ވެކްސިން ޖެހިތާ 1 ދުވަސް ފަހުން ނިޔާވި މީހާ ނިޔާވުމަށް މެދުވެރިވި ސަބަބު ހޯދުމަށް އެކަން ތަހުގީގުކުރަމުން ދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ން ހާމަ ކޮށްފިއެވެ.
8 މާޗުގައި ވެކްސިން ޖެހި އުމުރުން 45 އަހަރުގެ ފިރިހެނެއް ނިޔާވެފައިވާ ކަމަށް ބުނެ އެޗްޕީއޭއިން ބުނީ މަސްދޯންޏެއްގައި ހުރި މި މީހާގެ ހަބަރު ހުސްވެގެން ހިންމަފުށީ ހެލްތު ސެންޓަރަށް ގެންދެވުނު ކަމަށާއި އޭނާ ނިޔާވެފައިވަނީ އަންގާރަ ދުވަހުގެ 09:13ގައި ކަމަށެވެ. އެއީ އއ. އުކުޅަހަށް ނިސްބަތްވާ މީހެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެޗްޕީއޭއިން ބުނީ ޕްރޮޓޮކޯލްގެ ދަށުން މި މައްސަލަ ބަލަމުން ދާ ކަމަށެވެ.
ރާއްޖޭގެ ކޮވިޑް-19 ވެކްސިނޭޝަން ޕްރޮގްރާމްގެ ދަށުން ހޯމަ ދުވަހު ވެސް 6،000ށް ވުރެ ގިނަ މީހުންނަށް ވެކްސިން ޖަހާފައިވާއިރު އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ހޯމަ ދުވަހު ވެކްސިން ޖަހާފައި ވަނީ 6،170 މީހުންނެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 2،186 މީހުންނާއި އަތޮޅުތެރެއިން ވެކްސިން ޖެހި 3،984 މީހުންނެވެ.
މިއާއެކު ރާއްޖެއިން ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 157،813ށް އަރާފައެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 91،279 މީހުންނާއި އަތޮޅުތެރެއިން ވެކްސިން ޖެހި 66،534 މީހުންނެވެ.