އެސްޓްރަޒެނިކާ ވެކްސިން ޖެހުމަށްފަހު އޮސްޓްރިއާއިން ދެ މީހަކު ބަލިވެ އަދި އެތަނުން އެކަކު މަރުވި މައްސަލާގައި އެއީ ވެކްސިން ޖެހުމުން ދިމާވިކަމެއްކަން އެނގެން ނެތްކަމަށް ޔޫރަޕިއަން މެޑިސިން އެޖެންސީން ބުނެފިއެވެ.
ވެކްސިން ޖެހި މީހުންގެ ތެރެއިން މީހަކު ބަލިވެ ލޭ ގަނޑުވުމުގެ މައްސަލަތަކެއް ދިމާވުމަށްފަހު އެމީހާ މަރުވުމާ ގުޅިގެން އޮސްޓްރިއަން ނޭޝަނަލް ހެލްތު އޮތޯރިޓީން ވަނީ އެސްޓްރަޒެނިކާ ވެކްސިންގެ އެ ބެޗް ޖެހުން ހުއްޓާލާފައެވެ. މީގެއިތުރުން ވެކްސިން ޖެހި އެހެން މީހަކު ވަނީ ފުއްޕާމެއާ ގުޅިފައިވާ ނާރެއް ބްލޮކްވެ ނޭވާލާ ނިޒާމުގެ މައްސަލަތަކެއް ކުރިމަތިވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައެވެ.
މިކަންތައްތަކާ ގުޅިގެން އީޔޫގެ މެޑިސިން އެޖެންސީން ބުނީ އެ ދެ މީހުންނަށް ދިމާވި މައްސަލަތަކަކީ ވެކްސިން ދިނުމުގެ ސަބަބުން ކުރިމަތިވި ކަންތައްތަކެއްކަމެއް ދެނެގަނެވިފައި ނުވާކަމަށެވެ. އަދި ވެކްސިން ޖެހުމުގެ ސަބަބުން ކުރިމަތިވާ ސައިޑް އެފެކްޓްތަކުގެ ތެރޭގައި ވެސް އެކަންކަން ނުހިމެނޭކަމަށް ވަނީ ބުނެފައެވެ.
ވެކްސިން ޖަހަމުން އަންނައިރު ވެކްސިންގެ ކޮލިޓީގެ މައްސަލައެއް އުޅުމަކީ ވުމަށްވުރެ ނުވުން ކައިރިކަމެއް ނަމަވެސް ވެކްސިންގެ އެބެޗްގެ ކޮލިޓީ ބަލާނެކަމަށް އީޔޫ މެޑިސިން އެޖެންސީން ބުނެއެވެ.
އޮސްޓްރިއާއިން އާދިއްތަ ދުވަހު ބުނެފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވެކްސިންގެ އެ ބެޗުން ވެކްސިން ޖެހުން މެދުކަނޑާލާފައިވާކަމަށެވެ. މިބެޗުން އީޔޫގެ 17 ގައުމަކަށް ވެކްސިން ފޮނުވާފައިވެއެވެ.
ވެކްސިންގެ މިޑޯޒްތައް ފޯރުކޮށްދިން އެންގްލޯ-ސްވިޑިޝް ކުންފުނިން ބުނެފައިވަނީ ވެކްސިންގެ ހުރިހާ ބެޗްތަކެއް ވެސް ފޯރުކޮށްދިނުމުގައި އަޅަންޖެހޭ ފިޔަވަޅުތަކަށް އަޅާފައިވާކަމަށާއި ކޮލިޓީ ކޮންޓްރޯލްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ސަމާލުކަންދީފައިވާ ކަމަށެވެ.
އަދި ވެކްސިން ފޯރުކޮށްދިނުމުގައި ވެކްސިންގެ ކޮލިޓީއަށް އަސަރުކުރާނެ އެއްވެސް ކަމެއްކޮށްފައިނުވާނެ ކަމަށް އެކުންފުނިން ބުނެއެވެ. މިކަމާ ގުޅިގެން ކުރިޔަށް ގެންދާ ތަހުގީގުތަކުގައި އޮސްޓްރިއާގެ އިދާރާތަކަށް ފުރިހަމައަށް އެއްބާރުލުންދޭނެކަމަށް ވެސް އެކުންފުނިން ބުނެއެވެ.
އީޔޫގެ ރެގިޔުލޭޓަރ އިން ހާމަކުރާގޮތުގައި އެސްޓްރަޒެނިކާ ވެކްސިން ޖެހި މީހުންގެ ތެރެއިން ލޭ ގަނޑުވުމުގެ ކަންތައްތަކާ ކުރިމަތިވި މީހުންގެ އަދަދާއި އާބާދީން އާންމުކޮށް ވެސް މި މައްސަލަ ކުރިމަތިވާ މީހުންގެ އަދަދާ އަޅާކިޔާއިރު ވެކްސިން ޖަހައިގެން އެ މައްސަލަ ކުރިމަތިވީ މީހުންގެ އަދަދު ނިސްބަތުން މަތި ނޫންކަމަށެވެ.
މަރޗް 9އާ ހަމައަށް އެސްޓްރަޒެނިކާ ވެކްސިން ދިން 3 މިލިއަން މީހުންގެ ތެރެއިން މި މައްސަލަ ކުރިމަތިވެގެން ރިޕޯޓްކޮށްފައިވަނީ 22 މީހުންނެވެ.
އީޔޫއިން އެސްޓްރަޒެނިކާ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފައިވަނީ ޖެނުއަރީ މަސް ނިމެން އުޅެނިކޮށެވެ. މިވެކްސިން އެމަރޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ދުނިޔޭގެ ސިއްހަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)އިން ދީފައިވަނީ ފެބްރުއަރީ މަހުގެ މެދެއްހާ ހިސާބުގައެވެ.