އިންޓަރޕޯލް ސެކިއުއަރ އިންފޮމޭޝަން ނެޓްވޯކްގެ އެކްސެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ދިނުމުގެ އެއްބަސްވުމުގައި އިންޓަރޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ (އެން.ސީ.ބީ) މާލެ އާއި އޭސީސީއާ ދެމެދު ސޮއިކޮށްފިއެވެ.
އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޓަރޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ (އެން.ސީ.ބީ) މާލޭގެެ ފަރާތުން ސޮއިކުރެއްވީ ހެޑް އޮފް އިންޓަރޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ (އެން.ސީ.ބީ) މާލެ، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޮމިޝަންގެ ރައީސާ މަރިޔަމް ޝިއުނާއެވެ.
އިންޓަރޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ (އެން.ސީ.ބީ) މާލެ އާއި އެންޓި ކޮރަޕްޝަން ކޮމިޝަނާ ދެމެދު ސޮއިކުރި އެ އެއްބަސްވުމުގެ ތެރެއިން އެންޓި ކޮރަޕްޝަން ކޮމިޝަންގެ މަސައްކަތްތަކާ ގުޅުންހުރި ދާއިރާއިން، އިންޓަރޕޯލްގެ އެކިއެކި ކްރިމިނަލް އިންފޮރމޭޝަން ޑޭޓާބޭސްތަކާއި ލޯއެންފޯރސްމަންޓް ކޭޕަބިލިޓީސް އަދި ޓޫލްސްގެ ބޭނުންކުރެވޭނެ ގޮތް މަގުފަހިވާނެއެވެ. އަދި މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ލިބުމަށް އިންޓަރޕޯލްގެ އެހީތެރިކަން ވެސް އެ އެއްބަަސްވުމުގެ ދަށުން ލިބޭނެއެވެ.
އިންޓަޕޯލް އަކީ ބޯޑަރ ހުރަސްކޮށް ހިނގާ ކުށްތައް ހައްލުކުރުމުގައި އެކި ގައުމުތަކުގެ ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދޭ ފުލުހުންގެ އިދާރާއެކެވެ. އެގޮތުން ފިލައިގެން އުޅޭ މުޖުރިމުން ހޯދުމާއި މިފަދަ އެކި މަސައްކަތްތައް ކުރާއިރު މީގެކުރިން ވެސް އެކި މަސައްކަތްތަކުގައި އިންޓަޕޯލްގެ އެހީތެރިކަން ރާއްޖެއަށް ލިބިފައިވެއެވެ. އިންޓަޕޯލްގެ ކޮންމެ މެންބަރު ގައުމެއްގައި، ނެޝަނަލް ސެންޓްރަލް ބިއުރޯ (އެންސީބީ) ގެ ނަމުގައި އިންޓަޕޯލްގެ އޮފީހެއް ވެސް ގާއިމްކޮށްފައި ހުރެއެވެ.