ކ. މާލެ
|
11 މާރޗް 2021 | ބުރާސްފަތި 18:00
ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަޙްމަދު ސަލީމް (ބޮޑުހީނާ)
ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަޙްމަދު ސަލީމް (ބޮޑުހީނާ)
ރާއްޖެ އެމްވީ
ކުޅިވަރު ހަރަކާތްތައް މެދުކަނޑާލުން
އުސޫލުތަކެއްގެ ދަށުން ހުރިހާ ކުޅިވަރަކަށްވެސް ފުރުޞަތު ދޭން ޖެހޭ: ހީނާ
ވަރަށް ބޮޑު އަސަރެއް ކުޅިވަރު ކުޅުންތެރިންނަށް ކުރާނެ ކަމަށް ވިދާޅުވި
ފަރިތަކުރުންތައް ކުރިއަށްގެންދިޔުމުގެ ހުއްދަ އޮތީ ހަމައެކަނި ފުޓްބޯޅައަށް
ކުޅިވަރުގެ ހަރަކާތްތައް މެދުކަނޑާލުމަށް އެންގީ ފެބްރުއަރީ މަހުގެ ކުރީކޮޅު

ކޮވިޑް-19 އާ ގުޅިގެން ކުޅިވަރުތައް ކުޅުން ހުއްޓާލުމުގެ ބަދަލުގައި، ވަކި ހާއްސަ އުސޫލުތަކެއްގެ ދަށުން ހުރިހާ ކުޅިވަރެއް ކުޅުމަށްވެސް ފުރުޞަތު ދޭން ޖެހޭ ކަމަށް ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަޙްމަދު ސަލީމް (ބޮޑުހީނާ) ވިދާޅުވެއްޖެއެވެ.

މާލެ ސަރަޙައްދުގައި ކުޅިވަރުގެ އެންމެހާ ހަރަކާތްތައް މެދުކަނޑާލުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެންގީ މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅެވެ. އަދި ދާދި ފަހުން އެކުވެނި ސިންތެޓިކް ޓްރެކް ބަންދުކުރަންވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

ކުޅިވަރުގެ އެންމެހާ ހަރަކާތްތައް މެދުކަނޑާލުމަށް އެޗްޕީއޭއިން އެންގުމާއެކު، މި ދަނޑިވަޅުގައި ކުރިއަށްދިޔަ ހަމައެކަނި މުބާރާތް ކަމަށްވާ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުންވެސް މެދުކަނޑާލަން ޖެހުނެވެ. އެއާއެކު ފުރަތަމަ ޑިވިޝަނުގެ ހުރިހާ ކުލަބަކުން ވަނީ ލީގު މެދުކަނޑާލުމުން ކުލަބުތަކާއި ކުޅުންތެރިންނަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށާއި، އެހެންކަމުން ލީގު ފެށުމުގެ ހުއްދަދިނުމަށް ގޮވާލާފައެވެ. އަދި ފަހުން ލީގުގައި ކުޅެމުން އަންނަ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމާއެކު، ހާއްސަ އުސޫލުތަކެއްގެ ދަށުން ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކަށް ފަރިތަކުރުންތައް ފެށުމުގެ ހުއްދަ ވަނީ ދީފައެވެ.

އަދި ދާދި ފަހުން ކުލަބު ޖަމުޢިއްޔާތަކުގެ ފަރިތަކުރުންތަކަށް ބެޑްމިންޓަނުގެ އިންޑޯ ހޯލް ދޫކުރަން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއެމް) އިން ނިންމި ނަމަވެސް، އެޗްޕީއޭއިން އިއުލާންކުރި އައު ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރުމުގެ ގޮތުން ބީބީއެމުން ވަނީ ވަގުތީ ގޮތުން ކުލަބުތަކުގެ ހަރަކާތްތަކަށް ކޯޓު ދޫކުރުން މަޑުޖައްސާލާފައެވެ. އެހެންކަމުން މި ހާލަތުގައި ފަރިތަކުރުންތައް ކުރިއަށްގެންދިޔުމުގެ ހުއްދަ އޮތީ ހަމައެކަނި ފުޓްބޯޅައަށެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހީނާ ވިދާޅުވީ މި ނުރައްކާތެރި ރޯގާއިން ސަލާމަތްވުމަށް ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން ރާއްޖޭގައި ކުޅޭ ހުރިހާ ކުޅިވަރެއް ކުޅުމަށް ހާއްސަ އުސޫލުތަކެއްގެ ދަށުން ނަމަވެސް، އެ ފުރުޞަތު ތަނަވަސްކޮށްދިނުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށްވެސް ވިދާޅުވިއެވެ.

އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް ރާއްޖޭގައި މި ކުޅޭ ހުރިހާ ކުޅިވަރެއްވެސް ކުޅުމުގެ ފުރުޞަތު، އެ ވަކި އުސޫލެއްގެ ދަށުން ނޫން ނަމަ ވަކި ގަވާއިދެއްގެ ދަށުން، ވަކި ގޮތަކަށް ކުޅުން ބައްޓަންކޮށްފައި، އެކަމެއް ކުރެވޭ ގޮތަށް ތަނަވަސްކޮށްދިނުން.
ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަޙްމަދު ސަލީމް (ބޮޑުހީނާ)

ހީނާ ވިދާޅުވީ ގިނަ ދުވަސްތަކެއް ވަންދެން ކުޅިވަރު ކުޅޭ ކުޅުންތެރިން ބްރޭކެއްގައި ތިބުމުން، އެކަމުގެ ވަރަށް ބޮޑު އަސަރެއް އެ ކުޅުންތެރިންނަށް ކުރާނެ ކަމަށެވެ. އަދި މީގެ އިތުރުން ކުޅިވަރު އެސޯސިއޭޝަންތަކުގައި ތިބެނީ އެ ކުޅިވަރެއްގެ ފުންނާބުއުސް ބަޔަކު ކަމަށާއި، އެހެންކަމުން ކުޅިވަރުގެ ހަރަކާތްތައް ހުއްޓިފައި އޮތުމުން އެ ބަޔަކު ވަރަށް ހިތާމަކުރާނެ ކަމަށެވެ.

އެހެންކަމުން ކުޅިވަރު އެސޯސިއޭޝަންތަކުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމަށާއި، އެގޮތުން ކުޅިވަރު ހަރަކާތްތައް އަލުން ފެށޭނެ ދުވަހެއް ސާފުކުރުމަށް އެސޯސިއޭޝަންތަކުން ކުރަމުން އަންނަ މަސައްކަތް ފާހަގަކޮށްލެވޭ ކަމަށްވެސް ހީނާ ވަނީ ވިދާޅުވެފައެވެ.

ކިތަންމެ ކުޅިވަރު ކުޅޭ ކުޅުންތެރިންތަކެއް މިހާ ދުވަސް ވަންދެން ބްރޭކުގައި ކަމެއް ނެތިފައި ތިބީމަވެސް، އެ ކުލިވަރު މަތިންވެސް ފޫހިވެއްޖެ. ދެން އެތައް ދުވަހަކުން ތައްޔާރުކުރި ބަޔަކު އެހެން ސިފައަކަށް ބަދަލުވެއްޖެ. އޭގެ މާނައަކީ އެ ކުއްޖާ އެ ހުންނަ ޝޭޕް މުޅިން ބަދަލުވެއްޖެ. ދެން އެތައް ދުވަހަކުން ކޮށްފައި އިން މަސައްކަތެއް މިދިޔައީ އެގޮތަށް.
ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަޙްމަދު ސަލީމް (ބޮޑުހީނާ)

ކުޅިވަރުގެ އެންމެހާ ހަރަކާތްތައް މެދުކަނޑާލާފައި އޮތުމާއެކު، ކުޅިވަރު ކުޅުންތެރިންނާއި އެސޯސިއޭޝަންތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، މީގެ ކުރިން ކުޅިވަރު އެސޯސިއޭޝަންތަކުން ވަނީ މި ކަންބޮޑުވުންތަކާ ގުޅިގެން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފާވެސް މަޝްވަރާކޮށްފައެވެ. އަދި ވަކި ހާއްސަ އުސޫލުތަކެއް ދަށުން ނަމަވެސް، ޤައުމީ ކުޅިވަރުތަކަށް ފުރުޞަތު ދިނުމަށް އެސޯސިއޭޝަންތަކުން ވަނީ އެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް
13 މާރޗް 2021 | ހޮނިހިރު 23:46
ނަސީހް
ހީނާ އުޅެނީ އަފްނާން ޕޮރޮމޯޓް ނުކުރެވިގެން