ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިޔާ (އެސްއައިއައި) އިން އުފައްދާ އިނގިރޭސިވިލާތުގެ އޮކްސްފޯރޑް ޔުނިވަރސިޓީއާއި އެސްޓްރާޒެނެކާ ގުޅިގެން ތައްޔާރުކޮށްފައިވާ އޮކްސްފޯރޑް-އެސްޓްރާޒެނެކާ ވެކްސިންގެ 10 މިލިއަން ޑޯޒް އިނގިރޭސިވިލާތަށް ލިބޭނެ ކަމަށް އެގައުމުން ހާމަކޮށްފިއެވެ.
އަންގާރަ ދުވަހުގެ އެގައުމުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިޔާގެ ފަރާތުން ކޮވިޝީލްޑް ވެކްސިންގެ 10 މިލިއަން ޑޯޒް ލިބޭނެ ކަމަށެވެ. އިނގިރޭސިވިލާތުގެ ސަރުކާރުގެ ސްޕޯކްސްޕަރސަން ރޮއިޓަރސްއަށް ބުނެފައިވަނީ އެގައުމުން އޮކްސްފޯރޑް-އެސްޓްރާޒެނެކާ ވެކްސިނުގެ 100 މިލިއަން ޑޯޒް އޯޑަރުކޮށްފައިވާ ކަމަށާއި އޭގެން 10 މިލިއަން ޑޯޒް ލިބޭނީ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިޔާއިން ކަމަށެވެ.
ދުނިޔޭގެ ވެކްސިން އުފައްދާ އެންމެ ބޮޑު ކުންފުނިކަމުގައިވާ ސިރަމްއާއެކު އޮކްސްފޯރޑް/އެސްޓްރަޒެނިކާއިން އެއްބަސްވެެފައިވަނީ އިނގިރޭސީވިލާތުގައި އޮކްސްފޯރޑް/އެސްޓްރަޒެނިކާއިން އުފައްދަމުން އަންނަ AZD1222 ވެކްސިންގެ ފޯމިއުލާއާ އެއްގޮތަށް ލާޖް ސްކޭލްގައި ވެކްސިން އުފެއްދުމަށެވެ. އެހެންކަމުން ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ވަކި ފޯމިއުލާއެއް އަދި ވަކި ވެކްސިނެއް ނުއުފައްދައެވެ.
ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ އާއި އެސްޓްރަޒެނެކާއާ ދެމެދު 2020 ވަނަ އަހަރުގެ ޖޫން މަހު ވެވުނު ލައިސަންސިން އެގްރީމެންޓެއްގެ ދަށުން ސެރަމްއިން ވަނީ އެސްޓްރަޒެނެކާ އާއި އޮކްސްފޯރޑް ޔުނިވާސިޓީގެ ކޮވިޑް-19 ވެކްސިންގެ އެއް ބިލިއަން ޑޯޒް އިންޑިއާގައި އުފެއްދުމަށް އެއްބަސްވެފައެވެ. ސިރަމްއިން މި އެއްބަސްވުން ނަގާފައިވަނީ ކުދި އަދި މެދުފަންތީގެ ގައުމުތަކަށް ވެކްސިން ހަލުވިމިނެއްގައި ފޯރުކޮށްދިނުމަށެވެ.
އިނގިރޭސިވިލާތުގައި އުމުރުން ދޮށީ މީހުންގެ ތެރެއިން ތިން ބައިކުޅަ އެއް ބަޔަށްވުރެ ގިނަ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު އިނގިރޭސިވިލާތުގައި ދުވާލެއްގެ މައްޗަށް ވެކްސިން ޖަހަމުންދާ އަދަދުތަކަށް ބަލާއިރު މިއަހަރު ނިމުމުގެ ކުރިން އެގައުމަށް ހަރޑް އިމިޔުނިޓީ ލިބޭނެކަމަށް ދިރާސާ ރިޕޯޓަކުން ބުނެފައިވެއެވެ. އަދި އިނގިރޭސިވިލާތް ވެގެންދަނީ ޔޫރަޕްގެ ބޮޑެތި ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ހަރޑް އިމިޔުނިޓީ ލިބޭނެ ގައުމަށް ކަމަށް އެ ރިޕޯޓުގައި ބުނެއެވެ. އެގައުމަކީ ފަސް ވަނައަށް އެންމެ ގިނަ އަދަދެއްގެ މީހުން މަރުވެގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ.