ކ. މާލެ
|
6 މާރޗް 2021 | ހޮނިހިރު 07:26
އިޓަލީގެ މަގުމަތީގައި މީހަކު ހިނގާފައިދަނީ
އިޓަލީގެ މަގުމަތީގައި މީހަކު ހިނގާފައިދަނީ
ރޮއިޓަރސް
ކޮވިޑް-19 އިޓަލީގެ ހާލަތު
ކޮވިޑްގެ ހާލަތު އިޓަލީގައި ގޯސްވަމުންދިޔުމާއެކު އިތުރު ސަރަހައްދުތަކުގައި ފިޔަވަޅުތައް ވަރުގަދަކޮށްފި
 
ހުކުރު ދުވަހު އެގައުމުގައި 24،036 މީހުންނަށް ވަނީ ކޮވިޑް ޖެހިފައި
 
އިޓަލީގައި ވަނީ އިނގިރޭސިވިލާތުން ފެނިފައިވާ ކޮވިޑްގެ އައު ވޭރިއަންޓް ފެތުރިފައި
 
އިޓަލީގައި މިހާތަނަށް އައިއިރު މިބަލީގައި 99،271 މީހަކު ވަނީ މަރުވެފައި

އިޓަލީގައި ކޮވިޑް-19 ގެ ހާލަތު ގޯސްވަމުންދިޔުމާއެކު ތިން ސަރަހައްދެއްގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފިއެވެ.

އެގައުމުގެ ސަރުކާރުން ބުނެފައިވަނީ އިޓަލީގެ 20 ސަރަހައްދުގެ ތެރެއިން 3 ސަރަހައްދެއްގައި ފިޔަވަޅުތައް ވަރުގަދަ ކުރީ އައު ވޭރިއަންޓާއެކު ކޮވިޑް ހަލުވި ކަމާއެކު އެސަރަހައްދުތަކުގައި ފެތުރެމުން އަންނާތީ ކަމުގައެވެ.

ހުކުރު ދުވަހު އެގައުމުގައި 24،036 މީހުންނަށް ކޮވިޑް ޖެހިގެން ރިޕޯޓްކުރިއިރު އޭގެކުރީ ދުވަހު 22،865 މީހުންނަށް ވަނީ ކޮވިޑް ޖެހިފައެވެ. ފާއިތުވި ފަސް ދުވަހާ އޭގެ ކުރީ ފަސް ދުވަހާ އަޅާކިޔާއިރު ވައިރަސް ޖެހޭ މީހުންގެ އަދަދު 23 އިންސައްތަ ވަނީ އިތުރުވެފައެވެ.

އިޓަލީގެ ހެލްތު އިންސްޓިޓިއުޓް ގެ ޗީފް ސިލްވިއޯ ބްރުސަފެއްރޯ ވިދާޅުވީ މުޅި އިޓަލީގައިވެސް ހަލުވިކަމާއެކު ކޮވިޑް ފެތުރެމުން އަންނަކަމަށެވެ. އެގޮތުން ހަލުވިކަމާއެކު ކޮވިޑް ފެތުރެމުން އަންނަ އިނގިރޭސިވިލާތުން ފެނިފައިވާ ކޮވިޑް ވޭރިއަންޓް އިޓަލީގެ ބޮޑު ސަރަހައްދަކަށް މިހާރު ފެތުރިފައިވާކަމަށް ސިލްވިއޯ ވިދާޅުވިއެވެ.

ވައިރަސް ފެތުރޭ ރޭޓް ނުވަތަ އާރު ނަންބަރު އިޓަލީގައި ހަތް ހަފްތާއަށްފަހު 1ށް ވުރެ މައްޗަށް އަރާފައިވާކަމަށް ސިލްވިއޯ ވިދާޅުވިއެވެ. މިހާރު އެއަދަދު ހުރީ 1.06ގަ އެވެ. އާރު ނަންބަރު 1ށް ވުރެ މަތީގައި ހުރުމުގެ މާނައަކީ ހަލުވިކަމާއެކު ވައިރަސް އަންނަނީ ފެތުރެމުންނެވެ.

ކޮވިޑްގެ ހާލަތު އެކި ސަރަހައްދުތަކުގައި ހުރި މިންވަރު ކޮންމެ ހަފްތާއެއްގައިވެސް ބެލުމަށްފަހު އިޓަލީން އަންނަނީ ހަތަރު ކުލައެއް އެސަރަހައްދުތަކަށް ދެމުންނެވެ. އެގޮތުން މިހާރުގެ ހާލަތަށް ބަލާއިރު ތިން ސަރަހައްދެއް ވަނީ ރަތް ކުލައަށް އަރާފައެވެ. އެހެންކަމުން އެސަރަހައްދުތަކުގެ ބާރ ތަކާއި ރެސްޓޯރެންޓްތައް އަދި ސްކޫލްތަކާއި ގިނަ ފިހާރަތަކެއް ބަންދުވާނެއެވެ.

އިޓަލީގައި މިހާތަނަށް އައިއިރު މިބަލީގައި 99،271 މީހަކު ވަނީ މަރުވެފައެވެ. އިޓަލީއަކީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އިނގިރޭސިވިލާތް ނެގުމަށްފަހު ދެން އެންމެ ގިނަ މީހުން މިބަލީގައި މަރުވެގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ.

ހުކުރު ދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މަރުވި މީހުންގެ އަދަދު ލައްކައަށްވުރެ މަތިވާނެކަމަށް ވަނީ ބެލެވިފައެވެ.

އަނެއްކޮޅުން އެގައުމުގެ ސްޓެޓިސްޓިކްސް ބިޔުރޯއިން ބުނެފައިވަނީ މިދިޔަ އަހަރު އިޓަލީގައި 100،525 މީހުން އިތުރަށް މަރުވެފައިވާކަމަށެވެ. އެއީ 2015ން 2019 ވަނަ އަހަރާ ދެމެދު ކޮންމެ އަހަރެއްގައި އެވްރެޖްކޮށް މަރުވި މީހުންނާ އަޅާކިޔާއިރުއެވެ. އެގައުމުގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު އެގައުމުން މަރުވި މީހުންގެ ތެރެއިން 75،891 މީހުންނަކީ ކޮވިޑް ޖެހިގެން މަރުވި މީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް