ޤާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ރުހުމާއެކު ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން ވެރިކަމުގެ ބާރު ދަމަހައްޓަވައިފިއެވެ.
ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ ގޮނޑިއެއް އިމްރާން ޚާންގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރަށް ނާކާމިޔާބުވެވަޑައިގަތުމުން، ބޮޑު ވަޒީރު އިމްރާން ޚާން ވަނީ މި ކުޑަ ނާކާމިޔާބީ ކުރިމަތިވިޔަސް ރައްޔިތުންނާއި ޤާނޫނު ހަދާ މަޖިލީހުގެ ދެ ގޭގެވެސް އިތުބާރު އެމަނިކުފާނުގެ ސަރުކާރަށް އެބައޮތްކަމަށް ވިދާޅުވެފައެވެ. ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން ވެރިކަމުން ދުރުކުރުމަށް އިދިކޮޅު ޕާޓީތަކުން އެޤައުމުގެ މަގުމައްޗަށް ނިކުމެ މުޒާހަރާކުރަމުންދާ މިދަނޑިވަޅުގައި، އިމްރާން ޚާން އެމަނިކުފާނުގެ ސަރުކާރަށް އިތުބާރު އޮތްތޯ ބެލުމަށް ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގައި ވޯޓު ނެގުމަށް ހުށަހަޅާފައިވަނީ މި ބޭނުމުގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ވޯޓުގެ ނަތީޖާ މިހާރު ހާމަކޮށްފައިވާއިރު، އިތުބާރު އޮތްކަމަށް ވޯޓު ދޭނެކަމަށް ނުބެލެވުނު ޤާނޫނު ހަދާ މަޖިލީހުގެ ތިރިގޭގައި ހިމެނޭ 342 މެމްބަރުންގެ ތެރެއިން 178 މެމްބަރުންގެ ވޯޓާއެކު ޤާނޫނު ހަދާ މަޖިލީހުގެ ރުހުން އިމްރާން ޚާންގެ ސަރުކާރަށް ވަނީ ލިބިފައެވެ. ޕާކިސްތާނުގެ ވެރިކަން ކުރާ ޕާކިސްތާން ތަހްރީކް އޭ އިންސާފް ޕާޓީގެ ލީޑަރު އެ ޤައުމުގެ އާންމު އިންތިޚާބުން ކާމިޔާބު ހޯއްދަވައި ބޮޑު ވަޒީރުކަމާ ހަވާލުވެ ލެއްވީ 2018 ވަނަ އަހަރުއެވެ.
ޤާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ރުހުމާއެކު ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން ވެރިކަމުގެ ބާރު ދަމަހައްޓަވާފައިވާއިރު، އިދިކޮޅުގައި ހިމެނޭ ކުދި 10 ޕާޓީގެ މައްޗަށް އެކުލެވޭ ޕާކިސްތާން ޑިމޮކްރެޓިކް މޫވްމެންޓުންވަނީ މި ވޯޓުގައި ބައިވެރިނުވެ ވޯޓު ބޮއިކޮޓްކުރައްވާފައެވެ.
ވެރިކަމުގެ ބާރުތައް އަނެއްކާވެސް ޔަޤީންވުމާއެކު ބޮޑު ވަޒީރު އިމްރާން ޚާން ވަނީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގެ ތެރެއިން ސެނެޓްގެ އެންމެ ފަހުގެ އިންތިޚާބުގެ ކަންކަން ބެލުމަށް އެ ޤައުމުގެ އިންތިޚާބާ ބެހޭ މަރުކަޒަށް އަންގާފައެވެ.
ޤާނޫނު ހަދާ މަޖިލީިހުގެ މަތިގެއިން އިމްރާން ޚާނާއި އެމަނިކުފާނުގެ ސަރުކާރަށް އިތުބާރުއޮތްކަމަށް ރުހުން ދިނަސް، މިފަދަ ނިންމުމެއް ތިރިގެއިން ފެނިގެއިން ދިއުން ދުރުކަމަށް ބައެއް ޚަބަރުތައް ބުނަމުންދާތީ މިކަމާ ގުޅޭގޮތުން މީގެ ކުރިން ވާހަކަދައްކަވަމުން، އިމްރާން ޚާން ވަނީ ވޯޓުން ނާކާމިޔާބުވިޔަސް، އިދިކޮޅުގައި އޮވެގެން ވެސް ޤައުމު ހަމަ މަގަށް އެޅުވުމަށް ކުރާ މަސައްކަތް ހުއްޓަވާނުލައްވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން އިމްރާން ޚާންގެ ސަރުކާރުން ގެންގުޅޭ ކޮރަޕްޝަނާ ދެކޮޅު ސިޔާސަތު ދަމަހައްޓާއި، އިދިކޮޅުގައި އޮވެގެން ވެސް ކޮރަޕްޝަނާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާ ނުލާ ކުރިއަށްގެންދަވާނެކަމަށް އޭނާ އޭރު ވިދާޅުވިއެވެ.