ލާމަރުކަޒީ އިބްތިދާއީ ސިއްހީ ހިދުމަތުގެ ޕައިލެޓް ޕްރޮޖެކްޓެއް މި މަހު 15ގައި ރާއްޖޭގެ ހަ އަތޮޅެއްގައި ފަށަން ތައްޔާރުވެފައިވާ ކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ރ. އުނގޫފާރުގައި އައު ހޮސްޕިޓަލް އެޅުމަށް ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ނަސީމް ވިދާޅުވީ އެމަނިކުފާނު މިނިސްޓަރކަމަށް އައްޔަން ކުރައްވާ ރައީސް ސޯލިހު ހަވާލުކުރެއްވި އެންމެ ބޮޑު ޒިންމާއަކީ ރާއްޖޭގައި ލާމަރުކަޒީ އިބްތިދާއީ ސިއްހީ ނިޒާމެއް ގާއިމްކުރުން ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން މި މަހު 15ގައި އެކަމުގެ ޕައިލެޓް ޕްރޮޖެކްޓެއް ހަ އަތޮޅެއްގައި ފަށަން ތައްޔާރުވެފައިވާއިރު އޭގެ ތެރޭގައި 25 ރަށް ހިމެނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން އެ ޕްރޮޖެކްޓު ފަށަން ހަމަޖައްސާފައި ވަނީ ވ. މ. ފ. ދ. އަދި އއ. އަތޮޅާއި އދ. އަތޮޅުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އެ ޕްރޮޖެކްޓު އެންމެ ފުރަތަމަ ފަށަނީ 1،000 މީހުންނަށް ވުރެ މަދު އާބާދީ އޮންނަ ރަށްރަށުގައި ކަމަށެވެ. އެގޮތަށް ނިންމެވީ ކެބިނެޓްގެ ގިނަ މިނިސްޓަރުންނާ ވެސް މަޝްވަރާ ކުރައްވައި މިނިސްޓަރުންގެވެސް ލަފާގެ މަތިން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މި މަހު 15ގައި ޕްރޮގްރާމް ފެށުމަށް ފަހު ކުރިއަށް އޮތް ތަނުގައި އިތުރު ރަށްރަށަށްވެސް އެ ޕްރޮގްރާމް ފުޅާ ކުރައްވާނެ ކަމަށެވެ. އެގޮތުން މި އަހަރުގެ ޖޫން އަންނަން ވާއިރަށް ރާއްޖޭގެ ބޮޑު ބައެއްގައި އަދި މި އަހަރު ނިމެންވާއިރަށް މުޅި ރާއްޖޭގައި މި ޕްރޮގްރާމް ފެށޭނެކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ. މިނިސްޓަރ ވިދާޅުވީ މި ޕްރޮޖެކްޓުގެ މައިގަނޑު މަގްސަދަކީ ރަނގަޅު ޖީލެއް ބިނާކުރުން ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ލާމަރުކަޒީ އިބްތިދާއީ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަކީ ރާއްޖެ އެތުރިފައި އޮންނަ ގޮތަށް ބަލައި ކުރުން ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އެކަމަށް އެންމެންގެ ވެސް އެއްބާރުލުން ވަރަށް މުހިންމު ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން އަތޮޅުތެރޭގައި ސިއްހީ ނިޒާމު ރަނގަޅުކުރަން ކުރާ މަސައްކަތަކަށް އެ އަތޮޅެއްގެ އަދި އެރަށެއްގެ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާނެކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ އެ މަސައްކަތް ކުރުމުގައި މިނިސްޓްރީގެ ފަރާތުން އާންމުންގެ ހިޔާލަށް އަހާނެ ކަމަށެވެ.
އޭގެ އިތުރަށް ޕައިލެޓް ޕްރޮޖެކްޓް ފެށުމުގެ ކުރިންވެސް، މީގެ ކުރިން ސިއްހީ ދާއިރާއަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނާއި މިހާރުވެސް ހިދުމަތްކުރައްވާ ބޭފުޅުންނާ ވާހަކަދައްކައި އެ ބޭފުޅުންގެ މަޝްވަރާ ހޯދާފައިވާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން ހެލްތު ދާއިރާގެ މޭސްތިރިންނާއި ކުރީގެ ހެލްތު ވޯކަރުންނާވެސް މަޝްވަރާކުރެއްވިކަން މިނިސްޓަރ ފާހަގަކުރައްވާފައިވެއެވެ.