މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިއުޒިކް ލެޖެންޑް މައިކަލް ޖެކްސަންގެ ކޮއްކޮ ޖެނެޓް ޖެކްސަން ވޯލްޑް ޓުއާއެއްގައި މިއަހަރުގެ ސެޕްޓެމްބަރުމަހުގައި ނުކުންނާނެކަމަށް ބުނެފިއެވެ.
ޖެނެޓް ވޯލްޑް ޓުއާއަކަށް ދާން ނިންމާފައިވާއިރު އޭނާ ކުރިން އިނދެގެން އުޅުނު ވިސާމް އާއި ވަނީ މިދިޔަ މަހުގައި ވަރިވެފައެވެ.
މިދެ މީހުން ވަރިވިއިރު ކައިވެންޏަށް ވީ ފަސް އަހަރެވެ. ޖެނެޓާއި ވިސާމަށް އެދެމީހުންގެ ފުރަތަމަ ދަރިފުޅު އެއިޝާ ލިބުނީ ޖެނެޓްގެ އުމުރުން 50 އަހަރުގައެވެ. އެއިޝާ ލިބުނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. ވަރިވެފައި ވަނީ އެއިޝާއަށް ތިންމަސް ވެފައިވަނިކޮށެވެ.
އޭނާ މިދިޔަ އަހަރުގެ ޖުލައިގައި ފަށަން އެންމެ ފުރަތަމަ ޕްލޭންކުރި ޓުއާ "އަންބްރޭކަބަލް ވޯލްޑް ޓުއާ" ވަނީ ދަރިއަކު ހޯދަން ނިންމުމާ ގުޅިގެން ކެންސަލްކޮށްފަ އެވެ. ޖެނެޓް އާއި ވިސާމް އެންމެކުރިން ދިމާވީ 2010 ވަނަ އަހަރުގައެވެ. އެއީ ޖެނެޓް ދުބާއީއަށް ޓުއާއަށް ގޮސް އުޅުމުގެ ތެރޭގައެވެ.
ޓުއާއަކަށް ނިކުންނަން ނިންމިކަން އިއުލާންކޮށް، ފޭނުންނާ ޖެނެޓް ހިއްސާ ކުރި ޔޫޓިއުބް ވީޑިއޯއެއްގައި އޭނާ ވަނީ ވަރީގެ މައްސަލަ ކޯޓްގައި ހިނގަމުން އަންނަ ކަމަށް ވެސް ބުނެފަ އެވެ. އަދި ދަރިއަކު ލިބުމުން ވަރަށް އުފަލުން ހުރި ކަމަށް ބުންޏެވެ.
އޭނާ ޓުއާއަށް ދާނީ ސެޕްޓެމްބަރުމަހުގެ 7 ވަނަ ދުވަހުގައި ކަމަށް ޖެނެޓް ބުންޏެވެ. ޖެނެޓްގެ ޓުއާ އަށް މިހާރު ދީފައިވާ ނަމަކީ "ދަ ސްޓޭޓް އޮފް ދަ ވޯލްޑް ޓުއާ" އެވެ. ޖެނެޓް ބުނީ އޭނާ ހުރީ އޭނާގެ ފޭނުންނާއި ބައްދަލު ކޮށްލުމަށްޓަކައި ކެތްމަދުވެފައިކަމަށެވެ.