މިދިޔަ އަހަރަކީ އެމެރިކާގައި އެންމެ ގިނަ އަދަދެއްގެ މީހުން މަރުވި އަހަރުކަމަށާއި މަރުވި މީހުންގެ އަދަދު ކޮވިޑް-19ގެ ސަބަބުން 15 އިންސައްތަ އިތުރުވިކަމަށް އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ކުރިޔަށް ގެންދިޔަ ދިރާސާއަކުން ހާމަވެއްޖެއެވެ.
އެމެރިކާގައި މިދިޔަ އަހަރު 3 މިލިއަނަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. އޭގެތެރެއިން ކޮވިޑަކީ ތިން ވަނައަށް އެންމެ ގިނަ އަދަދެއްގެ މީހުން މަރުވުމަށް ދިމާވި ސަބަބުކަމަށް ދިރާސާއިން ވަނީ އެނގިފައެވެ. ކޮވިޑްގެ އިތުރުން ދެން މީހުން މަރުވެފައިވަނީ ހިތުގެ ބަލިތަކާއި ކެންސަރުގެ ސަބަބުންނެވެ.
ސީޑީސީން ކުރިޔަށް އޮތް ތަނުގައި މިދިރާސާގެ އިތުރު މައުލޫމާތުތައް ހާމަކުރަމުން ގެންދާނެއެވެ.
މިދިރާސާގެ އަލީގައި އެމެރިކާގެ އެކި ނަސްލުތަކާއި އެކި ހިސާބުތަކުގައި ދިރިއުޅޭ މީހުން މަރުވެފައިވާ އަދަދުތަކާއި ކޮވިޑްގެ ސަބަބުން މަރުވެފައިވާ އަދަދުތައް ހާމަވެގެންދާނެއެވެ.
މުޅި ދުނިޔޭގައި މިހާތަނަށް އައިއިރު 117.6 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާއިރު އެބަލީގައި މަރުވި މީހުންގެ އަދަދު ދެ މިލިއަނަށްވުރެ މައްޗެވެ.
އެމެރިކާއަކީ އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވައިރަސް ޖެހި އަދި މިބަލީގައި މަރުވަމުންދާ ގައުމެވެ. އެގޮތުން އެގައުމުގެ 29 މިލިއަން މީހުންނަށް ވައިރަސް ޖެހިފައިވާއިރު 528،000 މީހުން ވަނީ މިބަލީގައި މަރުވެފައެވެ.
އެމެރިކާގައި ދުވާލެއްގެ މައްޗަށް ކޮވިޑް ވެކްސިން ޖަހާ މީހުންގެ އަދަދު 2 މިލިއަނަށް އަރާފައިވާއިރު އެގައުމުގައި ފެންނަ ކޭސްތަކުގެ އަދަދުވެސް ވަނީ ދަށަށްދާން ފަށާފައެވެ. އަދި ބަލި ޖެހިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރާ މީހުންނާއި ކޮވިޑާއި ގުޅިގެން މަރުވާ މީހުންގެ އަދަދުތައް ވެސް ވަނީ ދަށަށްދާން ފަށާފައެވެ.