަކުން އުސޫލާ ހިލާފުވެއްޖެ ނަމަ ދެން އެ ފަރާތަކުން ދަތުރުކުރުމުގައި އަމަލުކުރަން ޖެހޭނީ ކަރަންޓީނުގެ އުސޫލަށެވެ.
ކައުންސިލް އިންތިހާބަށް އެޗްޕީއޭއިން އެންމެ ފުރަތަމަ ނެރުނު ގައިޑްލައިންގައި ވަނީ ސިޔާސީ ފަރާތްތަކުންވެސް 10 ދުވަހު ކަރަންޓީނުވާން ޖެހޭ ގޮތަށެވެ. ނަމަވެސް އެގޮތަށް ކަރަންޓީނުވެގެން ރަށްރަށަށް ކެމްޕެއިންކުރުމަށް ދިޔުމަކީ ބޮޑެތި ޚަރަދުތަކެއް ހިނގާކަމެއްކަމަށްވާއިރު ގިނަ ދުވަސްތަކެއް އެގޮތަށް ހޭދަނުކުރެވޭނެކަމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރުން ވަނީ ވިދާޅުވެފައެވެ.