މި މަހުގެ ހަވަނަ ދުވަހު ކޮރެއާގައި ފެށުމަށް ހަމަޖެހިފައިވާ އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޒުވާން ނެޓްބޯޅަ ޓީމު އެގައުމަށް ދިއުމަށް ފުރައިފިއެވެ.
ޖުމްލަ ބާރަ ކުޅުންތެރިންނާއެކު އަންގާރަ ދުވަހު ހަވީރު ނެޓްބޯޅަ ޓީމު ކޮރެއާއަށް ފުރި އިރު، އެ މުބާރާތުގައި ރާއްޖެއިން ތަމްސީލްކުރާ ދެ އަމްޕަޔަރުންވެސް ވަނީ ޓީމާއެކު ގޮސްފައެވެ.
އޭޝިއާގެ ދިހަ ގައުމަކުން މި މުބާރާތުގައި ވާދަކުރާ އިރު، ރާއްޖެ ހިމެނެނީ ނިސްބަތުން ވަރުގަދަ ގްރޫޕެއްގައެވެ. އެގޮތުން ރާއްޖެއާ އެއް ގްރޫޕެއްގައި ހިމެނެނީ އަވަށްޓެރި ސްރީލަންކާ އާއި ހޮންގްކޮންގް، ޕާކިސްތާން އަދި ތައިލެންޑެވެ.
މުބާރާތުގައި ވާދަކުރުމަށް ކޮރެއާއަށް ފުރުމުގެ ކުރިން ޓީމުގެ ހެޑް ކޯޗު އައިމިނަތު ހަލީމް (ދިލް) ބުނީ މިއަހަރުގެ މުބާރާތުގައި އެޓީމުގެ ޓާގެޓަކަށް ވާނީ މިހާރު އޮތް ރޭންކަށްވުރެ އެއް ދަރައިޖައިގެ ކުރިއެރުމެއް ހޯދުން ކަމަށެވެ.
މި މުބާރާތުގައި މިހާރު ރާއްޖެ އޮތީ ރޭންކިންގެ އަށް ވަނައިގައެވެ. އެހެން ކަމުން ހަތްވަނަ މަގާމަށް ކުރިއަށްޖެހިލުމަށް މިފަހަރުގެ މުބާރާތުގައި ވަރަށް ބޮޑަށް މަސައްކަތްކުރާނެ ކަމަށް ދިލް ބުންޏެވެ.
ރާއްޖެއާ މުޅިން ތަފާތު މާހައުލެއްގައި މި މުބާރާތް ކުޅެންޖެހޭއިރު، ރާއްޖޭގެ ކުޅުންތެރިންނަށް ފިނީގެ އަސަރުކުރާނެ ކަމަށް ދިލް ބުންޏެވެ. އެހެން ނަމަވެސް އެންމެ ފަހުގެ މުބާރާތުގެ ތަޖުރިބާއަށް ބެލުމަށްފަހު މި މުބާރާތަށް ކުރިއާލާ އެކަމަށް ކޮންމެވެސް ވަރަކަށް ތައްޔާރު ވެވުނު ކަމަށް އޭނާ ބުންޏެވެ.
މީގެ އިތުރުން މުބާރާތަށް ދިއުމުގެ ކުރިން ކޮންމެވެސް ވަރަކަށް ކުޅުންތެރިންގެ އަނިޔާގެ މައްސަލަ އުޅޭ ކަމަށް ވެސް ދިލް ބުންޏެވެ. ސަބަބެއް ކަމަށް ދިލް ބުނީ އިންޑޯގައި ކުޅޭ މުބާރާތަކަށް ވެލި ދަނޑެއްގައި ފަރިތަކުރުންތައް ކުރިއަށް ގެންދަން ޖެހުމެވެ.
ދިލްގެ އިތުރުން މިޓީމަށް އިރުޝާދު ދޭނީ މިހާރު އަރަމުން އަންނަ ކުޅުންތެރިޔާ އަދި ކޯޗެއްގެ މަގާމުވެސް އަދާކުރަމުން އަންނަ ލޫނާ މޫސާ އެވެ.
