ފުވައްމުލަކު ސިޓީން މިހާތަނަށް ކޮވިޑް-19ގެ ތިން ކްލަސްޓަރއެއް ފެނިފައިވާ އިރު، ޖުމްލަ 65 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ބުނެފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ފުވައްމުލަކު ސިޓީން މިހާތަނަށް ތިން ކްލަސްޓަރއެއް ފެނިފައިވާ ކަމަށެވެ.
އެގޮތުން ފުރަތަމަ ކްލަސްޓަރގައި ޖުމްލަ 29 ކޭސް ފެނިފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ނަމަވެސް 20 ފެބްރުއަރީގެ ފަހުން މިކްލަސްޓަރގެ އެއްވެސް ކޭސްއެއް ފެނިފައިނުވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ދެވަނަ ކްލަސްޓަރގައި 2 މަރޗްގައި ދެކޭސް ފެނިފައިވާއިރު، ޖުމްލަ 19 ކޭސް މިކްލަސްޓަރއާ ގުޅިގެން ފެނިފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ތިންވަނަ ކްލަސްޓަރގައި 28 ފެބްރުއަރީގައި އެންމެ ފަހުން ދެކޭސް ފެނިފައިވާއިރު، އެކްލަސްޓަރ ގައި ޖުމްލަ 17 ކޭސް ފެނިފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ މިހާތަނަށް ފުވައްމުލަކުން 65 ކޭސް ފެނިފައިވާ ކަމަށެވެ.
ފުވައްމުލަކު ސިޓީން ކޮވިޑް-19ގެ ކޭސްތައް ފެނުމާއި ގުޅިގެން އެސިޓީގައި ވަނީ ބަލިން ރައްކާތެރިވުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއި އެއްގޮތަށް ގިނަ ރައްޔިތުން އަމަލު ކުރަމުންދާ ކަމަށާއި، ބަލި ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ލިބޭ ކަމަށް އެސިޓީގެ ކައުންސިލުން މައުލޫމާތުދެއެވެ.