އާދީއްތަ ދުވަހު ރާއްޖެއިން 5،875 މީހުން ވެކްސިން ޖަހާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ރާއްޖެއިން އާދީއްތަ ދުވަހު 5،827 މީހުން ވެކްސިން ޖަހާފައިވާއިރު، އޭގެ ތެރެއިން 2،048 މީހުން ވެކްސިން ޖަހާފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި އަތޮޅު ތެރެއިން 3،827 މީހުން ވަނީ ވެކްސިން ޖަހާފައެވެ.
އިތުރު 5،875 މީހުން ވެކްސިން ޖެހުމާއިއެކު ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ 151،643ށް އަރައިފައެވެ. އޭގެ ތެރެއިން 89،093 މީހުން ވެކްސިން ޖަހާފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި އަތޮޅު ތެރެއިން 62،550 މީހުން ވެކްސިން ޖަހާފައިވެއެވެ.
ރާއްޖެއިން ވެކްސިން ޖަހާފައިވާ މީހުންގެ އަދަދުތައް ލައްކައަކަށްވުރެ މައްޗަށް ގޮސްފައިވީނަމަވެސް، އެންމެ އެކަށީގެންވާ މިންވަރަށް ވެކްސިން ޖަހަމުން ނުދާކަން ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ފާހަގަ ކުރެއެވެ. އެގޮތުން ބުރާސްފަތި ދުވަހުގެރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީޤު ވިދާޅުވީ، އަދިވެސް އެންމެ ބޭނުންވާ މިންވަރަށް ވެކްސިން ޖެހުމަށް މީހުން ނުދާކަމަށެވެ. ވެކްސިންގެ ރައްކާތެރިކަން ދެނެގަތުމަށް ދިރާސާތައްވެސް ހެދޭނީ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދީގެންކަން ޑރ ނަޒްލާ ފާހަގަ ކުރެއްވިއެވެ.
މިދިޔަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވެކްސިން ޖެހުމުގެ ގައުމީ ކެމްޕެއިން ފަށާފައިވާއިރު، ކޮންމެ ހަފްތާއެއްގެވެސް ހުކުރު ފިޔަވައި މާލެ އަދި ހުޅުމާލޭގައި ހެނދުނު 9:00ން ހަވީރު 4:30ށް ވެކްސިން ދިނުމުގެ ކަންކަން ކުރިއަށް ދާނެއެވެ. އަދި ވިލިމާލޭގައި ހެނދުނު 9:00ން މެންދުރު 1:00ށް ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވެކްސިން ފޮނުވާފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މާލެ ސަރަހައްދުގައި 8 ވެކްސިނޭޝަން ސެންޓަރާއި 2 މޮބައިލް ސެންޓަރު ހިމެނޭއިރު އަތޮޅުތަކުގައި 169 ވެކްސިން ސެންޓަރުން ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ ކޮވިޝީލްޑް ވެކްސިނެވެ.