ކ. މާލެ
|
4 މާރޗް 2021 | ބުރާސްފަތި 21:37
ފޮރިން މިނިސްޓްރީ - ދިވެހި ސަރުކާރުން ވަނީ މިޔަންމާގައި ކުރި ބަޣާވާތް ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައި
ފޮރިން މިނިސްޓްރީ - ދިވެހި ސަރުކާރުން ވަނީ މިޔަންމާގައި ކުރި ބަޣާވާތް ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައި
ފޮރިން މިނިސްޓްރީ
މިޔަންމާގައި ކުރި ބަޣާވާތް ކުށްވެރި ކުރުން
މިޔަންމާގައި ކުރި ބަޣާވާތް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
 
ރާއްޖެއިން ވަނީ މިޔަންމާގެ މަދަނީ ސަރުކާރުގެ އޮފިޝަލުންނާއި ހަތިޔާރެއް ނެތި މުޒާހަރާކުރަމުން ދާ ފަރާތްތައް ހައްޔަރުކުރުން ހުއްޓާލުމަށް ގޮވާލައިފައި
 
މިޔަންމާގެ ރައްޔިތުން ޑިމޮކްރަސީއަށް ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖެއިން އޮތީ މިޔަންމާ ރައްޔިތުންނާއެކު

މިޔަންމާގައި ކުރި ބަޣާވާތް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ 1 ފެބްރުއަރީ 2021 ވަނަ ދުވަހު ބަޣާވާތަކުން މިޔަންމާގެ ސަރުކާރު ބަދަލުކުރުމާ ގުޅިގެން އެކަން ކުށްވެރިކުރުމުގައި ބައިނަލްއަޤްވާމީ މުޖްތަމައާއި ދިވެހި ސަރުކާރު ބައިވެރިވާކަމަށެވެ. އަދި މިޔަންމާގެ އަސްކަރިއްޔާއިން އެޤައުމުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ނޭއްގާނީ އަމަލުތަކާއި، އެކަމުގެ ސަބަބުން ކުށެއް ނެތް އާއްމުންގެ އެތައް ބައެއްގެ ފުރާނަ ގެއްލެމުންދާކަން ނުހަނު ކަންބޮޑުވުމާއެކު ފާހަގަކުރާކަމަށް ދިވެހި ސަރުކާރުން ބުނެފައިވެއެވެ.

އަދި ޤާނޫނާ ޚިލާފަށް މިޔަންމާގެ މަދަނީ ސަރުކާރުގެ އޮފިޝަލުންނާއި ހަތިޔާރެއް ނެތި މުޒާހަރާކުރަމުން ދާ ފަރާތްތައް ހައްޔަރުކުރުން ހުއްޓާލުމަށާއި، މިޔަންމާގެ ޤާނޫނު އަސާސީން ކަނޑައަޅާފައިވާ ހައްޤުތައް ކަށަވަރުކޮށްދިނުމަށް މިޔަންމާ ސަރުކާރަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން އިންސާނީ ހައްޤުތަކުގެ އަސާސްތަކަށް ޙުރުމަތްތެރިކޮށް ހިތުމަށާއި، ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކާ ބެހޭ ޤާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ބަޣާވާތަށްފަހު އިއުލާންކޮށްފައިވާ ކުއްލި ޙާލަތު އުވާލުމަށް މިޔަންމާގެ އަސްކަރިއްޔާއަށް ދިވެހި ސަރުކާރުން ގޮވާލާފައިވެއެވެ. އަދި އިންތިޚާބުގެ ނަތީޖާ ޤަބޫލުކޮށް، ވެރިކަމުގެ ބާރުތައް، އިންތިޚާބުކޮށްފައިވާ ނޭޝަނަލް އެސެމްބްލީއަށް ދޫކޮށްލުމަށާއި، މިޔަންމާގެ ސިޔާސީ އަދި އިޖްތިމާޢީ ހަމަޖެހުން ދެމެހެއްޓުމަށް ދިވެހި ސަރުކާރުން ވަނީ މިޔަންމާގެ އަސްކަރިއްޔާއަށް ގޮވާލާފައެވެ.

މިޔަންމާގެ ރައްޔިތުން ޑިމޮކްރަސީއަށް ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖެއިން އޮތީ އެމީހުންނާ އެކުގައިކަމަށްވެސް ދިވެހި ސަރުކާރުގެ ބަޔާނުގައި ބުނެފައިވެއެވެ.

މިޔަންމާގެ އިންތިހާބުގައި އޮޅުވާލާފައިވާ ކަމަށް ބުނެ އެގައުމުގެ އަސްކަރިއްޔާއިން ވަނީ ލީޑަރު އަން ސަން ސޫކީ ހައްޔަރުކޮށްފައެވެ. އަދި އެކަމަނާގެ އިތުރުން ސަރުކާރުގެ އިސް އޮފިޝަލުންތަކެއް ހައްޔަރުކޮށްފައިވާއިރު، ސޫކީއާ ދެކޮޅަށް ދައުވާތަކެއް ވަނީ އުފުލާފައެވެ. އެކަމާ ގުޅިގެން މިޔަންމާގެ އެކި ސަރަހައްދުތަކުގައި އެގައުމުގެ ރައްޔިތުން އަންނަނީ މުޒާހަރާ ކުރަމުންނެވެ. އަދި މި މުޒާހަރާތައް ހުއްޓުވުމުގައި މިޔަންމާގެ ފުލުހުން އަންނަނީ ބާރުގެ ބޭނުން ކޮށް ބަޑިން ހަމަލާދީ އެތައް ބަޔަކު މަރާލައިފައެވެ. އަދި އެގައުމުގެ އަސްކަރިއްޔާއިން ވަނީ ބަޣާވާތެއް ނުކުރާ ކަމަށް ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
100%
0%
0%
0%
0%
ކޮމެންޓް