ކޮވިޑް-19 މި ބަލީގައި އިތުރު މީހަކު ނިޔާވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނީ ބުދަ ދުވަހުގެ ފަތިހު 05:50ގައި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އިމަރޖެންސީ ރޫމަށް ގެނެވުނު މީހަކު ހެނދުނު 06:00ގައި ނިޔާވެފައިވާ ކަމަށެވެ. އަދި މިހާރު އޮންނަ އުސޫލުގެ ދަށުން ހޮސްޕިޓަލަށް ގެންނަ ކޮންމެ މީހަކު ވެސް ކޮވިޑަށް ޓެސްޓްކުރާއިރު އޭނާ ކޮވިޑަށް ޓެސްޓު ކުރުމުން ޕޮޒިޓިވްވެފައި ވާކަމަށާއި އެއީ އުމުރުން 67 އަހަރުގެ ފިރިހެނެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާ ދަނޑިވަޅުގައި، އުމުރުން ދުވަސްވީ މީހުން މިބަލީގައި ނިޔާވާ މިންވަރު މިވަނީ އިތުރުވާން ފަށާފައެވެ. ކޮވިޑްގެ ތިންވަނަ ރާޅު ރާއްޖެއަށް ބިންދާލާފައިވާއިރު، ރައްޔިތުން ކޮވިޑް ނަގަނީ އާދައިގެ ބައްޔެއްގެ ގޮތުގައި ކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގެ މެމްބަރު ޑރ. އަޙްމަދު ޝަހީދު ވަނީ ވިދާޅުވެފައެވެ. ޝަހީދު ވިދާޅުވީ ކޮވިޑްގެ ތިންވަނަ ރާޅާއެކު ކޭސްތައް އިތުރުވާ މިންވަރުވަނީ ބޮޑުތަނުން އިތުރުވެފައި ކަމަށާއި، އެއާއެކު އެޗްއީއޯސީން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ވެސް ބަލި އާންމުން ނަގަނީ އާދައިގެ ބައްޔެއްގެ ގޮތުގައި ކަމަށެވެ.
ކޮވިޑްގެ ކޭސްތައް 100ން މަތީގައި ރިޕޯޓް ކުރެވެމުން އަންނަ އިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު ވަނީ އިތުރުވެ ނުރައްކަލުގެ ރަނގަބީލު ޖަހަން ފަށާފައެވެ. އެގޮތުން 200 އާ ގާތްކުރާ އަދަދަކަށް މިހާރު ވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ބަލި މީހުންނަށް އަންނަނީ ފަރުވާ ދެމުންނެވެ.