ރާއްޖޭގެ ކޮވިޑް-19ގެ އައުޓްބްރޭކްގައި މިހާތަނަށް އެއްހަފްތާއެއްގެ ތެރޭގައި ކޭސްތައް ނުފެންނަ މިންވަރަށް މިދިޔަ ހަފްތާގައި ކޭސްތައް ފެނިފައިވާތީ ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މާލެ ސިޓީން ކޮވިޑް-19ގެ ކޭސްއެއް ފުރަތަމަ ރިޕޯޓު ކުރެވިގެންދިޔައީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ކަމަށެވެ. އެގޮތުން މިހާތަނަށް ކޭސްތައް ނުފެންނަ މިންވަރަށް ތިން ވަނަ ރާޅާއެކު ކޭސްތައް ފެންނަމުންދާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ކަންބޮޑުވުންފާޅުކޮށް ޑރ. ނަޒްލާ ވިދާޅުވީ މިއައުޓްބްރޭކްގައި މިހާތަނަށް އެއްހަފްތާއެއްގެ ތެރޭގައި ކޭސް ނުފެންނަ މިންވަރަށް މިދިޔަ ހަފްތާގައި ކޭސްތައް ފެނިފައިވާ ކަމަށެވެ. ޑރ. ނަޒްލާ ވިދާޅުވީ އެއްހަފްތާ ތެރޭގައި 1000ށް ވުރެ މައްޗަށް ކޭސްތައް ރިޕޯޓު ކުރުމަކީ އިތުރަށް ސަމާލުވާން ޖެހޭ ކަމެއް ކަމަށެވެ.
އަޅުގަނޑުމެން ހަފްތާ މިގުނަނީ ރާއްޖޭގައި މާލޭގައި ކޮމިއުޓީ ސްޕްރެޑް ފެނުނު ދުވަހުން ފެށިގެން. އެހެންކަމުން 15 އޭޕްރީލުން ފަށައިގެން ހަފްތާ ގުނާއިރުގައި ކޮންމެ އަންގާރަ ދުވަހަކުން ޖެހިގެން އަންނަ އަންގާރަ ދުވަހާ ހަމައަށް އަޅުގަނޑުމެން ކޭސްތައް ގުނަމުން މިދަނީ. މިދިޔަ ހަފްތާގައި މިވަނީ އަޅުގަނޑުމެންނަށް 1120 ކޭސް ފެނިފައި. އެއީ މިހާތަނަށް އެއްވެސް ހަފްތާއެއްގައި ފެނިފައިނުވާ ކޭސްއެއް. މެދުތެރެއިން ސެކަންޑް ޕީކްގައި ވެސް އެންމެ ގިނައިން ކޭސް ފެނިފައިމިވަނީ 971 ކޭސް. މިފޭތުވެދިޔަ ފަސް ހަފްތާއަށް ބަލާއިރު 900ށްވުރެ މަތީގައި ހަމަ ކޭސްތައް މުޅިން ވެސް މިއުޅެނީ. މިދިޔަ ހަފްތާގައި އަޅުގަނޑުމެން ގްރާފް ދައްކާލިން. އެއިރެކޭ އެއްގޮތަށް ކޭސްތައް އިތުރުވަމުން މިދަނީ.އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު
ޑރ. ނަޒްލާ ވިދާޅުވީ ބަލި ފެތުރެމުންދަނީ ވަރަށް އަވަހަށް ކަމަށާއި، ބަލި ކޮންޓްރޯލް ކުރުމަށް މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ އަދި ނުފެންނަ ކަމަށެވެ. އެހެންކަމުން ކޭސްތައް އިތުރުވަމުންދާ ކަމަށްވާނަމަ އިތުރު ފިޔަވަޅުތައް އަޅައި ހަރުކަށި ކުރާނެ ކަަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެޗްއީއޯސީން ފިޔަވަޅުތައް އަޅަމުންދަނީ އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ. އެހެންކަމުން ބަލި ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތަށް އާއްމު ރައްޔިތުން އެއްބާރުލުން ދިނުމަށް ޑރ. ނަޒްލާ އިލްތިމާސްކުރެއްވިއެވެ.