ކްލަބް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތުގެ އަންހެން ފިއެސްޓާގެ ފައިނަލަށް ޓީމް ފެނަކަ އަދި ދިވެހި ސިފައިންގެ ކްލަބް ދަތުރުކޮށްފިއެވެ.
ޓީމް ފެނަކަ އިން ފައިނަލުގެ ޖާގަ ހޯދީ ސެމީ ފައިނަލުގައި ތަފާތު ބޮޑު ނަތީޖާއަކުން ޕޮލިސް ކްލަބުގެ މަށްޗަށް ކުރިހޯދައިގެންނެވެ. އަންގާރަ ދުވަހުގެ ރޭ ކުޅުނު މި މެޗް ފެނަކައިން ކާމިޔާބުކުރީ 10-0 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ފެނަކަ ޓީމުގެ ބިދޭސީ ތިން ކުޅުންތެރިންގެ ފަރާތުންވެސް ތަފާތު މޮޅު ކުޅުމެއް ފެނިގެން ގޮސްފާއިރު، ޖެންޖިރާ އަދި ސަޗިކާ ވަނީ ކޮންމެ ކުޅުންތެރިއަކުވެސް ވަނީ ހެޓްރިކެއް ފުރިހަމަ ކޮށްފައެވެ. އަދި ޓުޕްސޫރީ 2 ގޯލު ކާމިޔާބުކުރިއިރު އަނެއް 2 ގޯލު ކާމިޔާބުކޮށް ދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޝަހުލާ ތައުފީގް އެވެ. ފެނަކައިން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ އެންމެ މެޗަކުންވެސް ބަލިނުވެއެވެ.
ސެމީފައިނަލުގެ ދެވަނަ މެޗް ދިވެހި ސިފައިންގެ ކްލަބް ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްސް (އެމްއޭސީއެލް) އާއި ވާދަކޮށް 6-4 ގެ ނަތީޖާއަކުންނެވެ.
ފައުލް ގިނަ މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނަގާފައިވަނީ އެމްއޭސީއެލް އިންނެވެ. މި ލަނޑު ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅުގައި ކާމިޔާބުކޮއްދިނީ ސަބްރީތާ އެވެ. އޭގެ ފަހުން ސިފައިންގެ ކުލަބުން ވަނީ ފުލުފުލުގައި ދެ ލަނޑު ކާމިޔާބުކޮށް ލީޑު އަތުލާފައެވެ. މި ލަނޑުތަށް އެޓީމަށް ކާމިޔާބުކޮށްދިނީ އަޒީމާ އަދި ޒާހިޔާ އެވެ. ނަމަވެސް މާ ގިނަ އިރުތަކެއް ނުވަނިސް އެމްއޭސީއެލްއިން ނަތީޖާ ހަމަހަމަ ކުރިއެވެ. އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ސަބްރީތާ އެވެ. އަދި ކައިރި ކައިރީގައި އިތުރު 2 ލަނޑު ޖަހާ ދެވަނަ ފަހަރަށް ލީޑު ނެގިއެވެ. މި ދެ ގޯލު ކާމިޔާބުކޮށްދިނީ ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ ސަބްރީނާ އަދި އަނީތާ އެވެ. ނަމަވެސް ސިފައިންގެ ކުލަބުން ވަނީ ކުޅުން ވަރުގަދަކޮށް ނަތީޖާ ހަމަހަމަ ކޮއްފައެވެ. އެޓީމުން ނަތީޖާ ހަމަހަމަ ކުރީ މަރިޔަމް ރިފާ އަދި އައުންޕުން ކާމިޔާބުކުރި ދެ ލަނޑުންނެވެ. އެޓީމުން ފައިނަލަށް ދަތުރުކުރީ ފަހު ވަގުތު ޕިމް އަދި އައުންޕުން ކާމިޔާބުކުރި ދެ ގޯލާ އެކީގައި މެޗު ކާމިޔާބު ކޮއްގެންނެވެ.
މުބާރާތުގެ އަންހެން ބައިގެ ފައިނަލުގައި ޓީމް ފެނަކަ އަދި ދިވެހި ސަފައިންގެ ކްލަބް ބައްދަލުކުރާ މެޗް އޮންނާނީ މިމަހުގެ 7 ވާ އާދިއްތަ ދުވަހުގެ ރޭގައެވެ.