ކައުންސިލްތަކުގެ މާލީ ނިޒާމު ހަރުދަނާކޮށް ރަނގަޅަށް ބެލެހެއްޓުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވުމުންދާ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ބުނެފިއެވެ.
ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެލްޖީއޭގެ ޑިރެކްޓަރ އަބްދުﷲ ރަޝީދު ވިދާޅުވީ މާލިއްޔަތު ގާނޫނާއި ލާމަރުކަޒީ ގާނޫނު އެކުލަވާލާފައިވަނީ ކައުންސިލްތަކުގެ މާލީ ނިޒާމު ހަރުދަނާކުރުމުގެ އިތުރުން ރަނގަޅަށް ބެލެހެއްޓި އެއަށް ޖަވާބުދާރީ ކުރެވޭނެ ގޮތަށް ކަމަށެވެ. ލާމާރުކަޒީ ގާނޫނުން ގިނަ ބާރުތަކެއް ކައުންސިލްތަކަށް ލިބިގެންދާއިރު، ކައުންސިލްތަކުގެ ތެރޭގައި މަސައްކަތް ކުރާނެ ގޮތްތަކެއްގެ ފްލޯ އެކުލަވާލަންޖެހޭ ކަމަށް ރަޝީދު ވިދާޅުވިއެވެ.
ރަޝީދު ވިދާޅުވީ ކައުންސިލްތަކުގެ ހިންގުން ރަނގަޅު ކުރުމަށާއި، ކައުންސިލަރުންގެ ގާބިލުކަން އިތުރުކުރުމުގެ ގިނަ މަސައްކަތްތަކެއް އަބަދުވެސް ކުރަމުންދާ ކަމަށެވެ. އެގޮތުން ކައުންސިލަރުންނަށް ޚާއްސަކޮށް ތަމްރީން ޕްރޮގްރާމްތައް ހިންގަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ޚާއްސަ ގޮތެއްގައި ފައިސާއާ ގުޅުންހުރި ތަމްރީން ޕްރޮގްރާމްތައް ކުރިއަށްގެންދާ ކަމަށް ރަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރަޝީދު ވިދާޅުވީ މާލީ ތަނަވަސްކަމާ އެއްކޮށް ފައިސާގެ އެންމެހައި ކަންކަން ސިސްޓަމެއްގެ ތެރެއިން ބެލެހެއްޓޭނެ ނިޒާމެއް މިހާރު އެކުލަވާލެވިފައިވާ ކަމަށާއި، މިސޮފްޓްވެއަރގެ ޒަރިއްޔާއިން ހުރިހާ ތަފްސީލެއް އެނގޭނެ ކަމަށެވެ. ކޮންމެ ދުވަހަކު ކައުންސިލްތަކުން ކުރާ ހަރަދުތަކާއި ބަލައިގަންނަ އާމްދަނީ ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ދެން މިބަދަލާ ގުޅިގެން ވެސް އެކައުންޓަބަލްކޮށް ފައިސާގެ ނިޒާމު އެންމެ ރަނގަޅަށް ބައްޓަން ކުރެވޭނީ ކޮން ގޮތެއްތޯ ބަލައި ދުރާލާ އެމަސައްކަތްތައް އައީ ކުރަމުން. އޭގެ ތެރެއިން މިހާރު އަޅުގަނޑުމެން މިދެވުނު މާލީ ތަނަވަސްކަމާ އެއްކޮށް ފައިސާ ސިސްޓަމެއްގެ ތެރެއިން މިކަން ބެލެހެއްޓޭނެ ނިޒާމެއް މިހާރު ވާނީ އެކުލަވާލެވިފައި. އެ ނިޒާމު އެކުލަވާލުމަށްފަހު މިސޮފްޓްވެއަރގެ ޒަރިއްޔާއިން މިހާރު ހަމަ މާލީ ހުރިހާ މުއައްސަސާއަކަށް ހަމަ ލިބޭ ރިކުއެސްޓް ކުރާ ފަރާތްތަކުން. އެލްޖީއޭއިން ފިނޭންސް މިނިސްޓްރީން، ކައުންސިލްތަކުން ޑެއިލީ ކުރާ ހަރަދުތަކާއި ބަލައިގަންނަ އާމްދަނީއާ މިހުރިހާ ކަންކަމެއް ހަމަލައިވްކޮށް ބެލެން ހުންނާނެ. އަޅުގަނޑުމެން ވަކިން ޚާއްސަކޮށް ސޮފްޓްވެއަރއެއް ކައުންސިލްތަކުގައި ޑިވެލޮޕްކޮށްފައި އޭގެ ތެރެއިން ފައިސާގެ ނިޒާމުގެ ތެރެއިން ބެލެހެއްޓެމުން މިދަނީ. އެކަން އެންމެ ރަނގަޅަށް ކުރުމަށްޓަކައި އަޅުގަނޑުމެން ހަމަ މި 200 މުވައްޒަފުން 400 މުވައްޒަފުން ހަމަ މާލެ ގެނެސްގެން އޮންޖޮބް ޓްރެއިނިންގތައް ކުރިއަށް ގެންގޮސްފައިވޭ.އެލްޖީއޭގެ ޑިރެކްޓަރ އަބްދުﷲ ރަޝީދު
އެލްޖީއޭގެ ޑިރެކްޓަރ ޖެނަރަލް އާދަމް ޝަރީފް ވިދާޅުވީ ޒަމާނުއްސުރެ އަތޮޅުތެރޭގެ ރަށްރަށުގައި މާލީ ހިސާބުތައް ބެލެހެއްޓެމުން އައީ މާލީ ޒިންމާތަކެއް ހަވާލުކޮށްގެން ނޫން ކަމަށެވެ. އަދި އެއާ ބެހޭ ތަމްރީންތައް ދެވިގެން ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ. ހިސާބުކިތާބުތައް ބެލެހެއްޓުމުގައި އަމަލުކުރަން ޖެހޭ ގޮތަށް ބަދަލު އައީ ކުއްލިއަކަށް ކަމަށްވާތީ ކައުންސިލްތަކަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވިކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މިނިސްޓްރީތަކުގައި އަމަލު ކުރާ އުސޫލުން އޮޑިޓް ރިޕޯޓުތަކާއި މާލީ ސްޓޭޓްމެންޓްތައް ތަރުތީބުކޮށް އުސޫލުގެ ތެރެއިން ހުރިހާ ކަމެއް ބެލެހެއްޓުމަކީ މީގެ ކުރިން ކައުންސިލްތަކުން ކުރަމުން އައި ކަމެއް ނޫން ކަމަށެވެ. ޝަރީފް ވިދާޅުވީ ކުއްލި އަކަށް މިހުރިހާ ކަމެއް ކުރުމަށް ގާނޫނުން ލާޒިމް ކުރިއިރު މިމަސައްކަތްތައް ކުރާނެ ގާބިލް މީހުން ކައުންސިލްތަކުގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ކުރިއަށް އޮތްތަނުގައި މި މައްސަލަތަކަށް ވެސް ހައްލު ލިބޭނެ ކަމަށާއި، މިހުރިހާ ކަމަކަށް ކައުންސިލްތައް އަހުލުވެރި ކުރުވާނެ ކަމަށެވެ.