ކ. މާލެ
|
8 މާރޗް 2021 | ހޯމަ 09:52
ބާސާގެ ރައީސަކަށް އިންތިޚާބުކުރި ޖޮއާން ލަޕޯޓާ
ބާސާގެ ރައީސަކަށް އިންތިޚާބުކުރި ޖޮއާން ލަޕޯޓާ
ގެޓީ އިމޭޖަސް
ބާސެލޯނާގެ އިންތިޚާބު
ބާސާގެ ރައީސަކަށް އަނެއްކާވެސް ލަޕޯޓާ
 
ލަޕޯޓާ އިންތިޚާބުވީ 54.28 އިންސައްތަ (30،184) ވޯޓާއެކު
 
ލަޕޯޓާ ވަނީ 2003-2010 އަށް ރައީސްގެ މަގާމު ފުރުއްވާފައި

ބާސެލޯނާގެ ރައީސަކަށް ކުރިންވެސް އެ މަގާމު އަދާކުރެއްވި ޖޮއާން ލަޕޯޓާ އިންތިޚާބުކޮށްފިއެވެ.

ބާސާގެ އިންތިޚާބު އާދީއްތަ ދުވަހު ބޭއްވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އެ ކުލަބުގެ ރައީސްގެ މަގާމުން ޖޯސެފް މާރިއާ ބާޓޮމެއު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އެއާއެކު މި ފަހަރުގެ އިންތިޚާބުގައި ލަޕޯޓާގެ އިތުރުން ވިކްޓަ ފޮންޓް އާއި، ޓޯނީ ފްރެއިޒާ ވަނީ ވާދަކޮށްފައެވެ. މީގެ ތެރެއިން ލަޕޯޓާ އިންތިޚާބުވީ 54.28 އިންސައްތަ ވޯޓާއެކުއެވެ. އެއީ ޖުމްލަ 30،184 ވޯޓެވެ. ދެން މި އިންތިޚާބުގައި ވާދަކުރެއްވި ފޮންޓަށް 16،679 ވޯޓާއެކު 29.99 އިންސައްތަ ލިބިވަޑައިގެންނެވިއިރު، ފްރެއިޒާއަށް 4،769 ވޯޓާއެކު ލިބިވަޑައިގެންނެވީ އެންމެ 8.58 އިންސައްތައެވެ.

ބާސާގެ ރައީސަކަށް ލަޕޯޓާ އިންތިޚާބުކުރިއިރު، އޭނާ މީގެ ކުރިން ވަނީ 2003-2010 އަށް އެ މަގާމު ފުރުއްވާފައެވެ. އެ ފަހަރު ބާސާއަށް ލަޕޯޓާ ބޮޑެތި އިންގިލާބުތަކެއް ގެނައިރު، ބާސާގެ ކޯޗަކަށް ޕެޕް ގާޑިއޯލާ ހަމަޖެއްސީވެސް ލާޕޯޓާގެ ދައުރުގައެވެ. އަދި ލަޕޯޓާގެ ދައުރުގައި ބާސާއިން ވަނީ 2008-2009 ވަނަ އަހަރުގެ ސީޒަނުގައި ހަ ތަށި ކާމިޔާބުކޮށްފައެވެ. އަދި ލަޕޯޓާގެ ދައުރުގައި ބާސާއިން ސްޕެނިޝް ލީގު ހަތަރު ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު ދެ ފަހަރު އަދި ސްޕެނިޝް ކަޕާއި، ފީފާ ކުލަބު ވޯލްޑް ކަޕް އަދި ޔުއެފާ ސުޕަ ކަޕް އެއް ފަހަރު އުފުލާލާފައެވެ.

ބާސާގެ ރައީސްގެ މަގާމާ ދެވަނަ ފަހަރަށް ލަޕޯޓާ ހަވާލުވިއިރު، އެ ކުލަބަށް ވަނީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައެވެ. އެގޮތުން މާލީ ގޮތުން ބާސާ އަޑިއަޅާލާފައިވާއިރު، ލަޕޯޓާއަށް އޮތް އެންމެ ބޮޑު ޗެލެންޖަކީ ބާސާގެ ކެޕްޓަން ލިއޮނެލް މެސީ އެ ކުލަބުގައި މަޑުކުރުވުމެވެ. މީގެ ކުރިން މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި މެސީ ވަނީ ބާޓޮމެއުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހި، ބާސާ ދޫކޮށްލަން ނިންމާފައެވެ. އެކަމަކު މެސީގެ އެއްބަސްވުމަށް ލުއި ދިނުމަށް ބާސާގެ މެނޭޖުމަންޓުން އެއްބަސްނުވުމާ ގުޅިގެން، މެސީ ވަނީ އޭނާގެ ނިންމުން ބަދަލުކޮށް މި ސީޒަނުގައި ބާސާގައި މަޑުކޮށްފައެވެ. ނަމަވެސް މި ސީޒަން ނިމުމުން ހިލޭ ޓްރާންސްފާއެއްގެ ދަށުން ކުލަބު ބަދަލުކުރުމުގެ ފުރުސަތު މެސީއަށް ލިބޭއިރު، މެސީގެ އެ ނިންމުން ގުޅިފައިވަނީ މި އިންތިޚާބާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބާސާގެ ރައީސްގެ މަގާމާ ލަޕޯޓާ ހަވާލުވިއިރު، އެންމެ ފަހުން އެ ކުލަބުގެ ރައީސްގެ މަގާމުގައި ހުރި ބާޓޮމެއު މިހާރު ވަނީ ހައްޔަރުކޮށްފައެވެ. ބާޓޮމެއު ހައްޔަރުކުރިއިރު، އޭނާގެ ދައުރުގައި ހަދާފައިވާ ގޯސްތައް ރަނގަޅުކުރެވޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން ކަމަށް ލަޕޯޓާ ވަނި ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
67%
0%
17%
0%
17%
ކޮމެންޓް