މި އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށްފަހު ޖަރުމަނުގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަން ދޫކޮށްލަން ޔޮއަހިމް ލޯ ނިންމާފައިވާ ކަމަށް ޖަރުމަނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފިއެވެ.
އުމުރުން 61 އަހަރުގެ ލޯ ޖަރުމަން ޓީމު ދޫކޮށްލާއިރު، އޭނާއާއެކު ޖަރުމަނުން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އެންމެ ފުރަތަމަ 2004 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގެ ނިޔަލަށް ޖަރުމަނު ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި ލޯ، އެ ޓީމުގެ ކޮޗުގެ މަގާމާ ހަވާލުވެފައިވަނީ 2006 ވަނަ އަހަރު އެ ޓީމުގެ ކޯޗު ޔާގެން ކްލިންސްމަން މަގާމުން ވަކިވުމާ ގުޅިގެންނެވެ.
އެއަށްފަހު މިހާތަނަށް ޖަރުމަން ޓީމާއެކު ލޯ 14 އަހަރު ހޭދަކޮށްފައިވާއިރު، އޭނާގެ އެންމެ ބޮޑު ކާމިޔާބީއަކީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ޖަރުމަނަށް ކާމިޔާބުކޮށްދިނުމެވެ. އަދި ލޯއާއެކު ޖަރުމަނުން ވަނީ 2017 ވަނަ އަހަރުގެ ފީފާ ކޮންފެޑެރޭޝަންސް ކަޕުވެސް ކާމިޔާބުކޮށްފައެވެ.
އެކަމަކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުން ކެޓި ހިސާބުން ލޯގެ މުސްތަގުބަލާ މެދު ސުވާލު އުފެދުނު ނަމަވެސް، މީގެ ކުރިން ޖަރުމަނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އަންނަ އަހަރުގެ ވޯލްޑް ކަޕުގެ ނިޔަލަށް ގައުމީ ޓީމުގައި ލޯ މަޑުކުރާނެ ކަމަށް ބުނެފައެވެ. އެހެންނަމަވެސް ކުރިއަށް އޮތް ހޫނު މޫސުމުގެ ޔޫރޯއަށްފަހު ޖަރުމަން ޓީމު ދޫކޮށްލަން ލޯ ނިންމިކަން އަންގާރަ ދުވަހު އެ ފެޑެރޭޝަނުން ވަނީ ހާމަކޮށްފައެވެ.
ރިޕޯޓުތައް ބުނާގޮތުން ލޯގެ ބަދަލުގައި ޖަރުމަނުން ދެން ގެންނަން މަސައްކަތްކުރަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ޖަރުމަނުން ކާމިޔާބުކުރިއިރު، އޭރު ލޯގެ އެސިސްޓަންޓް ކޯޗަކަށް ހުރި އަދި މިހާރު ބަޔާން މިއުނިކުގެ ކޯޗު ހަންސީ ފްލިކް ނުވަތަ ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕެވެ. އެކަމަކު އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކްލޮޕް ވަނީ އަދި މި ދަނޑިވަޅުގައި ލިވަޕޫލް ދޫކޮށް ނުދާނެ ކަމަށް ބުނެފައެވެ. އަދި ބަޔާނުގެ ކޯޗު ފްލިކް ވަނީ ދާދި ފަހުން އެ ޓީމާއެކު ދިގު މުއްދަތުގެ އެއްބަސްވުމެއް ހަދާފައެވެ.
މި އަހަރުގެ ޔޫރޯއަށްފަހު ލޯ ޖަރުމަން ޓީމު ދޫކޮށްލާއިރު، މި އަހަރުގެ މުބާރާތަކީ މިދިޔަ އަހަރު ބާއްވަން ތާވަލުކުރި މުބާރާތެވެ. އެގޮތުން ކޮވިޑް-19 ގެ ސަބަބުން ޔޫރޯ ފުޓްބޯޅަ މުބާރާތް މިހާރު ވަނީ މި އަހަރުގެ ޖޫން މަހުގެ 11 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ތާވަލުކޮށްފައެވެ.