ކ. މާލެ
|
2 މާރޗް 2021 | އަންގާރަ 11:40
ރެއާލާއި ސޮސިއެޑާޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން
ރެއާލާއި ސޮސިއެޑާޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން
ގެޓީ އިމޭޖަސް
ސްޕެނިޝް ލީގު
ސޮސިއެޑާޑް އަތުން ފަހު ވަގުތު ރެއާލް ސަލާމަތްވެއްޖެ
 
ރެއާލާއި ސޮސިއެޑާޑް ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ން
 
ތާވަލުގެ ތިންވަނައިގައި ރެއާލް އޮތީ 53 ޕޮއިންޓާއެކު

ސްޕެނިޝް ލީގުގައި ހޯމަ ދުވަހުގެރޭ ރެއާލް ސޮސިއެޑާޑް އަތުން ފަހު ވަގުތު އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ބަލިނުވެ ސަލާމަތްވެއްޖެއެވެ.

ރެއާލުގެ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، މި ހާފުގައި ރެއާލުގެ މަރިއާނޯ ޑިއާޒް ބޮލުން ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ. އެކަމަކު މެޗުގެ ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި ސޮސިއެޑާޑުން ވަނީ މެޗުގައި ލީޑު ނަގާފައެވެ. ރެއާލުގެ ޑިފެންޑަރު ފާލަންޑް މެންޑީ ހެދި ގޯހެއްގެ ފައިދާނަގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕޫޓޯއެވެ. މި މެޗުން ރެއާލް ބަލިނުވެ ސަލާމަތްވީ މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ވިނީޝިއުސް ޖޫނިއާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި މެޗުގައި ވިނީޝިއުސް ލަނޑު ޖެހިއިރު، މި މެޗަކީ އޭނާ ރެއާލުގެ ޖާޒީގައި ކުޅުނު 100 ވަނަ މެޗެވެ.

ސޮސިއެޑާޑް އަތުން ރެއާލަށް ޕޮއިންޓެއް ލިބުނުއިރު، މި ނަތީޖާއާއެކު ތާވަލުގެ ދެވަނައަށް އަލުން އަރަން ލިބުނު ފުރުސަތު ރެއާލުން ވަނީ ނަގާލާފައެވެ. އެގޮތުން ދެވަނައިގައި އޮތް ބާސެލޯނާ އާއި ތިންވަނައިގައި އޮތް ރެއާލަށް 25 މެޗުން ލިބިފައިވަނީ 53 ޕޮއިންޓެވެ. މީގެ ތެރެއިން ބާސާ ކުރީގައި އޮތީ ލަނޑުގެ ތަފާތުންނެވެ. އަދި ތާވަލުގެ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވަނީ 24 މެޗުން 58 ޕޮއިންޓް ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް