ކ. މާލެ
|
11 މާރޗް 2021 | ބުރާސްފަތި 22:26
ކޮވިޑް19 - ރޭގަނޑު މާލޭގެ މަގުމަތި
ކޮވިޑް19 - ރޭގަނޑު މާލޭގެ މަގުމަތި
ރާއްޖެއެމްވީ
ކޮވިޑް-19
ޕޮޒިޓިވް ކޭސްތަކުގެ އަދަދު މަޑުމަޑުން ދަށަށް، ބުރާސްފަތި ދުވަހު ޕޮޒިޓިވްވީ 124 މީހުން
މާލެ ސަރަހައްދުން ޕޮޒިޓިވްވީ 100 މީހުން
ޕޮޒިޓިވް ކޭސްތަކުގެ އަދަދު 21،268ށް، 18،659 މީހުން ވަނީ ބަލިން ރަނގަޅުވެފައި
މިހާރު 2،502 މީހުން ފަރުވާ ހޯދަމުން އަންނައިރު 157 މީހުންނަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެން

ބުދަ ދުވަހު އިރުއޮއްސި ހަޔަކުން ފެށިގެން ބުރާސްފަތި ދުވަހުގެ އިރުއޮއްސި ހަޔަކަށް ނެގި ކޮވިޑް-19 ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވީ 124 މީހުންކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ބުދަ ދުވަހު އިރުއޮއްސި ހަޔަކުން ފެށިގެން ބުރާސްފަތި ދުވަހުގެ އިރުއޮއްސި ހަޔަކަށް ނެގި ކޮވިޑް-19 ސާމްޕަލްތަކުގެ ތެރެއިން މާލެ ސަރަހައްދުން ޕޮޒިޓިވްވީ 100 މީހުންނެވެ. އަތޮޅުތެރެއިން 13 މީހުން ޕޮޒިޓިވްވިއިރު ރިސޯޓުތަކުން ޕޮޒިޓިވްވީ 11 މީހުންނެވެ.

މިއާއެކު ޕޮޒިޓިވް ކޭސްތަކުގެ އަދަދު 21،268ށް އަރާފައިވާއިރު، 18،659 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މި ބައްޔަށް މިހާރު 2،502 މީހުން ފަރުވާ ހޯދަމުން އަންނައިރު 157 މީހުންނަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ. އަދި މި ބަލީގައި 64 މީހުން މިހާތަނަށް ވަނީ މަރުވެފައެވެ.

ކޮވިޑް-19އާ ގުޅިގެން އިއުލާންކުރި ލޮކްޑައުންއަށް ލުއިތައް ދިނުމާއެކު ކޮވިޑް-19ގެ ދެވަނަ ރާޅެއް ދިވެހިންނާ ކުރިމަތިވުމަށް ފަހު ކޭސްތައް ވަރަށް ބޮޑަށް ދަށްވިތާ މާ ގިނަ ދުވަހެއް ނުވެ އަނެއްކާވެސް ކޮވިޑް-19ގެ ތިންވަނަ ރާޅަކާ ކުރިމަތިލައި ކޭސްތައް އިތުރުވާން ފެށީ މިދިޔަ ޖެނުއަރީގައެވެ. ޖެނުއަރީ 24ން ފެށިގެން ގާތްގަނޑަކަށް ކޮންމެ ދުވަހަކުވެސް ކޭސްތަކުގެ އަދަދު ހުންނަނީ 150ން މަތީގައެވެ. އެއާއެކު އެ ބަލިން ރައްކާތެރިވުމަށް ފިޔަވަޅުތައް ހަރުކަށިކޮށްފައިވާއިރު، ސްކޫލްތަކުގައި އޮންލައިންކޮށް ކިޔަވައިދޭން ނިންމައި، އިރުއޮއްސި ހައެއްގެ ފަހުން އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށް ވަނީ އުސޫލު ކަނޑައަޅާފައެވެ.

މީގެ އިތުރަށް ރޭގަނޑު 8 ގެ ފަހުން ރެސްޓޯރަންޓުތަކުގައި ޑައިން އިން ކުރުން މަނާކޮށް ރޭގަނޑު 11ގެ ފަހުން ބޭރަށް ނިކުމެ އުޅުންވެސް ވަނީ މަނާކޮށްފައެވެ. މި ފިޔަވަޅުތަކަށް އެއް މަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު ކޭސްތަކުގެ އަދަދު 100ން މަތިވި ނަމަވެސް އަދަދުތައް 150ން ދަށުގައި އުޅޭތާ މިހާރު ވަނީ ދުވަސްކޮޅެއް ވެފައެވެ.

- ކޮމެންޓް