މިދިޔަ އަހަރު ދައުލަތަށް ޖުމްލަ އާމްދަނީއެއްގެ ގޮތުގައި 17.7 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ދައުލަތުގެ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ.
އެމްއެމްއޭގެ ތަފާސް ހިސާބުގައި ބުނެފައިވާގޮތުގައި މިދިޔަ އަހަރު ލިބުނު އާމްދަނީ އަކީ އޭގެކުރިން އަހަރުގެ އާމްދަނީއަށްވުރެ ބޮޑު އަދަދެކެވެ. އެގޮތުން 2015 ގައި ލިބުނު އާމްދަނީއަށްވުރެ މިދިޔަ އަހަރު ލިބުނު އާމްދަނީއަކީ އެއް ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
މިދިޔަ އަހަރު ދައުލަތަށް ލިބިފައިވާ އާމްދަނީގެ އެންމެ ބޮޑު ބައެއް ކަވަރުކޮށްފައިވަނީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. އެގޮތުން ޓެކްސްގެ ގޮތުގައި މިދިޔަ އަހަރު ވަނީ 13.1 ބިލިއަން ރުފިޔާ ލިބިފައި ކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުން ދައްކައެވެ.
ޓެކްސްގެ ގޮތުގައި ބޮޑު އާމްދަނީއެއް ލިބިފައިވާއިރު ގްރީން ޓެކްސްގެ ގޮތުގައި އެކަނިވެސް މިދިޔަ އަހަރު ވަނީ 650 މިލިއަން ރުފިޔާ ވަނީ ލިބިފައި ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.
ޓެކްސް ނޫން ގޮތުގައި އަމްދަނީއަށް ވަނީ 3.7 ބިލިއަން ރުފިޔާ ލިބިފައެވެ. އެއީ 2015 ވަނަ އަހަރަށްވުރެ ދަށް އަދަދެކެވެ.
އާމްދަނީ އިތުރުކުރުމަށް ހުށަހެޅުނު އާ ކަންތައްތަކަށް ބަލާއިރު މިދިޔަ އަހަރު ނިމުނުއިރު ތަންފީޒުކުރެވިފައިވަނީ ހަމައެކަނި ރެމިޓެންސް ޓެކްސް ނެގުން އެކަނި ކަމަށް އެމްއެމްއޭއިން ބުނެއެވެ.