ހަލުވިކަމާއެކު ފެތުރޭކަމަށް ފާހަގަކުރެވިފައިވާ ކޮވިޑް-19ގެ އައު ވޭރިއަންޓްގެ ދެ ކޭހެއް މެލޭޝިޔާއިން ފެނިފައިވާކަމަށް އެގައުމުގެ ސީނިއަރ ހެލްތު އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހު އެގައުމުގެ ސީނިއަރ ހެލްތު އޮފިޝަލް ވިދާޅުވީ މި ވޭރިއަންޓް ފެނިފައިވަނީ ދުބާއީން އައި ދެމީހެއްގެ ގައިންކަމަށެވެ. މިމީހުންގެ ސާމްޕަލް ޓެސްޓްކުއިރު ދެ މީހުންގެ ހަށިގަނޑުންވެސް ފެނިފައިވަނީ އިނގިރޭސިވިލާތުން ފެނިފައިވާ ކޮވިޑްގެ އައު ވޭރިއަންޓްކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ނޫރް ހިޝާމް އަބްދުﷲ ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް މެލޭޝިޔާގެ ވެރިރަށް ކުއާލަ ލަމްޕޫރު ހިމެނޭގޮތަށް ގިނަ ސްޓޭޓްތަކެއްގައި ވަނީ ހުކުރު ދުވަހު ލުއިތައްދީފައެވެ. މެލޭޝިޔާގައި ކޮވިޑް-19ށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާފައިވަނީ މީގެ ނުވަ ދުވަސްކުރިންނެވެ.
އެގައުމުން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ތިން ލައްކައަށްވުރެ މައްޗަށް އަރާފައިވާއިރު މަރުވި މީހުންގެ އަދަދު އުޅެނީ 1153 ގައެވެ.