ޓީމުގެ ކެޕްޓަން ހަމްނާ އަބްދުއްރަހްމާން (ހަންނަ) ބުނީ މިފަހަރުގެ މުބާރާތަށް ޓީމު ދަނީ ވަރަށް ދުވަހު ފަރިތަކުރުމަށްފަހު ބޮޑު އުންމީދުތަކަކާއެކު ކަމަށެވެ. އެގޮތުން ކުރިން މުބާރާތުގައި ވާދަކުރި އިރު ޓީމުގައި ހިމެނުނު ބައެއް ކުޅުންތެރިން މިފަހަރުގެ މުބާރާތުގައި ވެސް ހިމެނޭތީ އެއީ ލިބޭނެ އެޑްވާންޓޭޖެއް ކަމަށް އޭނާ ބުންޏެވެ.
ހަންނަ ވެސް އެންމެ ބޮޑަށް ފާހަގަކުރީ ރާއްޖޭގެ މާހައުލާއި ކޮރެއާގެ މާހައުލުގެ ތަފާތު ކަމެވެ. އެހެން ނަމަވެސް އޭނާ ބުނީ މިހާރު ޓީމުގައި ހިމެނޭ ކުޅުންތެރިންނަށް އެކަންކަން ވިސްނައިދީ އެކޮޅަށް ހޭނުމަށްޓަކައި ފަރިތަކުރުންތަކުގައި މަސައްކަތްތަކެއް ކުރެވިފައިވާނެ ކަމަށެވެ.
މިފަހަރުގެ މުބާރާތުގައި ޓީމްގެ ވައިސް ކެޕްޓަނަކަށް ހަމަޖައްސާފައި ވަނީ ސީނިއާ ނެޓްބޯޅަ ޓީމުގައި ވެސް ހިމެނޭ ހަނާން ހުސައިން އެވެ.
ރާއްޖޭގެ ނެޓްބޯޅަ ޓީމާއެކު ކޮރެއާއަށް ދިއުމަށް ފުރުމުގެ ކުރިން މުބާރާތުގައި ތަމްސީލްކުރާ ރާއްޖޭގެ އެއް އަމްޕަޔަރުކަމަށްވާ ރިލްވާން އާދަމް ބުނީ މިއީ މި މުބާރާތުގައި ތަމްސީލްކުރުމަށް ލިބުނު ދެވަނަ ފުރުސަތަށްވާ އިރު މިފަދަ ފުރުސަތެއް ލިބުމުން އެކަމުން ދޭހަވަނީ ރާއްޖޭގެ ނެޓްބޯޅައިގެ ލެވެލް މައްޗަށް ޖެހިފައިވާ މިންވަރު ކަމަށެވެ.
ރިލްވާން ބުނީ މި މުބާރާތުގައި ތަމްސީލްކުރާ އަމްޕަޔަރުންގެ ކޮލިޓީއަށް ބެލުމަށްފަހު އެ އަމްޕަޔަރުންނަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށާއި އެހެން ކަމުން މިހާރު ހުރި ހިސާބަށްވުރެ މައްޗަށް ދިއުމަށް މުބާރާތުގައި ރަނގަޅު ޕާފޯމަންސެއް ދެއްކޭތޯ ބުރަކޮށް މަސައްކަތް ކުރާނެ ކަމަށެވެ.
މި މުބާރާތުގައި އަމްޕަޔަރުކަން ކުރުމަށް ފުރުސަތު ލިބުނު ދެ އަމްޕަޔަރުންނަކީ ރިލްވާން އާދަމާއި ނަބީލް އިބްރާހީމެވެ. މީގެ ތެރެއިން ރިލްވާނަކީ މިދިޔަ އަހަރު އޮތް މި މުބާރާތުގައި ވެސް އަމްޕަޔަރުކަން ކޮށްފައިވާ ފަރާތެކެވެ.
މި މުބާރާތަށް ޓީމު ފުރުމުގެ ކުރިން ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކުރުމަށް އާދިއްތަ ދުވަހު ވަނީ ޔޫތު މިނިސްޓްރީގައި ކުރު ހަފްލާއެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މިހަފްލާގައި ކުޅުންތެރިންނާ މުހާތަބުކޮށް ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ ގައުމީ ޖާޒީގައި ރާއްޖޭން ބޭރުގެ މުބާރާތްތަކުގައި ވާދަކުރާއިރު ރާއްޖެއަށް ރީތި ނަމެއް ހޯދައިދިނުމަށް ހުރިހާ ކުޅުންތެރިންވެސް މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މި މުބާރާތް ކުރިއަށްދާނީ މި މަހުގެ 6 އިން 13 އަށް ދެކުނު ކޮރެޔާގެ ޖިއޮންޖޫގައެވެ.