ހއ. ބާރަށުން ޖުމްލަ 13 މީހުން ކޮވިޑް-19ށް ޕޮޒިޓިވްވެފައި ވާކަމަށް އެރަށު ކައުންސިލްގެ ނައިބު ރައީސް އަލީ ޝަމީމް ވިދާޅުވެއްޖެއެވެ.
ޝަމީމް ވިދާޅުވީ އެންމެ ފުރަތަމަ އެރަށުން ޕޮޒިޓިވްވެފައިވަނީ ހޯމް ކަރަންޓީނަށް ދިޔަ ނުވަ މީހުން ކަމަށެވެ. އަދި އެ މީހުންނާ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވުނު އިތުރު ހަތަރު މީހުންގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމުން އެމީހުން ވެސް ބައްޔަށް ޕޮޒިޓިވްވެފައި ވާކަމަށް ޝަމީމް ވިދާޅުވިއެވެ.
ހޯމް ކަރަންޓީނަށް ދިޔަ މީހުން އިތުރު މީހުންނާ ދިމާވެފައިވަނީ އެއްގެއިން ކަމަށާއި އެމީހުން ދިރިއުޅެނީ އެއް ގެއެއް އެހެނަސް ތަފާތު ފަންގިފިލާއެއްގައި ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ބަލި ފެތުރެން ދިމާވީ އެ ބިލްޑިންގުގެ ތެރެއިން ކަމަށް ވިދާޅުވެ ޝަމީމް ވިދާޅުވީ ފަހުން ޕޮޒިޓިވްވި މީހުން އިތުރު 80 ވަރަކަށް މީހުންނާ ކޮންޓެކްޓް ވެފައިވާ ކަމަށާއި އެ މީހުންގެ ސާމްޕަލް ނަގާފައިވާ ކަމަށާއި އެހެނަސް އަދި އެމީހުންގެ ނަތީޖާ ނުލިބޭ ކަމަށެވެ. އަދި މިހާރު އިންތިޒާރު ކުރަމުންދަނީ އެ ނަތީޖާތައް ލިބޭނެ އިރަކަށް ކަމަށް ޝަމީމް ވިދާޅުވިއެވެ.
ބާރަށް މޮނިޓަރިންގގެ ހާލަތަށް ލާފައިވާއިރު އެރަށުގައި ބަލި އިތުރަށް ފެތުރުން ކޮންޓްރޯލު ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވެއެވެ. އެގޮތުން ފިހާރަތަކާއި ރެސްޓޯރެންޓްތައް ވަކި ގަޑިއަކަށް ބަންދުކުރަން އެންގުމާއި ކޮންމެ ގޭބީސީއަކުން ކައުންސިލްގެ ހުއްދައާއެކު ފިހާރަ ފަދަ ތަންތަނަށް ދިއުމަށް އެންގުމާއި މިސްކިތްތައް އަބަދުވެސް ސާފުކޮށް ބެހެއްޓުަމަށް އަންގާފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި މިހުރިހާ ކަމެއް ކައުންސިލުން ގާތުން ބަލަމުން އަންނަ ކަމަށާއި ރައްޔިތުންގެ ފަރާތުން ހުރިހާ ކަމެއްގައި ވެސް ނުހަނު ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަ ކަމަށެވެ.
މީގެ އިތުރުން މިވަގުތަށް އެއްވެސް ދަތިކަމެއް ނެތް ކަމަށާއި ކާޑުގެ ބާވަތްތައް ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ލިބޭނެ ކަމަށް ބެލެވޭ ކަމަށް ޝަމީމް ފާހަގަ ކުރެއްވިއެވެ.