ކޮވިޑް-19 ފެތުރެމުންދާތީ ބަލި ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން ފުވައްމުލަކު ސިޓީގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ރޭގަނޑު 08:00ން ފަތިހު 04:00ށް ހިންގަމުން އައި ކާފިއު މާރޗް މަހުގެ 5 ވަނަ ދުވަހުގެ ރޭގަނޑު 12ން ފެށިގެން އުވާލާފައިވާކަމަށް އެސިޓީގެ ކައުންސިލްގެ މޭޔަރ ފަލާހު ޝަރީފް ވިދާޅުވެއްޖެއެވެ.
ފުވައްމުލަކު ސިޓީގައި ކޮވިޑްގެ ހާލަތު ގޯސްވަމުންދިޔުމާއެކު އެ ސިޓީގެ އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ)ން އަންނަނީ ކޮންމެ ރެޔަކުވެސް ނޫސްވެރިންގެ ބައްދަލުވުން ބާއްވަމުންނެވެ. އެގޮތުން ހުކުރު ދުވަހުގެ ރޭ އެސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުވައްމުލަކު ސިޓީގެ މޭޔަރ ފަލާހު ވިދާޅުވީ ރޭގަނޑު ގަޑީގައި އަމަލުކުރަމުން އައި ކާފިއު އުވާލިނަމަވެސް ދެން ހުރި ފިޔަވަޅުތައް އެގޮތުގައި ދެމި އޮންނާނެކަމަށެވެ. އަދި އެސިޓީ މޮނިޓަރިންގގައި މާރޗް މަހުގެ 15 ވަނަ ދުވަހާ ހަމައަށް އޮތްއޮތުންވެސް ދެމި އޮންނާނެކަމަށް ފަލާހު ވިދާޅުވިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުން ފެށިގެން ކޮވިޑް-19 އިން ރައްކާތެރިވުމަށް ފުވައްމުލައް ސިޓީގައި ޚާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އެފިޔަވަޅުތައް ދެ ފަހަރެއްގެ މަތިން ވަނީ ދިގު ދަންމާލަފައެވެ. އެންމެ ފަހުން ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އިތުރު ހަތް ދުވަހުގެ މުއްދަތަށް ފިޔަވަޅުތައް ދިގު ދަންމާލިއިރު އެމުއްދަތު ހަމަވަނީ މާރޗް މަހުގެ 5 ވަނަ ދުވަހަށެވެ.
ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް ފުވައްމުލަކު ސިޓީގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން މިހާރުވެސް އަމަލު ކުރަމުންދާނެ ފިޔަވަޅުތަކުގެ ތެރޭގައި ގޭގެއަށް ޒިޔާރަތް ކުރުން ހުއްޓާލުން ހިމެނެއެވެ. އަދި އެއްފަހަރާ 3 މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުންވެސް ހުއްޓާލުމަށް އަންގާފައިވާއިރު، ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަންވެސް ބަންދު ކުރުމަށް ވަނީ އަންގާފައެވެ.
ފުވައްމުލަކު ސިޓީގައި އަޅާފައިވާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ހުރިހާ ކުޅިވަރު ޙަރަކާތްތަކާއި ކަސްރަތުގެ ޙަރަކާތްތައް ހުއްޓާލުމަށް އެންގުމާއި، ފިހާރަތަކާއި ޓެކްސީތަކުން ޚިދުމަތްދޭއިރު، އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލު ކުރުމަށް އެންގުން ހިމެނެއެވެ.
ކޮވިޑާ ގުޅިގެން ފުވައްމުލަކު ސިޓީގެ ޔުނިވަރސިޓީތަކާއި، ކޮލެޖުތަކާއި، ސުކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިއަށް ގެންދިއުންވެސް ވަނީ ހުއްޓާލުމަށް އަންގާފައެވެ. ހަމައެއާއެކު، ހޮޓާ ކެފޭ ރެސްޓޯރަންޓުތަކުންވެސް ޚިދުމަތް ދިނުން ހުއްޓާލުމަށް އަންގާފައިވާއިރު، އޭގެ ތެރެއިން ޑެލިވަރީގެ ޚިދުމަތްތައް އިސްތިސްނާވާނެކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ފުވައްމުލަކު ސިޓީގެ މިވަގުތުގެ ކޮވިޑްގެ ހާލަތަށް ބަލާއިރު އެސިޓީގެ އީއޯސީން ހާމަކޮށްފައިވާ ގޮތުގައި މިހާރު އެސިޓީގެ އެކްޓިވް ކޭހުގެ އަދަދު ހުރީ 17ގައެވެ. ޖުމްލަ 51 މީހަކަށް އެސިޓީން ކޮވިޑް ޖެހިފައިވާއިރު 34 މީހަކު ވަނީ މިބަލިން މިހާތަނަށް އައިއިރު ރަނގަޅުވެފައެވެ.
ފުވައްމުލަކު ސިޓީގެ ހާލަތާއި ގުޅޭގޮތުން ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާން ޑރ ނަޒްލާ ރަފީގު ވިދާޅުވީ ފުވައްމުލަކު ސިޓީން މިހާތަނަށް ތިން ކްލަސްޓަރއެއް ފެނިފައިވާ ކަމަށެވެ.
އެގޮތުން ފުރަތަމަ ކްލަސްޓަރގައި ޖުމްލަ 29 ކޭސް ފެނިފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ނަމަވެސް 20 ފެބްރުއަރީގެ ފަހުން މިކްލަސްޓަރގެ އެއްވެސް ކޭސްއެއް ފެނިފައިނުވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ދެވަނަ ކްލަސްޓަރގައި 2 މާރޗްގައި ދެ ކޭސް ފެނިފައިވާއިރު، ޖުމްލަ 19 ކޭސް މިކްލަސްޓަރއާ ގުޅިގެން ފެނިފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ތިންވަނަ ކްލަސްޓަރގައި 28 ފެބްރުއަރީގައި އެންމެ ފަހުން ދެ ކޭސް ފެނިފައިވާއިރު، އެ ކްލަސްޓަރ ގައި ޖުމްލަ 17 ކޭސް ފެނިފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
މީގެއިތުރުން ކޮވިޑް-19ށް ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ދަށުން އެސިޓީން މިހާތަނަށް 4337 މީހުންނަށް ވަނީ ވެކްސިންދީފައެވެ.