ބާސެލޯނާގެ ރައީސްގެ މަގާމުން އިސްތިއުފާދީފައިވާ ޖޯސެފް މާރިއާ ބާޓޮމެއު ހައްޔަރުކޮށްފިއެވެ.
ބާޓޮމެއު ހައްޔަރުކުރިކަން "ގޯލް.ކޮމް" އިން ވަނީ ކަށަވަރުކޮށްދީފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ހޯމަ ދުވަހުގެ ވަގުތެއްގައި ކަޓަލޯނިއާގެ ފުލުހުން ބާޓޮމެއު ހައްޔަރުކުރީ ކޭމްޕް ނޯގައި ހުންނަ ބާސާގެ އޮފީސް ބަލައި ފާސްކުރުމަށްފަހުއެވެ. އަދި ފުލުހުން ކުރިއަށްގެންދާ މި ތަހުގީގުގައި ބާޓޮމެއު އާއި އިތުރު ތިން މީހަކުވެސް ހައްޔަރުކޮށްފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އެގޮތުން އެ ތިން މީހުންނަކީ ބާސާގެ ސީއީއޯ އޮސްކާ ގްރައު އާއި، ބާޓޮމެއުގެ އެޑްވައިޒަރު ޖައުމޯ މަސްފެރޭގެ އިތުރުން ބާސާގެ ހެޑް އޮފް ލީގަލް ސާވިސަސް ރޯމާ ގޯމޭޒް ޕޮންޓީ ކަމަށްވެސް ސްޕެއިނުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
ރިޕޯޓުތައް ބުނާ ގޮތުން މި މީހުން ހައްޔަރުކުރީ ބާޓޮމެއުގެ ދައުރުގައި ބާސާއިން ބާޓޮމެއު ދިފާއުކޮށް، އޭނާއާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވައްޓާލުމަށްޓަކައި ކުންފުންޏެއްގެ އެހީ އެ ކުލަބުން ހޯދި ކަމުގެ ތުހުމަތުގައެވެ. އެގޮތުން ބާސާގެ ކެޕްޓަން ލިއޮނެލް މެސީ އާއި، ޖެރާޑް ޕީކޭ އާއި، ކުރީގެ ކުޅުންތެރިން ކަމަށްވާ ޒަވީ ހެނާންޑޭޒް އާއި، ކާލްސް ޕުޔޯލް އަދި ކުރީގެ ކޯޗު ޕެޕް ގާޑިއޯލާގެ އަގުވައްޓާލަން ޓްވިޓާ އާއި ފޭސްބުކުގައި މަސައްކަތްކޮށްފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ. އަދި އެކަން ކުރުމަށް އެ ކުންފުންޏަށް ހަ ފަހަރެއްގެ މަތިން ބާސާއިން ޚަރަދުކޮށްފައިވާ ކަމަށްވެސް ތުހުމަތުކުރެވެއެވެ.
މި ތުހުމަތުތަކާ ގުޅިގެން ބާޓޮމެއު ހައްޔަރުކުރިއިރު، މީގެ ކުރިން މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ބާސާ ބޯޑުގެ ހަ މެންބަރަކު ވަނީ އިސްތިއުފާދީފައެވެ. އަދި ފަހުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ބާޓޮމެއު އާއި އެ ކުލަބުގެ ހުރިހާ ބޯޑު މެންބަރުން ވަނީ މަގާމުން އިސްތިއުފާދީފައެވެ.
ބާޓޮމެއު އަކީ ބާސާގެ 40 ވަނަ ރައީސެވެ. އޭނާ އެންމެ ފުރަތަމަ ބާސާގެ ރައީސްގެ މަގާމާ ހަވާލުވީ 2014 ވަނަ އަހަރު އޭރުގެ ރައީސް ސަންޑްރޯ ރޮސެލް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭގެ ފަހުން 2015 ވަނަ އަހަރު ބޭއްވި އިންތިޚާބު ބާޓޮމެއު ކާމިޔާބުކުރެއްވިއެވެ. ބާސާގެ ރައީސްގެ މަގާމުން ބާޓޮމެއު އިސްތިއުފާދީފައިވާއިރު، އެ ކުލަބުގެ އިންތިޚާބު މި މަހުގެ ހަތްވަނަ ދުވަހު ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.