ކޮވިޑް-19އާ ދެކޮޅަށް މުޅި މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު 100،000ށް އަރައިފިއެވެ.
ބުރާސްފަތި ދުވަހު ރިކޯޑު އަދަދަކަށް މުޅި ރާއްޖެއިން ވެކްސިން ޖަހާފައިވާއިރު އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ވެކްސިން ޖެހީ 11،474 މީހުންނެވެ. އޭގެ ތެރެއިން 6،015 މީހުން ވެކްސިން ޖެހީ މާލެ ސަރަހައްދުންނެވެ. އަދި އަތޮޅުތެރެއިން ވެކްސިން ޖެހީ 5،459 މީހުންނެވެ. މިއާއެކު މުޅި ރާއްޖެއިން ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 186،930ށް އަރާފައެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުން ވެކްސިން ޖެހީ 105،836 މީހުންނެވެ. އަތޮޅުތެރެއިން ވެކްސިން ޖަހާފައިވަނީ 81،094 މީހުންނެވެ.
ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު މުޅި ރާއްޖޭގައި ކޮވިޑް-19ގެ ދިފާއުގެ ނަމުގައި ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭނެއް ފަށާފައިވާއިރު، އަދި މިހާތަނަށް ރާއްޖޭގައި ބޭނުންކުރަނީ ކޮވިޝީލްޑް ވެކްސިންއެވެ. އެ ވެކްސިންގެ ފުުރަތަމަ ޑޯޒު ޖެހުން މާލެ ސަރަހައްދުގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ މި މަހު 15ގެ ނިޔަލަށެވެ. އޭގެ ފަހުން ވެކްސިން ޖެހޭނީ ބަލިން ރައްކާތެރިކުރުމަށް ޚާއްޞަ އިސްކަމެއް ދޭ މީހުންނާއި، (އުމުރުން ދުވަސްވީ މީހުންނާއި ބަލިތަކުގައި އުޅޭ މީހުން)، ޕޮޒިޓިވްވެ މިހާރު އެކަހެރިވެފައިވާ މީހުންނާއި (އެމީހުންނަށް ވެކްސިންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މުއްދަތުގައި)، ކޮންޓެކްޓްވެ ކަރަންޓީންގައި ތިބި މީހުންނަށެވެ. އެމީހުންނަށް ވެކްސިންޖެހޭނެކަމަށް ކަނޑައަޅާފައިވާ މުއްދަތުގައި، ރާއްޖެއިން ބޭރުން ދަތުރުކުރުމަށްފަހު ކަރަންޓީންގައި ތިބި މީހުންނާއި މާލެއިން ދަތުރުކުރުމަށްފަހު ކަރަންޓީނުގައި ތިބި މީހުންގެ އިތުރުން ބައްޔެއްގެ ސަބަބުން، ސިއްހީ ޙާލަތެއްގެ ސަބަބުން ވެކްސިން ޖެހުން ލަސްކުރަންޖެހުނު މީހުންނަށެވެ.
މި މަހު 15ގެ ފަހުން ވެކްސިން ނުޖެހޭނެކަން އާންމުކުރުމާއެކު ވެކްސިން ޖަހަން ކޮންމެ ދުވަހަކުދާ މީހުންގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން މިދިޔަ ދެ ދުވަހުވެސް މާލެ ސަރަހައްދުގައި ވެކްސިން ޖަހާ ސެންޓަރުތައް ކައިރީގައި ދިގު ކިއުއެއް ދަމާފައި އޮވެއެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލުގައިވާގޮތުން ދެވަނަ ޑޯޒު ޖަހަން ފަށަން ޖެހޭނީ މޭ މަހުގެ ތެރޭގައެވެ. އެޗްޕީއޭއިން މިރޭ ބުނީ ވެކްސިންގެ ދެވަނަ ޑޯޒު ޖެހުން އެންމެ އަވަސްކޮށްވެސް ފެށޭނީ އޭޕްރިލް މަހު ކަމަށެވެ.
ކޮވިޝީލްޑް ވެކްސިންގެ އެއް ލައްކަ ޑޯޒު މިދިޔަ ޖެނުއަރީމަހު އިންޑިއާއިން ރާއްޖެއަށް ގެނެސްފައިވާއިރު އެ ޑޯޒުތައް ހުސްވަންދެން ވެކްސިން ޖަހާނެ ކަމަށް އެޗްޕީއޭއިން މީގެ ކުރިން ބުނެފައިވެއެވެ. އަދި އޭގެ ފަހުންވެސް އިންޑިއާއިން ވަނީ ކޮވިޝީލްޑްގެ އިތުރު އެއް ލައްކަ ޑޯޒު ރާއްޖެއަށް ގެނެސްފައެވެ.
ޗައިނާގެ ސިނޮފާމް ވެކްސިންވެސް ހެޔޮއެދޭ ފަރާތްތަކުން ރާއްޖެއަށް ހަދިޔާކޮށްފައިވީ ނަމަވެސް އެ ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދީފައެއް ނުވެއެވެ.