އދ. ފެންފުށިން މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެ އެ ރަށް މޮނިޓަރިންއަށްލައިފިއެވެ.
އެޗްޕީއޭއިން ބުނީ އެރަށުން ބަލީގެ އަލާމާތްތައް ފެނިގެން ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި ކޮންޓެކްޓް ޓްރޭސިން ނިމެންދެން ރަށް މޮނިޓަރިންއަށް ލާފާއިވާ ކަމަށެވެ.
އެކަމާ ގުޅިގެން "ރާއްޖެ އެމްވީ"އަށް މައުލޫމާތު ހިއްސާކުރައްވަމުން ފެންފުށީ ކައުންސިލްގެ ނައިބުރައީސް މޫސާ އަލީ ވިދާޅުވީ އެ ރަށުން ޕޮޒިޓިވްވީ އުމުރުން 37 އަހަރުގެ އަންހެނެއް ކަމަށެވެ. އެމީހާއަކީ އެއްވެސް ޓްރެވަލް ހިސްޓްރީއެއްވެސް ނެތް އަދި އެފަދަ މީހާކާ ބައްދަލުވެފައިވެސް ނުވާ އަދި އެއްވެސް ވަޒީފާއެއް އަދާކުރާ މީހެއްނޫން ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމީހާ ބަލިވެގެން ޑޮކްޓަރަށް ދެއްކީ މި މަހުގެ 9ވަނަ ދުވަހު ކަމަށެވެ. އަދި ސާމްޕަލް ނެގުމަށް ފަހު އޭގެ ނަތީޖާ ލިބުނީ ހުކުރު ދުވަހު އިރުއޮއްސުނުއެހާކަންހާއިރު ކަމަށާއި، މިހާރު ރަށް މޮނިޓަރިންއަށްލައި އެމީހާވެސް އައިސޮލޭޓްކޮށްފައިވާ ކަމަށެވެ. ރަށް މޮނިޓަރިންއަށްލުމުގެ އިތުރަށް އާންމުން ނިކުމެ އެއްވެ އުޅުން މަނާކޮށް އެއްވެ އުޅެވޭނެ ފަދަ ތަންތަންވެސް ބަންދުކޮށްފައިވާކަމަށް ވިދާޅުވިއެވެ. އެގޮތުން ކެފޭ ރެސްޓޯރަންޓުތަކާއި، ޕާކުތަކާއި މައިޒާންތައްވެސް ބަންދުކޮށްފައިވާކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރަށުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި ކޮންޓެކްޓުންގެ ގޮތުގައި ވަކި އަދަދެއް އަދި ދެނެގަނެވިފައިނުވާ ކަމަށެވެ. އެކަމަކު ރަށު ތެރެއިން ރެންޑަމްކޮށް ޕޮޒިޓިވްވި މީހެއްކަމުން އެމީހާގެ ކޮންޓެކްޓުން ވަރަށް ގިނަ ވާނެކަމަށް ބެލެވޭ ކަމަށް ވިދާޅުވިއެވެ. ކޮންޓެކްޓް ޓްރޭސިންގެ އިތުރަށް ރަށު ތެރެއިން 100 ވަރަކަށް ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތްވެސް ރަށު ސިއްހީ މަރުކަޒުން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި މިހާތަނަށް 21,268 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު މި ބަލީގެ ތިން ވަނަ ރާޅެއް ކުރިމަތިވެފައިވާތާ މިހާރު ވަނީ މަހަކަށް ވުރެ ގިނަ ދުވަސްވެފައެވެ. ރާއްޖޭގައި މިހާރު ކޮވިޑް-19ގެ އެކި ވޭރިއަންޓްތައް އުޅޭކަމަށް އެޗްޕީއޭއިން ބުނެފައިވާއިރު މި ވޭރިއަންޓްތައް އަތޮޅުތެރެއިންވެސް ފެނިފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
ކޮވިޑް-19އާ ގުޅިގެން ކަރަންޓީނު ނުވެ މާލެއިން އަތޮޅުތެރެއަށް ދިއުން މަނާކޮށްފައިވާއިރު ކުރު މުއްދަތައް ވަކި ހާއްސަ ހުއްދައަކާއެކު ދަތުރުކުރުން ވަނީ ހުއްދަކޮށްފައެވެ. އެގޮތުން ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައް ރައްޔިތުންނަށް ދިނުމަށް އެޗްޕީއޭގެ ހުއްދައާއެކު ފަސް ދުވަހަށް އަތޮޅުތެރެއަށް ދެވޭއިރު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށްވެސް ކަރަންޓީން ނުވެ ފަސް ދުވަހަށް އަތޮޅުތެރެއަށް ދިއުމުގެ ހުއްދަ އެޗްޕީއޭއިން ވަނީ ދީފައެވެ.