ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19 އަށް 98 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ން ބުނެފިއެވެ.
އެޗްޕީއޭއިން އެންމެ ފަހުން ހާމަކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖެއިން ހުކުރު ދުވަހުގެ ހަވީރު 06:00 ން ފެށިގެން ހޮނިހިރު ދުވަހުގެ ހަވީރު 06:00 އާއި ހަމައަށް ރާއްޖެއިން 4،318 މީހުން ކޮވިޑަށް ޓެސްޓު ކޮށްފައިވާއިރު، އޭގެ ތެރެއިން 98 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
ޕޮޒިޓިވްވި މީހުންގެ ތެރެއިން 78 މީހުން ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުންނެވެ. އަތޮޅު ތެރެއިން 6 މީހަކު ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 14 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
އިތުރު 98 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު ރާއްޖެއިން ކޮވިޑަށް 20،663 މީހުން މިހާތަނަށް ވަނީ ޕޮޒިޓިވްވެފައެވެ. އެއާއިއެކު އެކްޓިވް ކެސްތަކުގެ އަދަދަކީ 2،613 އެވެ. ރާއްޖެއިން މިހާތަނަށް 64 މީހަކު މިބަލީގައި ނިޔާވެފައިވާއިރު 17،979 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.
ރާއްޖެއަށް ކޮވިޑްގެ ތިންވަނަ ރާޅު ބިންދާލާފައިވާއިރު، ފާއިތުވި ހަފްތާއަކީ މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ހަފްތާކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީޤުވެސް ވިދާޅުވެފައިވެއެވެ.
އެގޮތުން ޑރ ނަޒްލާ ވިދާޅުވީ، ރާއްޖެއިން ފެންނަމުންދާ ކޭސްތައް އިތުރުވެފައިވާއިރު، މިހާރު ހުރި ފިޔަވަޅުތައްވެސް އިތުރަށް ވަރުގަދަ ކޮށްފައިވާ ކަމަށެވެ. އަދި ކޮންމެ ހަފްތާއަކުވެސް ކޭސްތަކަށް އަންނަ ބަދަލުތައް ބަލައި، އެސެސްމަންޓު ހަދަމުންދާނެކަން ޑރ ފާހަގަ ކުރެއްވިއެވެ.
ޑރ ނަޒްލާ އެހެން ވިދާޅުވެފައިވާއިރު، ކޮވިޑް ކޭސްތައް އިތުރުވަމުން ދިއުމާ ގުޅިގެން އެޗްޕީއޭއިން ވަނީ މިހާރު ހުރި ފިޔަވަޅުތައްވެސް އިތުރަށް ވަރުގަދަ ކޮށްފައެވެ. އަދި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތުވެސް އިތުރުކޮށްފައިވާއިރު، އޭގެ ދަށުން މާލޭ ސަރަޙައްދުގައި އަޅާފައިވާ ފިޔަވަޅުތަކުގެ މުއްދަތުވެސް ވަނީ އިތުރުކޮށްފައެވެ.